"އިންސިއުލިން އާއި އިންސިއުލިން ޕެން ވެސް ފާމަސީތަކުގައި ލިބެން އެބަހުރި"

ޑައިބެޓީސް، ނުވަތަ ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިންގެ ވައްތަރެއް ނުލިބި، ސޯޝަލް މީޑިއާގައި އާންމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އިންސިއުލިން ޕެން، އަދި އިންސިއުލިންގެ ސްޓޮކް އެބަ ހުރި ކަމަށް، ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ބުނެފިއެވެ. އާންމުންގެ ކަންބޮޑުވުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭން އާންމު ބައެއް ބަލިތަކަށް ބޭސް ނުލިބޭ މައްސަލައެވެ. އެގޮތުން، ދޭތެރެއަކުން ބޭސް ހުސްވެ، ނުލިބޭ ކަމުގެ ޝަކުވާ ފެންމަތިވެއެވެ. މޯލްޑިވިއަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ ވަނީ، މާލޭގެ ބޭސް ފިހާރަތަކުން 'ނޯވޯފައިން' އިންސިއުލިން ޕެން ހުސްވެފައިވާ ކަމަށް، މިދިޔަ ބުދަ ދުވަހު ޕޯސްޓެއް ކުރައްވައިފައެވެ. "ފިރާޝް"ގެ ނަމުގައި އެ ޕޯސްޓަށް ރިޕްލައިކުރި މީހަކު ޖަހައިފައިވަނީ، މާލޭގެ ގާތްގަނޑަކަށް ހުރިހާ ފާމަސީއަކަށް އޭނާ ރޭ ދިޔަ ކަމަށާއި، އިންސިއުލިން ޕެން އެ ތަންތަނުން ހުސްވެފައިވާ ކަމަށެވެ. https://sun.mv/221679 އެހެންވެ، މާލޭން އިންސިއުލިން ޕެން އަދި އިންސިއުލިން ހުސްވެފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް ހެލްތު މިނިސްޓްރީއާއި ބުރާސްފަތި ދުވަހު ސުވާލުކުރުމުން ބުނީ، ކަން ހިނގިގޮތް ސާފުކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީން 'ސަން'އަށް ރޭ ބުނީ، ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ ބައެއް ބްރޭންޑުތައް ނުލިބުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އިންސިއުލިން ޕެން އާއި އިންސިއުލިން ބޭސް ފިހާރަތަކުގައި އެބަހުރި ކަމަށެވެ. އާންމުކޮށް ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯއިން ބުނީ، އެސްޓީއޯގެ ފާމަސީތަކުގައިވެސް ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިން ޕެން އާއި އިންސިއުލިން ލިބެން އެބަހުރި ކަމަށެވެ. އެސްޓީއޯ ފާމަސީއެއް: އެ ކުންފުނިން ބުނީ ފާމަސީތަކުގައި އިންސިއުލިން އެބަހުރި ކަމަށް -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮންމެ ދިހަ މީހަކުން އެކަކަކީ ހަކުރުބަލި ތަހައްމަލުކުރަމުންދާ މީހުންނެވެ. ހަކުރުބައްޔަށް ބޭނުންވާ ބޭހުގެ އިތުރުން، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަން ގަބޫލުކުރައްވާ ކަމަށާއި އެފަދަ ޝަކުވާތައް ލިބެމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެފައިވެއެވެ. މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒީނިޔާ ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށްވީ ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަން އޭނާ ފާހަގަކުރެއްވިއެވެ. ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް --- ސަން ފޮޓޯ/ އިބްރާހީމް ނާއިޝް ބޭސް ލިބުމުގައި އަދި ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ބޭހެއްގެ، އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަން ވެސް ޒީނިޔާ ފާހަގަކުރެއްވިއެވެ. ސިއްޚީ ޚިދުމަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާ އެއް ދާއިރާއަކީ ރައްޔިތުން ތަހައްމަލްކުރަމުންދާ ބަލިތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން ކަމަށާއި، އުއްމީދަކީ ބޭސް ކުންފުނީގެ އެހީގައި މައްސަލަ ހައްލުކުރުން ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ. ބޭސް ނުލިބުމުގެ އިތުރުން، ރާއްޖޭން ނުލިބޭ ބޭސް، ރާއްޖޭން ބޭރުން ގެންނަން ގިނަ ދުވަސްވާތީ އެ ކަންބޮޑުވުން ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ