ރެފެރެންޑަމްގައި ސަރުކާރު ބޭނުންވާ ގޮތަށް ކެމްޕޭން ކޮށްދިނުން ޕީއެސްއެމްއިން ދިފާއުކޮށްފި ރެފެރެންޑަމްގައި ސަރުކާރު ބޭނުންވާ ގޮތަށް ކެމްޕޭން ކޮށްދިނުން ޕީއެސްއެމްއިން ދިފާއުކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މެދުގައި އަންނަ އެޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކޮށްދެމުންދާ ކެމްޕޭން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ދިފާއުކޮށްފި އެވެ.
މި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެހެން ޕާޓީތަކުން ވެސް ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.
ޕީއެސްއެމްއިން މި ރެފެރެންޑަމްގައި ވަކި ކޮޅެއް ނަގައިގެން ކެމްޕޭން ކޮށްދޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ހަމަހަމަ ފުރުސަތު ދިނުމަށް އެދި އެ ކުންފުންޏަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް އެ ސިޓީގައި ވަނީ އެމްޑީޕީގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީ އެ ކުންފުނިން އަމަލުކުރަމުން އަންނަ ގޮތް ދިފާއުކޮށްފަ އެވެ.
"މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި މި ކުންފުނިން އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް،"އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުالله ޔާމީން ސޮއިކޮށް އެމްޑީޕިއަށް ފޮނުވި ސިޓީގައި ލިޔެފައިވެ އެވެ.
ޕީއެސްއެމްއިން ވަނީ މި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން "ހޭލުން" ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގައި މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައި ޕްރޮމޯޓުކޮށްފައި ވަނީ ސަރުކާރުގެ ސްޓޭންޑެވެ.
"މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެ."
ޕީއެސްއެމްއިން އެމްޑީޕީއަށް ފޮނުވި ސިޓީ
ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ޕްރޮގްރާމަކަށް އެރުމަށް ފުރުސަތު ނުދޭ ކަމަށް ޕީއެސްއެމްއިން ބުނި ނަމަވެސް އެ ޕްރޮގްރާމުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަންނަނީ ބައިވެރިވަމުންނެވެ.
ހަމައެހެންމެ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތަކުގައި އިސް ސަފުތަކުން ފެންނަ މީހުން އަންނަނީ އެ ޕްރޮގްރާމްގައި އެ ޕާޓީން ބޭނުންވާ ގޮތަށް ދެ އިންތިހާބު އެއްކުރުމަށް ވަކާލާތު ކުރަމުންނެވެ.
އެމްޑީޕީން ވަނީ ހަމަހަމަ ފުރުސަތު ނުދޭތީ ޕީއެސްއެމްގެ އެމްޑީ އަހްމަދު ޝަކީބުއާ ބައްދަލުކުރުމަށް މިއަދު ޕީއެސްއެމްގެ އޮފީހަށް ގޮސްފަ އެވެ. ނަމަވެސް ޝަކީބުއާ ބައްދަލެއް ނުކުރެވެ އެވެ. ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރުމުން އެކަން ވެސް ކާމިޔާބުވާ ގޮތް ނުވުމުން ޝަކީބުގެ އިސްތިއުފާއަށް އެ ޕާޓީން މިއަދު ގޮވާލި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕީއެސްއެމް ހިންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ޓީވީ ހިންގަމުންދަނީ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް ގޮތުގައި ކަމަށެވެ.
"ޕީއެސްއެމްއަކީ ގާނޫނީ ގޮތުން ހަމަހަމަ ފުރުސަތުތައް އެންމެންނަށް، ހުރިހާ ޕާޓީތަކަށް ދީގެން އެކަން ކުރެވޭނެ ބައެއް. އެކަމަކު އޭގެ ބަދަލުގައި މިއަދު ޕީއެސްއެމްއިން ކުރާ ކަމަކީ ސަރުކާރަށް ކެމްޕެއިންކުރުން. އެކަމެއް ނުކުރެވޭނެ އެގޮތަކަށް،" ޣަފޫރު ވިދާޅުވި އެވެ.
އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮންނަ ތަނަކަށް ޕީއެސްއެމް ވާންޖެހޭނެ ކަމަށް ގާނޫނުގެ އެތަކެއް މާއްދާއެއްގައި ބަޔާންކޮށްފައިވީ ނަމަވެސް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ރެފެރެންޑަމް ވޯޓުގައި އަމަލުކުރަމުން އަންނާތީ ދައުލަތުގެ މީޑިއާއާ މެދު މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ