އިސްތިއުނާފު ކުރީ ހާއްސަ މަސްލަހަތެއް އޮތް ފަރާތަކުން ނޫން: މައުމޫނު

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރީ ޕާޓީގެ ހާއްސަ މަސްލަހަތެއް އޮންނަ ފަރާތެއް ނޫން ކަމަށް ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަރާތުން ހައިކޯޓުގައި ވިދާޅުވެއްޖެ އެވެ. ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމި އެ މައްސަލާގައި ބުނެފައި ވަނީ މިހާރު ޕީޕީއެމެގް ރައީސްގެ މަގާމުގައި ހުރި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕާޓީ ހިންގުުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ ކަމަށް ފެންނާތީ ޕާޓީގެ ހުރިހާ ކަމެއް ރައީސް ޔާމީނާ ހަވާލު ކުރުމަށެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ސ. ހުޅުދޫ ފެންފިޔާޒު ވިލާ އައްބާސް ވާފިރު ނަމަކަށް ކިޔާ ޕީޕީއެމްގެ މެމްބަރަކެވެ. މައްސަލާގައި ތަދައްހުލުވި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައުޔޫމުގެ ފަރާތުން ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވަނީ މައްސަލައާ ގުޅިގެން ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ޕާޓީގެ ހާއްސަ މަސައްލަހަތެއް އޮންނަ ފަރާތެއް ނޫން ކަމަށް ވިދާޅުވެ މައުމޫނުގެ ފަރާތުން ވަނީ އިސްތިއުނާފު ކުރި ވާފިރުގެ ނިޔަތާމެދު ސުވާލު އުފައްދާފަ އެވެ. އޭގެ އިތުރުން މައްސަލަ މިދިއަ އާދިއްތަ ދުވަހު ނިމި އެހާ އަވަހަށް އިސްތިއުނާފު މައްސަލަ ފެށިގެން ކުރިއަށް ދާތީ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. މުއިއްޒު ވިދާޅުވީ އެއީ މީގެ ކުރިން އިސްތިއުނާފު މަރުހަލާގައި ކަންތައް ކުރިއަށްދާ ގޮތް ނޫން ކަމަށެވެ. ރައީސް މައުމޫނުގެ ފަރާތުން ފާހަގަކުރި ނުކުތާތައް ޕީޕީއެމް މައްސަލަ އިސްތިއުނާފު ކުރި ފަރާތަކީ ހާއްސަ މަސްލަހަތެއް އޮތް ފަރާތެއް ނޫން ޕީޕީއެމްގެ މުސްތަޝާރާ ޕާޓީ ހަވާލުކުރަން ހުކުމް ކުރީ އަސާސީ ގަވާއިދާ ހިލާފަށް މުސްތަގިއްލު ޕާޓީއެއްގެ ސިފަ ގެއްލޭ ގޮތަށް ހުކުމުގައި ފާހަގަ ކޮށްފައިވޭ ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރަން ދައުވާގައި އެދިފައި ނުވަނީސް އެގޮތަށް ހުކުމް ކުރީ ޝަރީއަތް ކުރުމުގެ ގަވާއިދުތަކާ ހިލާފަށް ދައުވާގައި އެދިފައިވާ ކަންކަމަށް ސިވިލް ކޯޓުން ހުކުމް ކުރި އިރު ރިއާޔަތް ކޮށްފައެއް ނުވޭ މައްސަލަ އިސްތިއުނާފު ކުރި ފަރާތުން ވަނީ ހައިކޯޓުގައި ދެ ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެއީ ސިވިލް ކޯޓުގައި މައްސަލަ ނިންމިއިރު ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ސިޔާސީ ޕާޓީ ތަކުގެ ގާނޫނަށް ރިއާޔަތް ކުރި ނަމަވެސް އެ ގާނޫނުތަކުގެ ކޮން މާއްދާއަކުންކަން ފާހަގަ ނުކުރާ ކަމަށް ބުނެ ފާހަގަ ކުރި ދެ ނުކުތާ އެވެ. އޭނާގެ ފަރާތުން މިއަދު ހައިކޯޓުގައި އެދިފައި ވަނީ ރައީސް ޔާމީންއާ ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް ކުރި ހުކުމް ބާތިލުކޮށްދިނުމަށެވެ. އެ ނުކުތާތަކާ ގުޅިގެން މައްސަލަ ރައްދުވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ފަރާތުން ވަކީލު އަބްދުﷲ މުއިއްޒު ވިދާޅުވީ ދަށު ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވި ކަމަށް ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ. ހަމައެކަނި ބަލާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޕާޓީގެ އެހެނިހެން ގަވާއިދުތަކަށް ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމުގެ ވަގުތު ހަމަވެ މިއަދު ތިނެއް ޖަހާއިރު އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރެއްވުމަށްފަހު 10:15 ގައި ފެށި އަޑުއެހުން ނިންމާލެއްވީ އެވެ. އިސް ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ތިނެއް ޖަހާއިރު ފަށާ ޝަރީއަތުގެ އަޑުއެހުމަށް ޕީޕީއެމްވެސް ތަދައްހުލުވާނެ ކަމަށެވެ. ނަމަވެސް އެއީ ޕީޕީއެމްގެ ކޮން ފެކްޝަނެއް ކަމެއް ނޭނގެ އެވެ. ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ