ކެމޮމައިލް 58
"މަރު އަންނާނީ އިންޒާރެއް ދީފައެއް ނޫނެވެ. އަބަދުވެސް ތިބެންޖެހޭނީ މަރަށް ތައްޔާރުވެގެންނެވެ. މިއީ ކުރު ހަޔާތެކެވެ. ދާއިމީ ގޮވަތިވަނީ މި ދުނިޔޭގައެއްނޫނެވެ.މަރުވުމަށްފަހު ހަގީގީ ދުނިޔެއަށް ލޯ ހުޅުވައިލެވެނީއެވެ. ވީމާ ﷲ ދުނިޔެއަށް ފޮނުއްވި މަގުސަދު ހަނދާންނައްތާ ނުލާށެވެ. އަޅުކަން ކުރުމަށް ގިން ވަގުތު ހޭދަކުރާށެވެ." *** ޒުބޭރުގެ ފައިވާން ދޮރުމަތީގައި ހުރުމުން އެނބުރި އައީކަން އެނގުނެވެ. މިރޭ އަވަހަށް ގެއަށް އައީއެވެ. އޭނަ ހަމަޖެުމުގެ ނޭވާއެއްލާފައި ދޮރު ކުޑަކޮށް ކޮށްޕައިލިއެވެ. އެތެރެއަށް ވަނުމާއެކު ގޭތެރެއިން އާއްމުކޮށްއިވޭ ދަންނަ ފަރިތައަޑުތައް ކަންފަތުގައި ޖެހުނެވެ. ޒުބޭރުގެ އަޑުގައިވި އަވަސްކަމާއި ކަންބޮޑުވުމުން އޭނަގެ ނަފުސް ގަނޑުވާގޮތްވިއެވެ. އޭނަގެ މަންމަ އޮތީ ސޯފާ މައްޗަށް ވެއްޓިފައި ކަހަލަ ގޮތަކަށެވެ. ބޯ އަރިއަކަށް އެލިފައި އޮތްއިރު ތުންފަތް ކުޑަކޮށް ދުރުވެފައެވެ. ބޮލުގައި އޮޅާފައިވާ ސްކާފްވެސް ކައްސާލާފައިވާއިރު ރިހިކުލައިގެ އިސްތަށިތައް ނިތުމައްޗަށް ވެއްޓިފައެވެ. ޒުބޭރު މަންމަގެ ކައިރީގައި ކަކޫ ޖައްސާލައިގެން އިނދެ މަޑުމަޑުން އަތުގައި ހިފާ ތަޅުވަމުން ދިޔައެވެ. މިރިއަމްގެ މޭގަނޑު އަނގަޔަށް އައެވެ. މަންމައަށް މިއޮތީ ކިހިނެއްވެފައިހެއްޔެވެ؟ ފިޓްޖެހިގެން ބަލިވާއިރުވެސް މިފަދަ ހުދުކަމެއް މަންމަގެ މޫނަކުން ނުފެނެއެވެ. ވިދުވަރެއްހެން އައިސް އޭނައަށް މަންމަގެ ގައިގާ ހިފަހައްޓައިލެވުނެވެ. "މަންމާ؟ މަންމަ ލޯ ހުޅުވަަބަލަ...ހެޔޮނުވާނެ. ލޯ ހުޅުވަބަލަ.. ކިހިނެއްވީ މަންމާ.....އެއްޗެކޭ ބުނެބަލަ......" "ހަމަ ރީތިކޮށް ވާހަކަ ދައްކަން އިނދެފައި....ކުއްލިއަކަށް...މިރިއަމް އަވަހަށް އެމްބިއުލެންސަށް ގުޅާބަލަ....ހަމަ މިހާރު...." އޭނަ ފޯނު ހުޅުވިއިރު އިނގިލިތައް ތުރުތުރުލައެވެ. ނަމްބަރުތައްވެސް ލޮލުގެ ތެރޭގައި ފަތަމުންދާފަދައެވެ. އެވަރުންވެސް އޭނަ އެ މަސައްކަތްކާމިޔާބުކުރިއެވެ. ފޯނަށް ޖަވާބުދިން ކުއްޖާއަށް އެޑްރެސް ކިޔާދިންއިރު އޭނަގެ އަޑު ކެނޑޭގޮތްވިއެވެ. އެއަށްފަހު މަންމަގެ އަތުގައި ހިފަހައްޓަމުން ދުޢާކުރަން ފެށުނެވެ. "ޔާ ﷲ.....މަންމައަށް ޝިފާ ދެއްވާދޭވެ.ޕްލީޒް ޕްލީޒް....ޔާ ރައްބު..އައި ބެގް ޔޫ....." "އިރާދަކުރެއްވިއްޔާ ބޮޑުކަމެއްނޫން. މަންމަ އޯކޭވާނެ އިންޝާﷲ.."އޭނަގެ ސިިކުނޑީގެ ކަނަކުން ހިތްވަރުދިނެވެ. އަވަސް ޚިދުމަތްދޭ މީހުން ވަންގޮތަށް މަންމަ ސްޓްރެޗާއަށް ލަމުން އޮކްސިޖަން މާސްކުއެޅިއެވެ. ހުރިހާކަމެއް ކުރިމަތީގައި ހިނގަމުން ދިޔައީ އަވަސްކަމާއެކުގައެވެ. ލަސްވެސް މެއެވެ. ހުވަފެނެއްފަދައިން އެތައް ކަންތައްތަކެއް ކުރިމަތީގައި ހިނގަމުން ދިޔައެވެ. އޭނަ ވާރޭތެރޭގައި ހުސްފަޔާގޮސް އެމްބިއުލެންސަށް އެރިއިރު ހެދުން ތެމިފޯވެ ޝޯލްވެސް ކޯތާފަތުގައި ތަތްވެފައެވެ. *** ހޮސްޕިޓަލަށް ވަނުމުން ޕެނިކްގެ އޮއިވަރެއް ހަށިގަނޑުގައި ހިނގައިލުމާއެކު އެ އުދަގޫތަކުން މިންޖުވާންވެގެން އަވަހަށް ޒިކުރުކުރަންފެށުނެވެ. ދުޢާވެސް ކުރެވުނެވެ. އެތަނުގައި ހިފާފައިވާ ބޭހުގެވަހާއިއެކު ބިރު އިތުރުވިއެވެ. ޒުބޭރުވެސް ނަރސް ސްޓޭޝަން ކައިރީގައި ކުރުކާލިކަނޑަމުންދިޔައެވެ. އޭނަ ހުރީ ކްރިޓިކަލް ކެއަރ ކައިރީގައި ގަނޑުވެފައިވާ ބުދެއްހެންނެވެ. އޭނައަށް މަންމަގެ ކުޑް ފްރޭމް ފެންނަމުން ދިޔައީ ހުދު ކުލައިގެ ޝީޓުތަކެއްގެ ދަށުންނެވެ. ހޮޅިތަކާއި މެޝިންތަކާއި ގުޅާފައިވާއިރު އެއިން އިވެމުންދާ އަޑުތަކުން ހިތަށް އިތުރު ބިރުވެރިކަމާއިއެކު ފިނިވަމުން ދިޔައެވެ. ދިގުު އިންތިޒާރަކަށްފަހު އޭނައަށް ޑޮކްޓަރުންނާއި ބައްދަލުކުރަން ފުރުސަތު ދެވުނެވެ." މަންމަގެ ހާލު ވަރަށް ކްރިޓިކަލް....އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއްކުރާނަން..." މާނައެއް ހުރި ޖުމްލަތަކެއްނޫނެވެ. މާ ފަށުވިވެފައި ކިޔާ ފަރިތަވެފައިވާ ލަފުޒުތަކެއް ވުމުން އޭނަގެ މޭގައި އުފެދިފައިވާ ހަލަބޮލިކަމާއި ނުގުޅެއެވެ. އޭނައަށް އެ ލަފުޒުތަކުން ލިބުނު ސިހުމާއި ހާސްކަމާއެކު ނަޒަރު ހުއްޓައިލެވުނީ ޒުބޭރުއަށެވެ. އޭނައަށް ހީވީ ނުދަންނަ ބަހުރުވައަކުން އެމީހުން ވާހަކަދެއްކިހެންނެވެ. "މަންމައަށް ކިހިނެއްވީ؟" އޭނަގެ ލޯ ރަތްވެ އަޑުވެސް ތުރުތުރުއެޅިއެވެ. "މަންމަ ކައިރީގައި ހުރީމެއްނު....ބުނީމެއްނު ބަލާނަމޭ....ކީއްކުރީތަ؟" "މިރިއަމް...ޕްލީޒް..." "އަހަރެން ކައިރީ ނުބުނާތި މައިތިރިވާށޭ...މަންމަ ހުރީ ހެނދުނުވެސް ނުލާހިކު ރަގަޅަށް..ކުއްލިއަކަށް މަންމަ ބަލިވާންވީ ކީއްވެތަ؟" އޭނަގެ ދުލުން އެލަފުޒުތައް ބޭރުވީ ޒަޚަމްވެފައުވާ ތަނަކުން ބޭސްގަނޑު ނައްޓައިލިހެންނެވެ. ނަރުސްކުދިންވެސް ހައިރާންވެފައި ބަލަންފެށިއެވެ. މިރިއަމްއަކަށް އެކަން ފާހަގައެއްނުވިއެވެ. އޭނަގެ އަޑު ކެނޑުމާއެކު ރޮވެންފެށުނެވެ. އޭނަ ޒުބޭރުދެކެ ރުޅިއައީއެއްނޫނެވެ. ރުޅިއާދެވުނީ އަމިއްލަ ނަފުސްދެކެއެވެ. މަންމަ ގާތު މަޑުނުކުރެވުނީތީއެވެ. އަނެއް ފަރާތަށް އެނބުރެމުން އަނގައިގާ އަތް އަޅައިލެވުނީ އަޑުވީއްލާ ރޮވިދާނެތީއެވެ. ޒުބޭރު އިޚުތިޔާރުކުރީ ހިމޭންކަމެވެ.އޭނަ އަމިއްލަ ނަފުސް ދިފައުކުރަން އެންމެ ލަފުޒެއްވެސް ނުބުނެއެވެ. އަރައިރުންވާކަށް ނޫޅުނެވެ. ފާރުކައިރީގައި ހުރި ޕްލާސްޓިކް ގޮނޑީގައި އިށީދެލައިގެން އަތްތިލައިން މޫނު ފޮރުވާލައިގެން އިންއިރު އޭނަގެ ކޮނޑަށް އަންނަ ހަރަކާތްތަކުން ހިމޭނުން ކަރުނަ އޮއްސަނީކަން ދެކޭ މީހަކަށް އެނގޭނެއެވެ. މިރިއަމްގެ ސިކުނޑި އޭނަ ގެންދިޔައީ އެތައް އަހަރުތަކެއްގެ ހަނދާންތަކަށެވެ. މިހާރުހީވަނީ އެވެސް އެތައް ޒަމާނެއްވެއްޖެކަމަށެވެ، *** މިރިއަމް ކުޑައިރު ހުން އަތުވެއްޖެއްޔާ މަންމަ ހޭލާ ހޭހަން ކުރަން އިނދެއެވެ. މަންމަ އެނދުގެ މަގަތުގައި އިށީދެ ތެތްފޮތިކޮޅެއް ނިތްކުރީގައި ބާއްވައިލައެވެ. ބޮލާއި ގައިގާ ފިރުމާދެއެވެ. ކުުރުބާ ފަންޏާއި ޖޫސް ހިފައިގެން އައިސް އެއްޗެއް ދޭން މަސައްކަތްކުރެއެވެ. މަންމަ އޭނައަށް ދޭ ކޮންމެ ފެން ސަމުސަލަކާއެކުގައި "ބިސްމިﷲ"ކިޔައެވެ. މަންމަ ހުމާއި ފިހިފިހި އިނަސް ހޭލާއިނދެ އޭނަ ނިދެންދެން ނާނާ ކިޔައެވެ. ތާއްޔާ ޖެހޭއިރުވެސް ގަދަކަމުން ލޯ ހުޅުވާލައިގެން އިނދެއެވެ. އެތައް ރެއެއްގެ ނިދި ގުރުބާންކުރިއެވެ. އީދުދުވަސްތަކުގައި އޭނަގެ އިސްތަށިގަނޑު، ހެދުން ނޫނީ ބޫޓާއިހެދި ބޮޑާހާކަން ފަށައިފިއްޔާ މަންމަ ކެތްތެރިވެ އެކަމެއް ރަގަޅުކޮށްދޭން މަސައްކަތްކުރެއެވެ. މަންމަގެ އަތުގައި އޮންނަނީ އެންމެ ދެ ހެދުމެވެ. މަންމަ ބުނާނީ އާ އެއްޗެއް ބޭނުންނުވާކަމަށެވެ. އޭނަގެ އުފަލަކީ މަންމަގެ ހަދިޔާކަމުގައެވެ. އަވަށްޓެރިއަކު ނަމަވެސް މީރު އެއްޗެއް ފޮނުވައިފިއްޔާ މަންމައަށް އެކަމުދާކަމަކަށް ނުވާނެއެވެ. ހުރިހާ އެއްޗެއް ދޭނީ އޭނައަށެވެ. މަންމަ އަނބުކާން ފަށާފައިވެސް އޭނައަށް ދީ ހުސްކޮށްލާނީ ބަނޑުހައިނުވާކަމަށް ބުނެއެވެ. މަންމަގެ ގައިން ހުރިހާ ދަލެއް އޮހޮރުވައިލީ އޭނައަށްޓަކައެވެ. ނަމަވެސް އޭނަ ޝުކުރުވެރިވީ ކިހިނެއްހެއްޔެވެ؟ ބައްޕަގެ މައްސަލައިގާވެސް އޭނަ މަންމައަށް ރުޅިއިސްކުރީއެވެ. މަންމައާއި ދުރުހެލިވީއެވެ. މަންމަގެ ހާލު ބަލާނުލެވުނު ދުވަހެއްވެސް އައެވެ. އޭނަ ކިތައްފަހަރު މަންމައާއި ދިމާލަށް ކަޅި އަނބުރައިލިހެއްޔެވެ؟ އަދި މަންމައާއި ދިމާލަށް ބަސްތައްބުނެއެވެ. "މަންމައަކަށް ނުވިސްނޭނެ ދުވަހަކުވެސް..." "ކޮންމެވެސް ދުވަހަކު ވިސްނޭނެ މަންމައެއްގެ ލޯތްބަކީ ހިމޭން ކަނޑެއްފަދަ އެއްޗެއްކަން.. އަޑުހަރުނޫންކަން..ލޯބި ސާބިތުކޮށްދެނީ ލަފުޒުތަކުން ނޫންކަން..." އޭނަގެ މަންމައަކީ މިލިއަނުންގެ ތެރެއިން ހޮވައިލެވޭ މަންމައެކެވެ. އޭނަގެ ދިރިއުޅުމުގެ ތަބެވެ. މީހެއްގެ ހާލަތު ގޯސްވެގެން ބިކަވާންޖެހޭ ސަބަބުތަކުގެ ތެރޭގައި މައިންބަފައިންނަށް އޯގާތެރިވުމާއި އަޅާލުން ކުޑަވުން ހިމެނެއެވެ. ފަހަރެއްގައިވެސް މަންމައަށް އަނިޔާއެއް ހިތްދަތިކަމެއް ދޭންނުވާނެއެވެ. ރުޅިވެރިކަމުން ނޫނީ ހިމޭންކަމުންވެސް މެއެވެ. ސަބަބަކާއި ނުލާ ލޯބިވާ ހަމައެކަނި މީހަކީ މަންމައެވެ. އެއީ މާތް މަތިވެރި ލޯތްބެކެވެ. އޭނައަށްވެސް ގޯސްތަކެއްހެދުނެވެ. އޮޅުމުގެ ތެރޭގައެވެ. އެތައް ހާސް އިހުސާސްތަކެވެ. އެކަމަކު ދުލުން އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. އެ އިހުސާސްތައް އޭނަގެ ސިކުނޑިކަމުން ދިޔައެވެ. *** އަނެއްކާވެސް ވާރޭވެހެންފެށިއެވެ. ހޮސްޕިޓަލުގެ ދޮރުތަކުގައި ވާރޭގެ ތިކިތައް ޖެހޭ އަޑުއިވެންފެށިއެވެ. އޭނަ ދުޢާކުރަންފެށިއެވެ. ހުއްޓުމެއްނެތި ހަނދާންތަކާއި ދުޢާތަކުގެ ތެރޭގައި އިންދާ ރޭގަނޑު ފުންވަމުންދާންފެށިއެވެ. ޒުބޭރު ކޮފީއަކާއި ސެންޑްވިޗެއް ގެނެސްދިނެވެ. އޭނަ އެއަކު އަތެއްނުލައެވެ. އޭނަ އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް އުއްމީދު ކަނޑާނުލާ ހިމަ ދޯދިފަށެއްގައި ހިފަހައްޓާލައިގެން ހުރީ މަންމަ ލޯ ހުޅުވާލާނެކަމުގެ އުއްމީދުގައެވެ. މިހާ ހިތްދަތިކޮށް މަންމަ ވަކިވެގެން ދިޔުމަކީ ހަގީގަތެއްނޫނެވެ. މިއީ ހުވަފެނެކެވެ. ދެވަނަ ދުވަހު ޑޮކްޓަރުންގެ ޓީމަކުން އޭނައާއި ޒުބޭރުއާއި ބައްދަލުކުރިއެވެ. އެތަނުގައި ހަމްޒާ ހުއްޓަސް އޭނަ މިރިއަމްއަކާއި ވާހަކައެއްނުދައްކައެވެ. އިސްޖެހިގޮތަށް ހިމޭނުން ހުރީއެވެ. ޑޮކްޓަރު މަންމަގެ ހާލަތުކިޔާދިނެވެ. މަންމަގެ ހާލަތުދަނީ ދަށަށެވެ. އެތަނުން ދަމުން ހަމްޒާ އިސްއުފުލައިލިއިރު އޭނައާއި ހަތަރުކަޅިހަމަވިއެވެ. ލަފުޒަކުން ނުބުންޏަސް ހިމޭންކަމުގެ ބަސްމޮށުމުގެ ސިކުންތުކޮޅެކެވެ. މިރިއަމްގެ ލޮލުން ކަރުނަތިއްކެއް ފައިބައިގެން ދިޔައީ ބޭއިޚުތިޔާރުގައެވެ. ދެދުވަސްވާންދެން ޑޮކްޓަރުން ކެނޑިނޭޅި މަސައްކަތްކުރިއެވެ. މަންމަ ވެންޓިލޭޓަރުގައި އޮންނަ ތަން ފެންނަ ކޮންމެ ފަހަރަކު މިރިއަމްގެ ހިތް ފަޅައިގެންދާވަރުވެއެވެ. މަންމަގެ ހާލަތު ރަގަޅުނޫންކަން މެޝިންތަކުން ފެންނަ ނަމްބަރުތައް ހެކިދެއެވެ. މަންމަގެ އަތްތިލައާއި މޫނަށް ވެރިވެފައިވާ ހުދުކަން ރީދޫކުލައަށް ބަދަލުވާންފަށައިފިއެވެ. އައިސީޔޫގެ ކޮންމެ ދިމާލަކުން ހަނދާންކޮށްދެނީ މަރެވެ. "މަންމާ މާފުކޮށްދީ...ނޫނީ އަހަރެންވެގެންދާނީ ގެއްލި ހަލާކުވާ މީހުންގެ ތެރޭގައި....."މިރިއަމް މަންމަގެ އަތްތިލަ ނަގާފައި މޫނުގައި ޖެއްސިއެވެ. އޭނަ ކަރުނަ ފޮހެލާފައި ބަލައިލިއިރު ދާދި ކައިރިން ހަމްޒާ އާއި އެހެން ޑޮކްޓަރަކު ފެނުމުން ހުއްޓުން އެރިއެވެ. ހަމްޒާގެ ލޮލުން ހަގީގަތް ހާމަވިއެވެ. އޭނަގެ ނަޒަރު މޮނިޓާއަށް ހުއްޓުނުގޮތާއި ދުރަށް ބަލައިލިއިރު ފެނުނު މޮޅިވެރިކަން އޭނައަށް ހުރިހާ އެއްޗެއް ކިޔާދީފިއެވެ. މަންމަގެ ހިތުގެ ވިންދާއި އޮކްސިޖަން ދަށްވަމުން ދަނިކޮށް މަންމަ ލޯ ހުޅުވައިލުމާއެކު އޭނައަށް ކުރިއަށް ޖެހިލާފައި އަތުގައި ހިފަހައްޓައިލެވުނެވެ. "މަންމަ......." މިރިއަމްއަށްވެސްވަނީ ކައިރިން މަރު ދެކެފައެވެ. މަރުވާވަގުތު ބަލިމީހުން ރަގަޅުވާހެން ހީވެ ލޯ ހުޅުވައިލާކަން އޭނައަށް ތަޖުރިބާކުރެވިފައިވިއެވެ. ނަމަވެސް މަންމަގެ ލޯ ހުޅުވައިލިތަން ފެނުމުން އެއިންކަމެއް ހަނދާންނުވެ އުއްމީދާއެކު ހިނިތުންވެލެވުނެވެ. "މަންމާ މިއީ މިރިއަމް....މަންމައަށް އެނގޭތަ؟ އަހަރެން އެރޭ ގެއަށް އައީ ބޭސް ގަނެގެން...އެކަމަކު ކިހިނެއް..."މިރިއަމް ވާހަކަދައްކަ ދައްކާ ހުއްޓާ މަންމަގެ ލޯ މެރުނެވެ. ވަގުތުވެސް ހުއްޓުނުފަދައެވެ. މިރިއަމްއަށް ވީނުވީވެސް ނޭގުނު ހިނދުކޮޅެކެވެ. "މަންމަ ނިޔާވީ ހަތަރުގަޑި ތިރީސްވީއިރު" ކަންފަތުގައި ޖެހުނީ ކާކުގެ އަޑުކަމެއް ނޭގުނެވެ. ހުވަފަނެއްގެ ތެރެއިން ބުނެލިހެންނެވެ. ޒުބޭރުގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ. ހަމްޒާ ޒުބޭރުގެ ކޮނޑުގައި އަތް ބާއްވައިލަމުން ހިތްވަރުދިނެވެ. މިރިއަމް ގަބު އަރާފައި ބޭރުގައި ހުއްޓާ ޒުބޭރު އައުމާއެކު ދުރަށް ޖެހިލާނެ ހަކަތައެއް ނެތި އެއަތުގެ ތެރެއަށް ވެއްޓުނެވެ. "މަންމައަށް ކިހިނެއްވީ؟"އޭނައަށް އަހައިލެވުނެވެ. އޭނައަށް އަދިވެސް ޔަގީނެއްނޫނެވެ. ހިނދުކޮޅެއްގެ ކުރިން ފެނުނީ ހުވަފެނެއްކަމަށް ވެދާނެއެވެ. އޭނަގެ ސިކުނޑިވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. "މަންމަ ނިޔާވެއްޖެ މިރިއަމް...މަންމަ ދެކެލަން ވަންނާނަންތަ؟" ހަމްޒާގެ އަޑު ކަންފަތުގައި ޖެހުނެވެ. "އާނ...."މިރިއަމް ރޮބޮޓެއްހެން ހަމްޒާގެ ފަހަތުން ހިނގައިގަތެވެ. އޭނަ ވަންއިރު މަންމަ ގުޅާފައި ހުރި ހޮޅިތައް ނައްޓާފައިވިއެވެ. މަންމަގެ މޫނުމަތިން ފެންނަނީ އަމާންކަމެވެ. ހިނިތުންވުމެވެ. ހުރިހާ ތަދުތަކާއި ވޭންތައް ފިލާ އަރާމު ނިންޖެއްގައި އޮތްފަދައެވެ.ދެން މަންމަ މި ދުނިޔެއަކަށް ލޯ ހުޅުވާނުލާނެއެވެ. މަންމަގެ ފުރާނަވީ އެހެން އާލަމެއްގައެވެ. ކޮންމެވެސް މީހަކު މަންމަ ގާތުގައި ކެމޮމައިލް މާބޮނޑިއެއް ބާއްވާލާފައި އޮތެވެ. މަންމަ އެ މަލެއްދެކެ އެންމެ ލޯބިވީ މަލެވެ. "މަންމާ....ކީއްވެ؟ އަހަރެން ދޫކޮށްލާފައި........ކިހިނެއް ދެން އުޅޭނީ....." މަންމައަކަށް މިއަދު ޖަވާބެއް ނުދެވޭނެއެވެ. މަރުފަދަ ހިމޭންކަމެކެވެ. އޭނަގެ ކަކުލުން ވާގިހުސްވެ ހަށިގަނޑު ސޮއްސައިލިގޮތަށް ޖެހުނީ ބިންމަތީގައެވެ. ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ހުރިހާ ހަނދާންތަކެއް އެއްފަހަރާ ކުރިމައްޗަށް އޮއްސައިލެވުނެވެ. ސިކުނޑި އެކި ދިމާލަށް ބުރައިގެންގޮސް ހުރިހާ ދިމާލަކުން ފެންނަނީ ހަނދާންތަކުގެ އެތިކޮޅުތަކެވެ. އޭނަގެ ނޭފަތުގައި ޖެހުނީ މަންމަގެ ކެމޮމައިލް ސައިގެ ވަހެވެ. ނަމާދަށްފަހު މަންމަ ތަސްބީހަ ކިޔާ އަޑެވެ. މަންމަ އެނދުގެ އަނެއް ފަޅީގައި އަތް ކާއްތައިލަމުން "މަންމަގެ ގާތަށް ނިދަން އާދޭ މަގޭ ހަނދު...." ބުނާ އަޑެވެ. އޭނަ ތަޅުންމަތީގައި މޫނު ޖައްސާލައިގެން އޮވެ ބުނަމުން ދިޔައެވެ."އަހަރެން ނެތިން....މަންމާ...މަންމަ އެންމެ ބޭނުންވީ ވަގުތު އަހަރެން ނެތިން...ފޮގިވް މީ މަންމާ...ޔާ ﷲ...ފޮގިވް ވީ.." ކެމޮމައިލް ވަސް ގަދަވާން ފެށުމުން ހަނދާންކޮށްދިނީ ރަށުގައި ހޭދަކުރެވުނު ދުވަސްތަކެވެ. މަންމަ އޭގެ ސައިތަށްޓެއް ހިފައިގެންގޮސް ކުޑަދޮރު ކައިރީގައި އިންނައިރު އޭގެ އާވިން މުޅި ތަނުގައި ހުވަދުލައެވެ. ސިކުނޑިއަށް އަރާމު ލިއްބައިދެއެވެ. މަންމަގެ ނަޒަރު ހުންނާނީ ދުރުން ފެންނަ ވިލަށެވެ. ހަނދުވަރު ފެންގަނޑާއި ކުޅެލާއިރު ހާދަ ހިތްގައިމެވެ. އެ ހަނދާންވެސް އޭނަ މުޅިން ހަލާކުކޮށްލައިފިއެވެ. އޭނަ ތެދުވެ މާބޮނޑި ނެގިއެވެ. އަދި މަންމަގެ މޭގައި ބޯ ޖައްސާލައިގެން އޮށޯތެވެ. "މަންމާ.." އޭނަ މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. "މިރިއަމް....ތިހެން ހެދީމަ މަންމައަށް ދެވޭ އަނިޔާއަކަށްވާނީ..ހިތްވަރުކުރަންވާނެ...މިރިއަމް..މިއީ އެންމެނަށްވެސް އަންނާނެ ދުވަހެއް...ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު...... ..إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ..." ހަމްޒާގެ އަޑު އިވުމާއެކު އޭނައަށް ހިތްވަރުކޮށްލާފައި ތެދުވުނެވެ. ހިތާމައާއި މޮޅިވެރިކަމާއިހެދި އެހެން އެއްވެސް އިހުސާސަކަށް ތަނެއްނުދެއެވެ. އޭނަ ހިނގައިގަތީ ބޭރަށެވެ. އެންމެނަށް ފިލަން ހިތް ލަފާދިނެވެ. ވެވޭނެނަމަ ދުނިޔެއާއިވެސް ދުރަށް ދާންވީއެވެ. އޭނަ އަށް އެތަނުން ނިކުންނާން ނޭނގި އެހެން ދިމާލަކަށް ހިނގައިގަތުމުންވެސް މަގު ދައްކައިދިނީ ހަމްޒާއެވެ. އޭނަ ގެ ކަރުނަތައް އޭރުވެސް ހުއްޓުމަކަށް ނާދެއެވެ. ބޭރަށް ނިކުތްއިރު ވާރޭ ހުއްޓާލައިފިއެވެ. ފަޖުރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފައުޅުވާންފެށިއެވެ. ކަންފަތުގައި ޖެހުނީ ބަންގީގެ އަސަރުގަދަ އަޑެވެ. އެ އަޑަށް އޭނަގެ މަންމަ އަބަދުވެސް ހޭލާނެއެވެ. އެކަމަކު ދެން އޭނަގެ މަންމަ ހެއެއްނުލާނެއެވެ. އޭނަގެ ލޯ އަނެއްކާވެސް ކަރުނުން ފުސްވިއެވެ.ތުތުރުލާ އިނގިލިތަކުން އޭނަ ލޯ ފޮހުނެވެ. ކުޑައިރުއްސުރެ މަންމަ ދަސްކޮށްދީފައިވާ އާޔަތެއް ކިޔަވަންފެށުނެވެ. ތަކުރާރުކޮށް އެތައް ފަހަރުއެވެ. "إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ...إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ" އޭނަގެ އިހުސާސްތައް ދެނެގަނެވޭނީ މަދުބަޔަކަށެވެ. އެންމެ ލޯބިވާ ފަރާތް ވަކިވެފައިވާ މީހުންނަށެވެ. ކުއްލިއަކަށް ހިތަށް އެލިބިގެންދާ ބަރުކަމާއި ހުސްކަން އަދި ހިތް މަރުވުމަކީ ދުލުން ބުނަން ނުކުޅެދޭ ވޭނެކެވެ. ބުނެނުދެވޭ ބަޔާން ނުކުރެވޭ އެކަމަކު ކެތްނުވާފަދައެވެ. އޭނަގެ ހަށިގަނޑުވެސް ފުރާނަ ނުކުމެ ހުސްކަމެއް ވެރިވެފައިވިފަދައެވެ. މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރުމަކީ ކިހާ އުދަގޫކަމެއްކަން އެންމެނަކަށް ނޭގޭނެއެވެ."ގްރީފް"އަކީ މިއީއެވެ. ހިތް ވީދައިގެން ހަށިގަނޑު ދޫކޮށް ދިޔުމަށްފަހު ދިރިއުޅުން މަޖުބޫރުވުމެވެ. ކެމޮމައިލްގެ ވަސް ހަނދާނެއްފަދައިން އޭނަގެ ހަށިގަނޑުގައި އޮޅައިލެވުނީ ހިމޭންކަމާއި ހޫނުކަމާއެކުގައެވެ. އެކަމަކު މަޑުމަޑުންގޮސް ވައިގެ ތެރެއަށް ފޭދުނެވެ. އެ ހަނދާންތައް ބޭރުވެގެންދަނީ ހިފެހެއްޓުމުއްނެތް ކަރުނައިގެ ގޮތުގައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ