ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުމާ މެދު އދ.ގެ ކޮމިޓީއަކުން ކަންބޮޑުވުން ފާޅުކޮށް، އެ އެއްބަސްވުން ތަސްދީގުކުރުން ފަސްކުރުމަށް އެ ކޮމިޓީން ގޮވާލައިފި އެވެ.
އދ.ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަނުން އާންމުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވަނީ، މި އެއްބަސްވުމުގެ ސަބަބުން ޗާގޯސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ދިގުދެމިގެންދާނެ ކަމަށެވެ. އެހެންކަމުން، އެ އެއްބަސްވުން ތަސްދީގު ނުކުރުމަށް އިނގިރޭސި ސަރުކާރަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު މި ރިޕޯޓުގައި ބުނެފައިވަނީ، ޗާގޯސްގެ އަސްލު ވަޒަންވެރިންނަށް އެ މީހުންގެ ކާބަފައިންގެ ރަށް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އެނބުރި ދިއުން މި އެއްބަސްވުމުގެ ދަށުން މަނާކޮށްފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.
އިނގިރޭސި ސަރުކާރުން ބުނަމުންދަނީ މިއީ 2019ގައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ން އިނގިރޭސިވިލާތުގެ ބާރުގެ ދަށުން އެ ސަރަހައްދު ދޫކޮށްލުމަށް ކުރި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
ނަމަވެސް، އެ އެއްބަސްވުން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް، އެ ގައުމުގެ ސަރުކާރުން ތަސްދީގުކުރުން އަދި އޮތީ ހުއްޓިފަ އެވެ.
މިދިޔަ މޭ މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރި ނަމަވެސް، ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސި-އެމެރިކާގެ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުން ބިލިއަނުން ފައިސާ ހަރަދުކުރަން ޖެހޭނެ އެވެ.
އދ.ގެ ކޮމިޓީން ބުނީ މި ނިންމުމަކީ އިސްތިއުމާރީ ބާރުތައް ނައްތާލުމާ ގުޅޭ ގޮތުން އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ހިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން ޗާގޯސްގެ ރައްޔިތުންގެ ސަގާފީ ހައްގުތަކާއި އަމިއްލަ އިހްތިޔާރުގައި ކަންކަން ނިންމުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށެވެ.
ކޮމިޓީން ވަނީ މި އެއްބަސްވުން ތަސްދީގުކުރުން މަޑުޖައްސާލައި ޗާގޯސްގެ ރައްޔިތުންނާ އެކު އަލުން މަޝްވަރާތައް ފެށުމަށާއި، އެ މީހުންނަށް ލިބުނު ގެއްލުމުގެ ފުރިހަމަ ބަދަލު ހޯދައިދިނުމަށް އިނގިރޭސިވިލާތާއި މޮރިޝަސްއަށް ގޮވާލާފަ އެވެ. އަދި މިހާތަނަށް މި މަރުހަލާގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކަމާއި ކުރިން ކޮށްފައިވާ ބޭއިންސާފުތައް ބަލައިގެންފައި ނުވާތީ އެ ކަމަށް ފާޑުކިޔާފައިވެ އެވެ.
އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ވެސް ވަނީ މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔާފަ އެވެ. ޝެޑޯ ފޮރިން ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ވިދާޅުވީ، ސަރުކާރުން މި އެއްބަސްވުން ގަދަބާރުން ކުރިއަށް ގެންދިޔައީ ޗާގޯސްގެ ރައްޔިތުންގެ ބަހެއް ނެތި ކަމަށާއި މިހާރު އެކަން އދ.އަށް ވެސް ހާމަވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އިނގިރޭސި ފޮރިން އޮފީހުން ބުނީ، ޗާގޯސްގެ ރައްޔިތުންނަށް އެ ރަށްތަކުގެ މުހިންމުކަން އެ ގައުމުން ބަލައިގަންނަ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާ ނޫން އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުވުމުގެ މަޝްރޫއުތައް ހިންގުމުގެ އިހްތިޔާރު މޮރިޝަސްއަށް އޮންނާނެ ކަމަށާއި، އެ ރަށްތަކުގެ ތާރީހީ ތަންތަނަށް ޒިޔާރަތްކުރުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޗާގޯސްގެ އެއްބަސްވުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ތަސްދީގުކުރުން ފަސްކުރަން އދ.ގެ ކޮމިޓީއަކުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ