ގެފުޅު ތަޅާލަން އުޅުނު ރަސްގެފާނު
        ގެފުޅަކީ މާތްރަސްކަލާނގެ ފަރާތަށް މީހުން އެނބުރި، ތައުބާވެ، ރޯން، އަންނަ ތަނެއްގެ ގޮތުގައި ޒަމާނުންސުރެ ބޭނުންކުރެވޭ މުޤައްދަސް ބިނާއެކެވެ. އެތަނުގެ ތާރީޚު އާދަމުގެފާނާ ހަމައަށް އުފުލެއެވެ.  ގެފުޅަކީ މާތް ﷲއަށް އަޅުކަންކުރުމަށް ބިންމަތީގައި އެންމެ ފުރަތަމަ ކުރެވުނު ބިނާއެވެ. މިކަން ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ﴾ (آل عمران: ٩٦) މާނައީ: "ހަމަކަށަވަރުން، މީސްތަކުންނަށް ޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، މައްކާގައި ހުންނަ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވައިފައި ވާ ތަނެއްގެ ގޮތުގައެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ." އެހެން ކަމުން ގިނަ ބަޔަކު އަބަދުވެސް ޒިޔާރަތް ކުރާ ތަނެއްގެ ގޮތުގައި ގެފުޅު އޮންނަނީ ވެފައެވެ.  މީހުން ގިނައިން އެއް ތަނަކަށް އެއްވެ އުޅުމަކީ އެ ތަނެއްގައި އިޖްތިމާޢީ ޙަރަކާތްތައް އިތުރުވެ އިޤްތިޞާދީ ބުރު، ބާރަށް އެނބުރޭނެ ސަބަބެއް ވެސް މެއެވެ. އެތަނެއްގައި ވިޔަފާރީގެ މުޢާމަލާތްތައް ވެސް އިތުރު ވާނެއެވެ. އެހެންކަމުން އޭރުވެސް މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން ޖަމާވާ މައްކާއަކީ ފުދުންތެރި ތަނަވަސް ތަނެކެވެ. އެތަނުގައި އެކި ޤައުމުތަކުގެ އުފެއްދުންތައް ފަސޭހަކަމާ އެކު ވިއްކެއެވެ. އެތަން ވެފައި އޮންނަނީ ޘަޤާފަތްތައް ބައްދަލުވާ ތަނެއްގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ބާޒާރެއްގެ ގޮތުގައި ވެސް މެއެވެ.  އެ ޒަމާނުއްސުރެ މިއަދާ ހަމައަށް ވެސް އިސްލާމީ ޤައުމުތަކުގެ ކުދިބޮޑު އެންމެން މައްކާއަށް ދަނީ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައެވެ. އަދި ކިޔެއް އެކަމަށް އެދިއެދިތިބެ ދާހިތުން ލޯބިންނެވެ. ޤައުމުތަކުގެ ވަޒީރުންނާއި ނައިބުންނާއި އަމީރުންނާއި ޝާހީ އެތައް ބަޔަކު ޢިއްޒަތާއި ޝަރަފުގައި މައްކާއަށް ގޮސްއުޅެނީ އެތަނުގެ އިލާހީ މުޤައްދަސް ރަމްޒުން ހިތްހަމަޖެހުން ހޯދާ މާތް މަތިވެރި ﷲއަށް ތައުބާވެ ނަފުސު އިޞްލާޙުކުރުމަށެވެ. މި ސަބަބާހުރެ މުޅި ދުނިޔޭގެ ހުރިހާ ބިތެއްގައި މައްކާގެ ވާހަކަ ދެކެވެއެވެ. އެ ތަނުގެ އުޚުރަވީ ފައިދާއާއި ދުނިޔަވީ ފައިދާގެ މޮޅުކަމުގެ ޒިކުރު ކުރެވެއެވެ.  ޔަމަނުގެ ރަސްކަމަށް އިސްވި އަބްރަހާ، އިޤްތިޞާދީ ގޮތުން އޭނާގެ ޤައުމު އެންމެ ކުރިޔަށް އަރުވަން ބޭނުންވެ އެކަން ކުރާނެ ގޮތުގެ ރަނގަޅު ވިސްނުމެއް އުފެއްދިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން އޭނާގެ ޤައުމަށް ގެނެވޭނެ ގޮތަކާމެދު ރަނގަޅު ބުއްދިއެއް ކުރިއެވެ.  މި އަބްރަހާއަކީ އަސްލު އަސްކުމް (މި ޒަމާނުގެ އިތިޔޯޕިޔާ) މީހެކެވެ. އެ ޤައުމުގެ އަސްކަމައިޓް ސިފައިގެ ޖެނެރަލަކަށް ހުރި މީހެކެވެ. އޭނާއަކީ ނަޞްރާނީއެކެވެ. އޭނާގެ ޤިޔާދަތުގައި ޔަމަނާ ހަނގުރާމަކޮށް އޭރު އެ ރަށުގައްޔާއި ޢަރަބި ޤައުމުތަކުގެ ބޮޑު ބައެއްގައި ވެރިކަން ކުރަމުންދިޔަ ޔަހޫދީ ވެރިއެއް ކަމަށްވާ ޛުއްނުވާސްގެ މައްޗަށް ނަޞްރުހޯދާ ޔަމަނަށާއި އެ ސަރަޙައްދުގެ ރަށްތަކުގެ ވެރިކަމަށް މި އަބުރަހާ އިސްވިއެވެ. އަބުރަހާގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީންގެ މައްޗަށް ނަޞާރާއިންގެ ވެރިކަން ހިންގުމާއި ނަޞްރާނީ ދީން ކުރިއެރުވުމެވެ.  އަބްރަހާ ޔަމަނުގެ ވެރިކަމަށް އިސްވީ ބައިޒަންތީނުންގެ ވެސް އެއްބާރުލުމާ އެކުއެވެ. އޭރު މީސްތަކުން މައްކާއަށް ގޮސްއުޅުން ހުއްޓުވައި، ހުރިހާ ޢަރަބިން ޔަމަނަށް ޖަމާކުރުން އެއީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީގޮތުން ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަބްރަހާއަށް ފެނުނެވެ. އެހެންކަމުން މީސްތަކުން މައްކާއަށް ގޮސްއުޅޭ ސަބަބު ބަލައި އެއާ އެއްވަރުގެ ބަދަލެއް މީސްތަކުންނަށް ހޯދައި ދިނުމަށް އޭނާ ގަސްތުކޮށް އަޅުކަން ކުރާނެ ފައްޅިއެއް ޔަމަނުގެ ސަންޢާގައި ބިނާކުރިއެވެ.  ޔަމަނުގެ ވެރިރަށް ސަންޢާގައި އަބްރަހާ ބިނާކުރި ނަޞްރާނީ ފައްޅިއަށް ކިޔާ ނަމަކީ "ކަނީސަތުލްޤާލިސް" އެވެ. އަލްޤާލިސްގެ މާނައަކީ ގިނަ މީހުން ޖަމާވާ ބޮޑު ތަނެވެ. އެހެންކަމުން މި ކަނީސާއަކީ ހުރިހާ ޢަރަބިން ދެން ޖަމާވާންވީ ތަނުގެ ގޮތުގައި އަބްރަހާ އުންމީދުކުރިއެވެ. އަލްޤާލިސް ބިނާކުރުމުގައި ބައިޒަންތީނުން ވެސް އެއްބާރުލުން ދިނެވެ. އެއީ އިލާހީ މަސައްކަތެއް ކަމުގައި ދެއްކުމުގެ އިތުރުން ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ވެސް މެއެވެ.  އަލްޤާލިސް ފައްޅި ހަދާފައި ހުރީ އެ ޒަމާނަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅުކޮށެވެ. އެ ތަނުގެ ފާރުތަކާއި ތަޅުން ހަދާފައި ވަނީ ސަންގުމަރުމަރުންނެވެ. އެތަނުގެ ދޮރުތައް ލޮއިންނެވެ. އެތަން ޒީނަތްތެރިކުރުމަށް ޓަކައި ޖަވާހިރާއި ތަފާތު އެކިއެކި މައުދަންތައް ބޭނުންކޮށްފައި ހުއްޓެވެ. މި ތަކެތި ޔަމަނަށް ގެނައީ އެފްރިކާގެ އިތިޔޯޕިޔާއިންނާއި ރޫމުގެ ބައިޒަންތީނުންނެވެ. އޭރު ބައިޒަންތީނުގެ ވެރިކަމުގައި ހުރި ޖަސްޓީނިއަން-I (އެކެއް) އަބްރަހާއަށް ހިތްވަރާއި އެއްބާރުލުން ދިނުމުގެ ގޮތުން ޝާހީ ޒާތުގެ މޮޅު ފަރުނީޗަރާއި ޖަވާހިރާއި އެ ނޫން ވެސް އަގުބޮޑު އެތައް އެއްޗެއް ކަނީސަތުލްޤާލިސް ހެދުމަށް ފޮނުވިއެވެ.  މިހާ ރަނގަޅު ފެންވަރެއްގައި އެ ކަނީސާ ހަދައިގެން ޢަރަބި ހުރިހާ ޤައުމަކަށް އޭނާ ދައުވަތުދިނެވެ. އޭނާގެ ކިބައިން އެހީ ހޯދާ އެހެން ޤައުމުތަކުގެ ވެރިންނަށް މޮޅު ޖާފަތާއި ރަނގަޅު ކޭންތައް ތައްޔާރުކޮށްގެން އެ މީހުން ގެނެސް، އަލަށް ތައްޔާރު ކުރި ކަނީސާގެ ވާހަކަ ދައްކައި ހެދިއެވެ. އަދި މައްކާ ދޫކޮށް އަޅުކަމަށް މިތަން އިޚްތިޔާރު ކުރުމަށް އެދުނެވެ. އަދި ހަމަ އެހެންމެ މުޙައްމަދު އިބުނު ޚުޒާޢީ އެވެ ކިޔުނު މީހަކު މައްކާއަށާއި ތިހަމަށް ފޮނުވައިގެން ކަނީސަތުލްޤާލިސްގެ މޮޅު ވާހަކައިން މީހުންނަށް މަޢުލޫމާތުދީ، މައްކާ ދޫކޮށް އެ ތަނަށް ޙައްޖުވުމަށް އަޑުއުފުލުވިއެވެ.  މި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވީ އެއްވެސް ފައިދާއެއް ނެތް ގެއްލުން ލިބުނު ބޮޑު "ސުމެކެވެ." ޢަރަބިން އޭނާގެ އައު ކަނީސާ އެއީ މުޤައްދަސް ތަނެއް ކަމުގައި ބަލައެއް ނުގަތެވެ. އޭނާއަކަށް މީސްތަކުންގެ މޫނު ﷲގެ ގެކޮޅުން އަނބުރައެއް ނުލެވުނެވެ. އޭނާ އެދުނު ސިޔާސީ ފައިދާ އެއްވެސް އަދި އިޤްތިޞާދީ މަންފާ އެއްވެސް ހާސިލުވާ ގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވީ އެއައި ރުޅީގައި ގެފުޅު ތަޅައިލާ، އަޅުކަމުގެ ގޮތުން ކުރިމަތިލާނެ ހަމައެކަނި ތަނަކީ އޭނާގެ ކަނީސާ ކަމުގައި ހެދުމެވެ. އެ ގޮތުން އޭނާގެ އާރާއި ބާރާއި ޝާނާއި ޝައުކަތު އެންމެ ރަނގަޅަށް ފެންނާނެހެން މީސްތަކުން ބިރުގަނެ ފަހަތަށް ޖެހޭނެވަރުގެ ލަޝްކަރެއް ތައްޔާރުކޮށް ގެފުޅުތަޅާލުމުގެ މަސައްކަތް ފެށީއެވެ.  ގެފުޅު ތަޅާލުމަށް މައްކާއަށް ގޮސް އެ ކަމުގެ ޢަމަލީ މަސައްކަތް ވެސް ފެށިއެވެ. އެހެންނަމަވެސް އެ ޖައްބާރު ރަސްގެފާނުގެ މަކަރުވެރި ރޭވުންތަކާއި އަނިޔާވެރި ހަމަލާއިން ޢާލަމްތަކުގެ ވެރި އިލާހު އެއިލާހުގެ ގެފުޅު ސަލާމަތް ކުރެއްވިއެވެ. އަބްރަހާގެ އެތްތަކުގެ ލަޝްކަރަށް ހަމަލާދިނުމަށް ފޮނުއްވެވީ އަބާބީލެވެ ކިޔުނު ކުދި ދޫނިތަކެކެވެ. އެ ދޫނިތައް އޭގެ ތުނބުގައްޔާއި ދެފައިންކުރެ ކޮންމެ ފަޔަކުން ގިނިހިލަކޮޅެއް ހިފައިގެން ގޮސް އެ ލަޝްކަރުގެ މައްޗަށް އޮއްސައިލިއެވެ. ސަލާމަތްވާނޭ އެއްވެސް ގޮތެއް އެ ލަޝްކަރަށް ނުފެނުނެވެ. އެތްތައް މަރުވެ މީހުންތައް ވެސް މަރުވީއެވެ. އެއްބަޔަކު ފިލައިގެން އަނބުރާ ޔަމަނަށް ދިޔައެވެ. އަބްރަހާ ވެސް ވީ ފިލައިގެން ޔަމަނަށް ދިޔަ މީހުންގެ ތެރެއިންނެވެ. އޭނާ މަރުވީ އެ ދޫނިތަކުގެ ހަމަލާއިން ލިބުނު އަނިޔާގެ ވޭނުގައި އުޅުމަށްފަހުއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ