ރައީސްގެ ވައުދު ތޮއްޑޫއަށް: ސްކޫލް އަޕްގްރޭޑްކޮށް، ސޯޝަލް ސެންޓަރެއް އަޅައިދޭނަން

ކުރިޔަށް އޮތް ދައުރުގައި އއ.ތޮއްޑޫ ސްކޫލް އަޕްގްރޭޑްކޮށް، ރަށުގައި ސޯޝަލް ސެންޓަރެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތޮއްޑުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި ތޮއްޑޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ ގޮތުން ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކޮށް، ސައިންސް ލެބެއްގެ އިތުރުން ލައިބްރަރީއެއް ގާއިމުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން ތޮއްޑޫއަށް ބޭނުންވެފައިވާ ސޯޝަލް ސެންޓަރަކާއި، އައު ކައުންސިލް އިދާރާއެއްގެ އިތުރުން މަލްޓި ފެސިލިޓީއާއެކު ޕާކެއް އަޅައިދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.
ރައީސް ސޯލިހު ވިދާޅުވީ، ފާއިތުވި ފަސް އަހަރު ތެރޭގައި ތޮއްޑުގައި މި ސަރުކާރުން ހިންގަން ވައުދުވެފައިވާ މަޝްރޫއުތައް ފަށައި، ބައެއް މަޝްރޫއުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް ކުރަން ވައުދުވާ ކަންތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ