އަނިޔާވެރި ގޮތަކަށް މެމްބަރު އާމިރު ހައްޔަރުކޮށްފި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރޭގެ ވަގުތެއްގައި ވަރަށް އަނިޔާވެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މެމްބަރު އާމިރުގެ ސައިކަލު ހުއްޓުވައި، ދެ ފުލުހުން ދެފަރާތުން އާމިރުގެ އަތުގައި ހިފައި އަނިޔާކުރާތަން ފެނެއެވެ. އަދި އެވަގުތު އަނިޔާ ނުކުރުން އާމިރު ތަކުރާރުކޮށް އެދެއެވެ. އެހެން ނަމަވެސް ފުލުހުންގެ އަމަލުތަކަކަށް ހުއްޓުމެއް ނާދެއެވެ. އަދި "މައިތިރިވެގެން ހުރޭ" އެހެން ބުނާ އަޑު ވީޑިއޯގައި އިވެއެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ ރޭ 1 ޖަހާކަށް ހާއިރު ހުޅުމާލޭ ފޭސް 2 ގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ދެ ފުލުހަކު ސައިކަލު ކުރިމައްޗަށް އެރި ކަމަށާއި އަދި މަޑު ކުރަން ބުނީމަ މަޑު ނުކުރީ ކީއްވެތޯ ސުވާލުކުރިކަމަށެވެ.
"އަޅުގަނޑު ބުނިން މަޑުކުރަން ބުނި އަޑެއް ނީވެއޭ. ބުނީމަ ޒުވާބުކުރަން ފެށީ" އާމިރު ވިދާޅުވިއެވެ.
އަދި ބާރުގެ ބޭނުންކޮށް ހައްޔަރުކުރި ކަމަށާއި، ތަކުރާރުކޮށް އަނިޔާ ނުކުރަން އެދުމުންވެސް ހުއްޓާނުލާކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެކަންތައް ކުރިއިރު، އެބޭފުޅާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަން ފުލުހުން ގާތުގައި ނުބުނާކަމަށް އާމިރު ވިދާޅުވިއެވެ.
"ފުލުހަށް ގެންދިޔުމުން އެމީހުންނަށް އެނގުނީ މެމްބަރެއްކަން." އާމިރު ވިދާޅުވިއެވެ. އާމިރު ވިދާޅުވި ގޮތުގައި ފުރަތަމަ ފުލުހަށް ގެންގޮސް އޭނާލީ ބަންދުކުރާ މީހުން ތިބޭ ތަނަކަށެވެ. ނަމަވެސް މެމްބަރެއް ކަން އެނގުމުން ކައުންޓަރު ކުރިމަތީ ބޭންދިކަމަށް ވިދާޅުވިއެވެ.
އަދި ޓްރެފިކް ޤަވާއިދުތަކާ ހިލާފުވިކަމަށް ފޯމެއް ފުރުވާ އޭގައި ސޮއި ކުރަން ބުނިކަމަށާއި ނަމަވެސް ސޮއި ކުރަން ދެކޮޅު ހެދުމުން އެތާ ތިބި ބައެއް ލައްވާ، އެ ފޯމުގައި ސޮއިކުރަން އާމިރަށް އެންގިކަމަށް ސޮއި ކުރުވިއެވެ. އެއަށްފަހު އާމިރުގެ ލައިސަންސް ހިފަހައްޓާ، ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.
"ޓްރެފިކު ޤާނޫނާއި ހިލާފުވާން ކުރިކަމެއް ނުދެއްކޭ. އަޅުގަނޑު އަތުގައި ލައިސަންސް އޮތް" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އެބޭފުޅާއަކީ މަޖިލީހުގެ މެމްބަރަކަށް ވާއިރު، އެ ވަރުކޮށްލިއިރު އާންމު ރައްޔިތުންނަށް ކިހާ ވަރެއް ކޮށްލާނެ ކަން ވަޒަން ކުރެވޭކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ބައެއް ޤާނޫނުތައް ތަންފީޒުކުރަން އެކަނިތޯ ސުވާލުކުރެއްވިއެވެ. މިގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތަކާ ގުޅޭ ޤާނޫނުތައް ހަދާފައި ހުއްޓަސް އެއިން މައްސަލައެއް ނުބަލާކަން އާމިރު ފާހަގަކުރެއްވިއެވެ.
ރޭ ފުލުހުން އަމަލުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮޮށް އާމިރު ވިދާޅުވީ އެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށާއި، އެޗްއާރުސީއެމްއަށް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ