ވެލިގަނޑު މޯލްޑިވްސްގައި ދުވާލުގެ 8 ގަޑިއިރަށް ކަރަންޓު އުފައްދަނީ ސޯލާ އިން

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މިއާއެކު މިހާރު އެ ރިސޯޓުގައި ދުވާލަކު އަށް ގަޑިއިރު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުން ކުރެވޭނެ އެވެ.
ތަފްސީލް - ކްރައުންޑް އެންޑް ޗަމްޕާ ރިސޯޓްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވެލިގަނޑު މޯލްޑިވްސްގައި ކަރަންޓު އުފެއްދުމަށް ސޯލާ ބޭނުންކުރަން ފެށުމަކީ ހަމައެކަނި ޑީސަލް ޖެނެރޭޓަރަށް ބަރޯސާވުން ކުޑަކުރުން ނޫން ކަމަށާއި މިއާ އެކު ތިމާވެއްޓަށް ކުރާ އަސަރުތައް ވެސް ކުޑަވާނެ ކަމަށެވެ.
ރަނގަޅަށް އަވިދޭ ދުވަސްތަކުގައި އަށް ގަޑިއިރަށް ސޯލާ ކަރަންޓު ބޭނުންކުރެވޭ ސިސްޓަމް އެ ރިސޯޓުގައި ގާއިމް ކުރީ އޮސްޓްރިއާގެ ސްވިމްސޯލް އާ ގުޅިގެންނެވެ.
މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިންމާލީ 2024 ވަނަ އަހަރު އެ ރިސޯޓު އަލުން ހުޅުވުމާ ދިމާކޮށް
1،668 ކިލޯވޮޓްގެ ބެޓެރި ނިޒާމާ އެކު މަޝްރޫއުގެ ދެވަނަ މަރުހަލާ ނިންމައި، ޓެސްޓުކޮށް މިދިޔަ މަހު ވަނީ ބޭނުން ކުރަން ފަށާފައި
3،003 ސޯލާ ޕެނަލާ އެކު އެޑްވާންސްޑް ބެޓެރި ސްޓޯރޭޖުގެ އެހީގައި1،441 ކިލޯވޮޓްގެ ކަރަންޓު އުފައްދާނެ
ދުވާލަކު އަށް ގަޑިއިރު މި ސިސްޓަމުން ކަރަންޓު އުފައްދާ ނަމަ، ޖެނެރޭޓަރުން ކަރަންޓު އުފައްދައިގެން ޖައްވަށް ދޫކުރާ ސީއޯޓޫ އެމިޝަންގެ 4،750 ކިލޯ ދުވާލެއްގެ މައްޗަށް މަދު ކުރެވޭނެ
ބުނީ ކީކޭ؟ - ވެލިގަނޑު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ފަތުހުﷲ އިބްރާހިމްއާ ހަވާލާދީ އެ ބަޔާނުގައި ބުނީ، މިއީ އެ ރިސޯޓަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
"ރަނގަޅަށް އަވިދޭ ދުވަހެއްގައި މިހާރު ރިސޯޓަށް އެއްކޮށް އަށް ގަޑިއިރަަށް ސޯލާ އިން ކަރަންޓު ދެވޭނެ. އޭގެ މާނައަކީ ރިސޯޓުގެ ޖެނެރޭޓަރުތައް އަށް ގަޑިއިރަށް ނިއްވާލެވޭނެ. މިއީ މީގެ އަހަރެއް ކުރިއަށް ބަލާ ނަމަ ވެސް އަޅުގަނޑުމެންނަށް ހިތަށް ގެނެވޭނެ ކަމެއް ވެސް ނޫން،"
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް ކޮމާޝަލް ލީޑަރު އަހުމަދު ޝާހީންއާ ހަވާލާދީ ބަޔާނުގައި ބުނީ ރިސޯޓު އޮޕަރޭޓު ކުރުމަށް ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަކީ ހަމައެނަނި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށެވެ.
"މިއީ މަތީ ފަންތީގެ ފަތުރުވެރިކަމުގައި ބާޒާރުގައި އަޅުގަނޑުމެންގެ ވާދަވެރި މަގާމު އިތުރަށް ދެމެހެއްޓުމަށް އެލުނު ފިޔަވަޅެއް." އޭނާ ވިދާޅުވި އެވެ.
ވެލިގަނޑު މޯލްޑިވްސްގެ ޕްލޭނަކީ އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ހަކަތަ މެނޭޖްކުރުމުގެ ނިޒާމުތައް ކުރިއަށް އޮތްތަނުގައި ތައާރަފު ކުރުމެވެ.
މީގެ އިތުރަށް ހަރުދަނާކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކޮށް، ރިސޯޓުގެ ދުރު ރާސްތާގެ ޕްލޭނަކީ ހަމައެކަނި އިރުގެ އަލިން ލިބޭ ހަކަތައިން ކަރަންޓު އުފެއްދުމެވެ. އެއާ އެކު އެ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށް ހިންގުމުގެ ނަމޫނާއަކަށް އެކަން ވާނެ ކަމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ