އައްޑޫ ބިޒްނަސް ފޯރަމް: އިންވެސްޓްމަންޓުގެ މައި ހަބަކަށް ހެދުމަށް ހުޅުވޭ ފުރުޞަތެއް

ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މައި ހަބަކަށް އައްޑޫ ސިޓީ ހެދުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިމަހުގެ 13 އަދި 14ވަނަ ދުވަހު އައްޑޫ ސިޓީގައި ޚާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
"އައްޑޫ ބިޒްނަސް ޑައިލޮގް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝިޔާރުގެ ދަށުން، އައްޑޫ ސިޓީގައި ބާއްވާ ބިޒްނަސް ފޯރަމަކީ، އައްޑޫ ސިޓީގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ލިބޭނެ އިނާޔަތްތަކުގެ އިތުރުން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ފޯރަމަކީ އެކި ސިނާއަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފޯރަމެއް ކަމަށެވެ.
"އެކަން ފެށުމަށް މި މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބާއްވަން ނިންމާފައިވަނީ. އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭގޮތަށް އައްޑޫގައި މި ފޯރަމް ކުރިއަށްގެންދަން ގަސްދުކުރަނީ. ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އައްޑޫގައި ބާއްވާ ބިޒްނަސް ފޯރަމަކީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތުގެ ސަބަބުން އައްޑޫ އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
"މީގެ ސަބަބުން، އިރާދަކުރެއްވިއްޔާ، ކުދި ފަންތި އަދި މެދު ފަންތީގެ ޞިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރައި، އެތައް ވަޒީފާއެއް އުފެދި، އައްޑުއަތޮޅަށް، އަދި މުޅި ދިވެހިރާއްޖެއަށް، އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތައް އިރާދަކުރެއްވިއްޔާ ކުރާނެ. މި ފުރުޞަތުގެ ބޭނުންކޮށް، އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ އައި.ޓީ.ހަބްގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހައި ފަރާތްތަކަށް، ސަރުކާރުން ދަޢުވަތު ދެން." ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ބާއްވާ މި ފޯރަމްގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، މަސްވެރިކަމާއި އަދި އެހެނިހެން ސިނާއަތްތަކުގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން އަދި މާލީ ވުޒާރާ ހިމެނޭހެން ސަރުކާރުގެ ގިނަ އިދާރާތަކަކުން މި މަޝްވަރާތަކުގައި ބައިވެރިވާނެ ވަޒީރު ސަޢީދު ވިާޅުވިއެވެ.
މި ބިޒްނަސް ފޯރަމް ކާމިޔާބު ކުރުމަށް، ވިޔަފާރިތަކުން އަމަލީ ގޮތުން ބައިވެރިވުމަށް ވަޒީރު ވަނީ އެދިލައްވާފައެވެ. އަދި ސަރުކާރުން ފަށާފައިވާ އިޤްތިޞާދީ މަޝްރޫއަށް އެއްބާރުލުން ދިނުމަށް އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށާއި ސިނާއީ ދާއިރާގެ ހިއްސާދާރުންނަށް ސަރުކާރުން ވަނީ ދައުވަތު ދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ 2027 އިން 2029 އަށް އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ