އިންޑިއާ ކަނޑުގެ ސުލްހަ އަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ
އިންޑިއާ ކަނޑު ސަރަޙައްދުގެ ޞުލްޙަ އާއި ތަރައްގީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތައް ޙައްލުކުރުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމަށް ވާހަކަ ދައްކަމުން ގެންދާނެ ގޮތުގެ އިންތިޒާމެއް ހަމަޖެއްސުމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ. ސިންގަޕޫރުގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް 2016ގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މައުމޫން އިއްޔެ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އަމަން އަމާންކަމާއި ޞުލްޙަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ގައުމުތަކުގެ ދާޚިލީ ހަމަޖެހުން ވަރުގަދަ ކުރަން ޖެހޭނެ ކަމަށާއި ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުޞޫލުތައް މުޖްތަމަޢުތަކުގައި އަށަގަންނަވަން ޖެހޭނެ ކަމަށެވެ. މިސަރަޙައްދަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިޔުމަން ޓްރެފިކިންގް އާއި މަސްތުވާ ތަކެތީގެ ވިޔަފާރި އާއި ހައްދުފަހަނަޅައި ދިޔުމުގެ ޙަރަކާތްތަކާ ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓްރޭނިންގް ދިނުމާއި އެތަންތަނަށް މީހުން ފޮނުވުން ހިމެނޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެ މައްސަލަތައް ޙައްލުކޮށް، އިންޑިއާ ކަނޑުގެ ސަރަޙައްދަކީ އަމާން ޞުލްޙަވެރި އަދި ގައުމުތައް ގުޅިގެން ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ސަރަޙައްދަކަށް ހެދުމަކީ، މިސަރަޙައްދުގެ މުސްތަގުބަލުގެ ސަލާމަތަށް ޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ. މައުމޫނުގެ ތަގްރީރަށް ފަހު ސުވާލު ޖަވާބުގެ ފުރުޞަތުގައި އައިސިސްގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާވަރަކާއި ރާއްޖޭގެ ޒުވާނުން އައިސިސްއާ ގުޅިގެން ހަނގުރާމަކުރުމަށް ދިޔުމާ ބެހޭ ގޮތުން ކޮންފަރެންސުގެ ބައިވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ ބޭރުގެ ނޫސްތަކުގައި އެވާހަކަ ޖަހަމުން ގެންދަނީ އެކަން ހިނގަމުންދާ ވަރަށް ވުރެ މާބޮޑުކޮށްގެން ކަމަށެވެ. އެ ޙަރަކާތަކީ ރާއްޖެ ފިޔަވައި ވަރަށް ގިނަ އެހެން ގައުމުތަކުގައި ވެސް ހިނގަމުންދާ ޙަރަކާތެއް ކަމަށާއި ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅެމުންދާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމްދީނަކީ ޞުލްޙައަށް ގޮވާލާ ދީނެއްކަމަށާއި އައިސިސްއިން ހިންގަމުންގެންދާ ފަދަ ލާއިންސާނީ ޖަރީމާތަކަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. ިއިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިއާގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުންގެން އަންނަ، މި ސަރަޙައްދުގެ ގައުމުތައް ހިމެނޭ ކޮންފަރެންސެކެވެ. އެ ކޮންފަރެންސުގައި 21 ގައުމަކުން ބައިވެރިވި އެވެ. ދިވެހިރާއްޖޭގެ ފަރާތުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ