ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނައުމަށް ހުށަހަޅާފައިވާ 'ބޮޑު ބަދަލު'އާ ގުޅޭ ގޮތުން މަޝްވަރާގެ މޭޒަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ދެވަނަ ފަހަރަށް މަޝްވަރާގެ މޭޒަށް އައުމަށް މި ގޮވާލެއްވީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު އެ ދައުވަތާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
ތަފްސީލު - ނަޝީދު މިފަހަރު ސަރުކާރަށް މަޝްވަރާއަށް އައުމަށް ގޮވާލެއްވީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ރާއްޖެއިން އަނބުރާ ދައްކަން އޮތް މުދައްތު ހަމަވާތީ އެކަމާ ގުޅުވަ އެވެ.
އެގޮތުން، ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ:
އެ ދަރަނި ދެއްކުން މި މަހު ހަމަވާއިރު، މީގެ ކުރިން އިންޑިއާ ސަރުކާރުން ދެ ފަހަރެއްގެ މަތިން އެ ފައިސާ ދެއްކުން ފަސްކޮށްދީފައިވޭ
ތިން ވަނަ ފަހަރަށް ފައިސާ ދެއްކުން ލަސްކުރުމަކީ، އިންޑިއާގެ މާލިއްޔަތު ގަވައިދުތައް ތަންދޭ ކަމެއް ނޫން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނޭ
550 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑުގެ ފައިސާ ވެސް ސަރުކާރުން ދެއްކީ މި މަހު
"ރާއްޖޭގެ ޑޮލަރުގެ ރިޒާވް މިހާރު ނެތް. ރާއްޖެ ޑީފޯލްޓްވެއްޖެ ނަމަ، މުޅި މާލީ ނިޒާމަށް އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.
އެއާ އެކު، ނަޝީދު ވިދާޅުވީ އެ މަނިކުފާނު ހުށަހަޅުއްވާ 'ބޮޑު ބަދަލު'ގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާ ހިންގުން ކަމަށެވެ.
"އިންޑިއާ ސަރުކާރާ އެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖިއްޔާ އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ވާނެ،" އިންޑިއާއާ އަބަދު ވެސް ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ ސަރުކާރު މަޝްވަރާގެ މޭޒުދޮށަށް އައުމަށް."
އެނގުން މުހިންމު - އެމްޑީޕީގެ ފެކްޝަންތަކުގެ ތެރެއިން ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށަހަޅުއްވާ 'ބޮޑު ބަދަލު'އާ ގުޅޭ ކަންކަން އެ ދެ ބޭފުޅުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަ ކުރައްވާފަ އެވެ.
މައިގަނޑު ބަދަލަކީ ސަރުކާރުގެ މަތީ ވެރިޔާ އާއި ދައުލަތުގެ މަތީ ވެރިޔާ ދެ މަގާމަކަށް ހެދުމެވެ. އެގޮތުން:
ސަރުކާރުގެ މަތީ ވެރިޔާ އިންތިހާބުކުރާނީ މިހާރު ވެސް ރައީސް އިންތިހާބުކުރާ ގޮތަށް ރައްޔިތުންގެ ސާފު އަގުލަބިއްޔަތުގެ ވޯޓަކުން
ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ ވޯޓަކުން؛ އެކަމަކު ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރާ ހާލަތުގައި ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމާއި އޯވާސައިޓް ސުޕަ ކޮމިޝަނެއް ހެދުމުގެ އިތުރުން މަޖިލީހުގެ އެކުލެވުން ބަދަލުކުރުން ހިމެނެ އެވެ.
ރައީސް އިއްޔެ ވިދާޅުވި ގޮތުގައި، ނަޝީދުގެ ހުށަހެޅުމުގައި ހުރި ކަންކަމަކީ ރައްޔިތުން އެ މަނިކުފާނަށް ދިން މެންޑޭޓުގައި ހިމެނޭ ކަންކަމެއް ނޫނެވެ.
ނަޝީދު އަނެއްކާވެސް މަޝްވަރާއަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ