އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުން ކަމަށެވެ.
ރައީސް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ބިލް ފާސްވެ، ގާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވައިގެން، ވީ އެންމެ އަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.
މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީހީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.
އައްޑޫ ސިޓީގެ ވަކިވަކި ކައުންސިލް ހަދަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓެއް ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ