މައްސަލަ ޖެހި، އައްޑޫން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ

އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާ ވެސް ކަރަންޓު ކަނޑަން ފަށައިފިއެވެ. އައްޑޫގެ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ ލޯޑު މަތިވަމުންދާތީއާއި އިންޖީނަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ގުޅިފައިވާ އެކި ރަށްތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. މިއަދު ވެސް އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ، އެތައް ދުވަހެއް ވެއްޖެއެވެ. އެގޮތުން، މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://sun.mv/208890 އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ. ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ