އަހަރުގެ މިހާތަނަށް އެކި ސަރަޙައްދުތަކުގައި އެޅި ކަނދުފަތިތަކުގެ އަދަދު 14އަށް

މިއަހަރުގެ މިހާތަނަށް 14 ކަނދުފައްޗެއް އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
މިދިޔަ 2 ހަފްތާގެ ތެރޭގައިވެސް ވަނީ 4 ކަނދުފަތި އަޅާފައެވެ. މުޅިން އަލަށް ވަނީ ޅ. ކަނުހުރާ ކައިރީގައި ކަނދުފަތި އަޅާފައެވެ. އަދި އަނެއް 3 ކަނދުފައްޗަކީ ކަނޑައިގެން ގޮސްގެން އަލުން މަރާމާތުކުރި ކަނދުފައްޗެވެ.
މިއަހަރުގެ މިހާތަނަށް މުޅި ޖުމްލަ 14 ކަނދުފަތި ވަނީ އަޅާފައެވެ. މީގެތެރޭގައި 4 ކަނދުފައްޗަކީ މުޅިން އަލަށް އަޅާފައިވާ ކަނދުފައްޗެވެ. އޭގެތެރޭގައި ހިމެނެނީ 3 ވަދު ކަނދުފައްޗާއި، 1 މަސް ކަނދުފައްޗެވެ.
ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 90 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށެވެ. އެހެން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން މިހާތަނަށް ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެކުރިން ވަނީ ވިދާޅުވެފައެވެ. ކަނދުފައްޗަކީ މަސްވެރިންނަށް ވަރަށް މުހިންމު އެއްޗެކެވެ.
ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ އޭގެ އުނދަގޫ މަސްވެރިންނަށް ކުރެއެވެ. އެހެންކަމުން ކަނޑައިގެންދާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތް ވުޒާރާއިން ދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންނެވެ.
ކަނދުފައްޗަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.
ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ