ކުރިން ސިޔާސީ މިތުރުންގެ ގޮތުގައި ފެނިގެން ދިޔަ ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު ފާޅުކަން ބޮޑު ނުތަނަވަސްކަމުގެ އުފެދިފައި އޮތްއިރު އަބްދުއްރަހީމްގެ ބަހުގެ "ހަމަލާއެއް" ދޫކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުވެ، ސިޔާސީ ބާރުވެރިކަން މުއިއްޒު އަށް ފުރިހަމަ ލިބިވަޑައިގަންނަވަން ދެން، "އަޚުންގެ" ގޮތުގައި ފެނިގެން ދިޔަ އެ ދެ ބޭފުޅުން ދުރުވެ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވިޔަސް، ޕާޓީ ހިންގުމުން ވެސް އަބްދުއްރަހީމް ދުރުކޮށް، އެމަނިކުފާނުގެ ދޮށީ ދަރިކަލުން، ޓޫރިޒަމް މިިނިސްޓަރު ފައިސަލް ވެސް އެ މަގާމުން ވަކިކުރި އެވެ.
އެތައް މަހެއްގެ މި ފަދަ ހަލަބޮލި ކަމަށް ފަހު އަބްދުއްރަހީމްގެ އުފަން ރަށް، ލ. ފޮނަދޫ އަށް މުއިއްޒު ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި މުއިއްޒަށް ތައުރީފު ރައްދު ކުރެއްވި ނަމަވެސް، އަބްދުއްރަހީމް ދޫކޮށްލެއްވީ ފުން މާނަތަކެއް އެކުލެވޭ ބަސްތަކެކެވެ.
ރޭގެ ޕޯޑިއަމްގައި ގިނަ ވަގުތު ހޭދަ ވެއްޖެކަން ފާހަގަ ކުރެއްވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ "މިކަހަލަ ޕޯޑިއަމްއެއްގައި އެއްޗެއް ބުނެލަން މިހާރު ވަރަށް ނުލިބޭ" ކަމަށެވެ. އެއީ ހުންނަވަން ޖެހިވަޑައިގެންފައިވާ "މަގާމުގެ ގޮތުން" ކަން ފާހަގަ ކުރެއްވި އެވެ.
އިޝާރާތް އެ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ކަމަށް ވިޔަސް، ކުރިން ޕީޕީއެމް/ޕީއެންސީގެ ޕޯޑިއަމްތައް ކޮންޓްރޯލް ކުރެއްވީ އެމަނިކުފާނެވެ.
ރިޔާސީ އިންތިހާބުގައި މުއިއްޒާއެކު ކޮންމެ ދަތުރެއްގައި ބައިވެރިވެވަޑައިގެން ޕާޓީގެ މެންބަރުންނަށް އެންމެ ވަރުގަދައަށް ޖޯޝް ގެނެސްދެއްވީ ވެސް އަބްދުއްރަހީމްގެ ފޯރިގަދަ ތަގުރީރުތަކުންނެވެ.
އެމަނިކުފާނު ގެންނެވި ޕީއެންސީގެ ވެރިކަމެއްގައި ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންފައިވާ ހިތްދަތިކަމާއެކު ރޭ ދެއްކެވި ވާހަކައިގައި ވިދާޅުވީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކީގައި ރަނގަޅު ގޮތާއި ހެޔޮ ގޮތް އެނގިގެން މަސައްކަތް ކުރުމުގެ ހެޔޮ ތައުފީގު "އަޅުގަނޑުމެން އެންމެންނަށް" މާތް ﷲ މިންވަރު ކުރެއްވުމަށެވެ.
"ވަގުތާއި ހާލަތާއި ޒަމާން އެއީ ބަދަލުވާ އެއްޗެއްކަން ދަނެގެން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވާނީ،" އެތައް ސަތޭކަ ޅެމެއް ހައްދަވާފައިވާ އަދީބު، އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޮންނާނީ ހާލަތާއި ވަގުތަށް ކެތްތެރިކަމާއެކު ކުރިމަތި ލައިގެން ކުރިއަށް ދިޔުން."
މި ވާހަކަތައް ވިދާޅުވިއިރު އެއްވެސް ބޭފުޅެއްގެ ނަމެއް އަބްދުއްރަހީމް ފާހަގަ ނުކުރައްވަ އެވެ.
ޕީއެންސީގައި މިވަގުތު ހުންނެވި ސިޔާސީ ތަޖުރިބާގައި އެންމެ ދޮށީ އެއް ބޭފުޅަކީ އެމަނިކުފާނެވެ. ރާއްޖޭގެ ސިޔާސީ ތާރީހާއި ސިޔާސީ ބާރުވެރިކަން ލިބިވަޑައިގަންނަވާ ގޮތާއި ވެރިން އޮއްސިގެންދާ ގޮތް އެ މަނިކުފާނަށް ތަޖުރިބާ ކުރެއްވިފައިވެ އެވެ.
މުއިއްޒުގެ ބާރުވެރިކަން ގަދަކޮށް، އަބްދުއްރަހީމްގެ ފިޔަ ކޮށާލާފައި ވާއިރު އިޝާރާތް އެ ކުރެއްވީ އެފަދަ ކޮންމެ ހާލަތެއް ބަދަލުވާނެ ކަމުގެ މައްޗަށް ކަމަށް ބެލެވެ އެވެ.
މުއިއްޒުގެ ވެރިކަމުގައި ބަރަކާތާއި ކާމިޔާބީ އިތުރު ކުރެއްވުމަށް ވެސް އަބްދުއްރަހީމް ދުއާ ކުރެއްވި އެވެ.
ރައީސް އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު އެންމެ ގިނަ ވައުދުވެވަޑައިގެންނެވި އެއް ރަށަކީ ފޮނަދޫ އެވެ. ނަމަވެސް މި ވެރިކަމަށް ދެ އަހަރު ވުމަށް ގާތްވެފައި ވާއިރު، އެ ވައުދުތައް ނުފުއްދާތީ ރަށުގެ ރައްޔިތުންގެ ނުތަނަވަސްކަން އެބަ އޮތެވެ.
ނަމަވެސް ރައްޔިތުންގެ އެ ނުތަނަވަސްކަން ތިލަ ނުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރަށަށް ތަރައްގީ ގެނައުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ދައްކަވަން ޖެހިވަޑައިގެންނެވި ކޮންމެ ވާހަކައެއް ދައްކަވާނެ ކަމަށެވެ.
އަބްދުއްރަހީމްގެ ބަހުގެ ހަމަލާއެއް؛ "ވަގުތާއި ހާލަތު ބަދަލުވާނެކަން ދަންނަންޖެހޭ" އަބްދުއްރަހީމްގެ ބަހުގެ ހަމަލާއެއް؛ "ވަގުތާއި ހާލަތު ބަދަލުވާނެކަން ދަންނަންޖެހޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ