'ދުރަންދަރު'ގެ ދެވަނަ ބައި އަންނަ ފިޠުރު ޢީދުގައި

ބޮލީވުޑުން މި އަހަރު ގެނެސްދިން އެންމެ ކާމިޔާބު ފިލްމުގެ ރިކޯޑު ހޯދާނެ ކަމަށް ބެލެވޭ ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައި އަންނަ އަހަރުގެ ފިޠުރު ޢީދުގައި ރިލީޒްކުރަން ނިންމިކަން އިއުލާނުކޮށްފިއެވެ. މި ފިލްމު ނިންމާލަމުން ފިލްމުގެ ދެވަނަ ބައި މާރިޗު މަހު ގެނެސްދޭނެކަން އިއުލާނުކުރި ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އޭރު އިއުލާނުކޮށްފައެއް ނުވެއެވެ. ޑައިރެކްޓަރު އަދިތިޔަ ދާރުގް ސްޕައި އެކްޝަން ތުރިލާ ފިލްމު އަންނަ އަހަރުގެ މާރިޗު މަހުގެ 19 ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކުރިއިރު ފިލްމު ރިލީޒްކުރާނީ ހިންދީ ބަހުގެ އިތުރުން އިންޑިއާގައި އާއްމުކޮށް ވާހަކަދައްކައި އުޅޭ އިތުރު ފަސް ބަހަކުންނެވެ. އެއީ، ހިންދީ ބަހުގެ އިތުރުން، ތެލުގޫ، ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުންނެވެ. ރަންވީރު ސިންގް އަދި ފިލްމު "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތިޔަ ދާރު--ފޮޓޯ/އެންޑީޓީވީ އިތުރު ފަސް ބަހަކުން ދެވަނަ ބައި ރިލީޒްކުރާނެކަން އިއުލާނުކުރިއިރު ފުރަތަމަ ފިލްމު ގެނެސްދިނީ ހަމައެކަނި ހިންދީ ބަހުންނެވެ. އެހެންނަމަވެސް، ފިލްމަށް އިންޑިއާގެ އެކި ސަރަހައްދުތަކުން ލިބުނު ތަރުހީބު ހީކުރި ވަރަށް ވުރެ މާ ބޮޑުކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ސައުތު ޑިސްޓްރިބިއުޓރުން ހިމެނުނުއިރު ދެވަނަ ފިލްމު ސައުތު މީހުން ވާހަކަދައްކާ އުޅޭ ބަހުން ގެނެސްދޭން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ އަދިތިޔަ ދާރުގެ ފިލްމު "ދުރަންދަރު"އަށް މިހާތަނަށް ބޮކްސް އޮފީހުގައި 935.17 ކްރޯޑު ރުޕީސް (104.2 މިލިއަން ޑޮލަރު)ގެ އާމްދަނީ ވަނީ ލިބިފައެވެ. އިންޑިއާއިން އެކަނި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ 619.30 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، "ދުރަންދަރު"ގެ ދެވަނަ ބަޔަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފިލްމު ކްރިޓިކުން ވަނީ ބުނެފައެވެ. މި ފިލްމުގެ ލީޑް ރޯލްއިން ރަންވީރު ސިންގް ފެނުނުއިރު ފިލްމުގެ މުހިއްމު ރޯލްތަކުން ފެނުނު އެކްޓަރުންގެ ތެރޭ ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް އަދި އާރް މާދަވަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ