އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް އިސްކަންދޭނީ ލިންކްރޯޑަށް ހައްލެއް ގެންނަން ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި މުޝްރިފް ވިދާޅުވީ ލިންކްރޯޑަކީ މިހާރު ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައި އޮތް ތަނެއް ކަމަށާއި މީގެ އުނދަގޫ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ވެސް ކުރަމުންދާ ކަމަށެވެ. މި މަގަށް މިގޮތަށް ދިމާވެފައިވަނީ ފާއިތުވި 23 އަހަރުވެސް ރަނގަޅު ގޮތުގައި ނުބެލެހެއްޓުމުން ކަމަށާއި އަދި މިހާރު މި މަގަށް ދިމާފައި އޮތް މައްސަލަ ދިމާވީ އެންމެފަހުން އައްޑޫގައި މަގު ހެދުމަށް ހިންގި މަޝްރޫއުގެ ތެރެއިން ބޭނުންކުރި ހެވީ ވެހިކަލްތައް ދުއްވުމުގެ ސަބަބުން ކަމަށް މުޝްރިފް ވިދާޅުވި އެވެ.
މުޝްރިފް ވިދާޅުވީ އެއްބަސްވުންތައް ހެދިގެންދާއިރު، އެ މަސައްކަތް ކުރާ ބައެއްގެ ފަރާތުން ލިބޭ ގެއްލުންތައް ފޫބެއްދޭނެ މާއްދާތަކެއް އެއްބަސްވުމުގައި ހުންނާނެ ކަމަށާއި އެގޮތުން މަގު ހެދުމުގެ ޕްރޮޖެކްޓާއި ގުޅޭ އެއްބަސްވުމުގައި އެކަން ހިމަނާފައިވޭތޯ ބެލުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އެގޮތުން މަގުތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމަށާއި މިހާރު އޮތް ކައުންސިލުން އެކަން ބަލާފައިވޭތޯ އެއީ އުފައްދަންޖެހޭ ސުވާލެއް ކަމަށްވެސް ވިދާޅުވި އެވެ.
އައްޑޫގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ކަމަކަށް ވެސް މަގު ހެދުމުގެ އެއްބަސްވުން ބަލާނެ ކަމަށާއި އަދި މިކަމަށް ޒިންމާ ނަގަންޖެހެނީ ކޮން ބައެއްތޯ ވެސް ބަލާނެ ކަމަށް މުޝްރިފް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މޭޔަރުކަމުގައި މި ދިމާވެފައި އޮތް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން،" މުޝްރިފް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ވެސް އިސްކަންދޭނީ ލިންކްރޯޑަށް ހައްލެއް ގެންނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ