ވިހަފަރުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި

ނ. ވިހަފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ނ. އަތޮޅުގައި ތަރައްގީކުރާ "އައިލާ މޯލްޑިވްސް" ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޢަމަލީ ގޮތުން މިމަޝްރޫޢު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައި، އިޢުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، މިލަދުންމަޑުލު ދެކުނުބުރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ 2026 ވަނަ އަހަރުގެ ކުރީކޮޅު، މިކަމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.
ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ