މޫސުން ގޯސްވެ ގޮންޖެހުންތައް ބޮޑު، އެކަމަކު ނައީޝް ހޯދުން ކުރިއަށް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި، އިހި ނަގަން އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަމަށާއި، އައްޑޫއަށް މޫސުން ގޯސްވި ނަމަވެސް ހުއްޓާ ނުލާނެކަމަށް ސިފައިން ބުނެފިއެވެ. ނައީޝް ހޯދުމުގެ މަސައްކަތް ކުރިއަށް ދާގޮތް "ސަން"އާ ހިއްސާކުރަމުން ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޫސުން ގޯސް ވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްކަމަށެވެ. އަދި މަތިން ވެސް ފެންނަނީ ނުސާފުކޮށް ކަމަށާއި ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. ސިފައިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނައީޝް ހޯދުމަށް 490 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެމްއެންޑީއެފުން ރޭ ބުނީ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑްގެ ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން 23.46 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 490 ސްކޮޔާ ނޯޓިކަލް މޭލު މިހާތަނަށް ބަލައިފައިވާ ކަމަށެވެ. މީގެ އިތުރުން، ނައީޝް ނިސްބަތްވާ މަރަދޫން ތިން މަސްބޯޓެއް ވެސް ވަނީ އެ އޮޕަރޭޝަނުގައި ބައިވެރިވެފައެވެ. ނަމަވެސް، މިހާތަނަށް ބެލި ބެލުމުން ނައީޝްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވެއެވެ. ނައީޝްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އެހީތެރިވުމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ބޯޓެއް ވެެސް ވަނީ ބޭނުންކުރަން ފަށަައިފައެވެ. އާއިލާގެ ފަރާތުން އިއްޔެ "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އެ ސަރަހައްދުން ނައީޝްގެ މާސްކު އަދި ފްލެޝްލައިޓު ވެސް ފެނިފައި ނުވާ ކަމަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ނައީޝް ގެއްލުނީ އިތުރު ދެ ރަހުމަތްތެރިންނާއެކު އިހި ހިފަން ގަން ދެކުނު ފަރާތަށް ގޮސް އުޅުމުގެ ތެރޭގައެވެ. އެ ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ އެރޭ 22:45 ހާއިރެވެ. އާއިލާއިން ބުނީ، އޭނާ އަކީ މޫދަށް ގަދަ ކުއްޖެއް ކަމަށެވެ. އަދި އާންމުކޮށް މޫދަށް އެރި އުޅެނީ ދުވާލު ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ދިޔައީ މިއަދު އާއިލާއާ އެކު މާލެ އައުމަށް ހަމަޖެހިފައި އޮތުމުން ކަމަށެވެ. މީގެ އިތުރުން އާއިލާއިން ބުނީ، މިވަގުތު ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައީޝްއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ އެ އާއިލާގައި ހުރި އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ