ތިބާއަކީ ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބުމަށް އެދޭ އަދި ދުނިޔޭގަ ތަނަވަސްކަމަށް އެދޭ މީހަކުނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ!

ލޮބުވެތި އެކުވެރިންނޭވެ! ހުސްވަޤުތެއް ލިބޭއިރަށް ތިމާއަށް ފައިދާނުކުރާނެ ކަންކަމަށް ވިސްނުމާއި އެބާވަތުގެ ކަންކަމުގެ ވާހަކަ ދެއްކުމާއި ދުރުހެލިވާށެވެ! ޖަންނަތުލްފިރުދައުސް ލިބިގަނެވޭނެ ގޮތްތަކަށް ވިސްނާށެވެ. 
ޖަންނަތުލްފިރުދައުސް ޙާޞިލްކުރެވޭނެ މަގަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރެވޭނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔޭގައި ދުނިޔޭގައި އުޅުއްވެވި ގޮތަށް ވިސްނައިގެންނެވެ. ސުންނަތަށް ޢަމަލުކޮށްގެންނެވެ. ސުންނަތަށްވުރެ އަގުހުރި ފިލާވަޅެއް ހަމައެކަކަށްވެސް ނުލިބޭނެއެވެ. 
ތަޤްވާރިކަން ލިބިފައިވާނަމަ ތިބާއަކީ މުއްސަންޖެކެވެ. ފައިސާ އަތުގައި ނެތްނަމަވެސް މުއްސަންޖެކެވެ. އެހެނީ ތަޤްވާވެރިކަން ލިބިފައިވާނަމަ އެމީހަކު ފަތިސްނަމާދުކުރާނެއެވެ. ފަތިސްނަމާދުގެ އިހުސުންނަތްވެސް ކުރާނެއެވެ. އެއިރުން އެވަނީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑު ތަނަވަސްކަމުގައެވެ. 
ތިމާއަކީ ފަޤީރެއްކަމަށް ވިސްނި ކަންބޮޑުވެގެން އުޅެންޖެހެނީ މިބުނި ކަންކަން ނުކުރެވޭތީއެވެ. ފަތިސްނަމާދަށާއި ފަތިސްނަމާދުގެ އިހުސުންނަތަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވޭތީއެވެ. އެކަމުގައި ލައްވަވާފައިވާ ބަރަކާތާއިމެދު ވިސްނައިނުލެވޭތީއެވެ. 
އެންމެ ތަނަވަސް މީހާކަމުގައި ވެވޭނީ ތިޖޫރީގައި ފައިސާގިނަވުމަކުން ނޫނެވެ. އެމީހަކީ ތަޤްވާވެރިއެއްކަމުގައި ވެވިގެންނެވެ. ވިސްނައިލާށެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެއެވެ. ދުނިޔެދޫކޮށް ދާންޖެހޭނީ ތިޖޫރީގައި ބަހައްޓާފައި ހުރި ފައިސާތައް ދޫކޮށްލާފައެވެ. ނަމަވެސް ތަޤްވާވެރިކަން ތިބާއާއިއެކު ކައްވަޅަށްވެސްދާނެއެވެ. ޤިޔާމަތް ދުވަހުވެސް ތިބާއާއިއެކުގައިވާނެއެވެ. ތިބާ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވާނެއެވެ. 
ވީމާ ކޮންމެ މީހަކުވެސް އެންމެ ގިނައިން ވިސްނާ ކަމަކީ ޖަންނަތުލް ފިރުދައުސް ޙާޞިލްކުރުން ކަމުގައި ހަދާށެވެ. އެގޮތަށް އެކަން ކުރެވިއްޖެ މީހަކަށް ޖަންނަތުލްފިރުދައުސް ދެއްވަވާނެތެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ