ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގައި ތަކެތި ހަދާ މިސްކިތްތަކަށް ވައްދަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެ ތަކެތި މިސްކިތްތަކުން ނެގުމަށް ސިޓީ ކައުންސިލަށް އަންގާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ސުތުރާއަކީ ނަމާދުކުރާ މީހާ އާއި އޭނާގެ ކުރިމަތިން ހުރަސްކުރާ ފަރާތާ ދެމެދު ހުރަހެއްގެ ގޮތުގައި ބަހައްޓާ އެއްޗެކެވެ. އާންމު ގޮތެއްގައި މި ތަކެތި ހަދާފައި ހުންނަނީ ފަލައިންނެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މި ފަހަކަށް އައިސް މިކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށާއި މިސްކިތްތަކުގައި މިފަދަ އެކި ސިފަ ސިފައިގައި ހުރި "ސުތުރާ" ތައް ބަހައްޓާފައި އެބަހުރި ކަމަށެވެ.
"މިގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީ ކައުންސިލުގައި އެދޭނަން،" ޝަހީމް ވިދާޅުވި އެވެ.
މިއީ ރަސޫލާގެ ހަޔާތްޕުޅުގަޔާއި އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި އަދި ހެޔޮކަންބޮޑުވެގެންވާ ތިން ގަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފުހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެންދިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
މާލެ އާއި ރާއްޖެތެރޭގައި ވެސް މިކަން ފާހަގަވެ އެވެ. އެގޮތުން ލަކުޑި އާއި ޕްލާސްޓިކުން އެކި ޑިޒައިންތަކަށް ހަދާފައި ހުންނަ ކުދި ސުތުރާތައް ނަމާދު ކުރާއިރު ކުރިމަތީ ބަހައްޓައިގެން ތިބޭ މަންޒަރު އެކި މިސްކިތްތަކުން އާންމުކޮށް މިހާރު ފެންނަމުންދެ އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، މިފަދަ ސުތުރާތަކުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
"އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން. މިގޮތުން އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތަށް މިކަން ބަދަލުވެގެންދާނެ ކަމަށް ފެނޭ،" ޝަހީމް ލިޔުއްވާފައިވެ އެވެ.
މިސްކިތުން ސުތުރާތައް ނެގުމަށް އަންގަނީ މިސްކިތުން ސުތުރާތައް ނެގުމަށް އަންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ