ބީއެމްއެލްގެ ލޯނު ދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފި

ބީއެމްއެލް އިން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރު 60 އަހަަރުން 75 އަހަރަށް މަތިކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ މިގޮތަށް ނިންމީ އިއްޔެ އެ ބޭންކުގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
ތަފްސީލް - މިހާތަނަށް އޮތްގޮތުން ލޯނު ދޫކުރަމުން އައީ ލޯނު ނަގާ މީހާގެ އުމުރުން އެންމެ މަތިވެގެން 60 އަހަރު ވާއިރު އެ ލޯނު މެޗުއާވާ ގޮތަށެވެ. 
"55 އަހަރުގެ ބޭފުޅަކަށް ވެސް މިހާތަނަށް ލޯނު ދެމުން އައީ 5 އަހަރުން ދައްކާ ނިންމާ ގޮތަށް. މިހާރު އެ ބަދަލު މި ކުރީ 75 އަހަރަށް،" ޝަރީފް ވިދާޅުވި އެވެ.
މި ބަދަލާ އެކު ގެދޮރު ގަތުން ފަދަ ކަންތަކަށް ލޯނު ހޯދުމަށް މެދު އުމުރުގެ މީހުންނަށް ވެސް ލުއިތަކެއް ލިބޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެ އޮންނަ 20 ނޫނީ 25 އަހަރަށް އެ ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކަސްޓަމަރުންނަށް ދޫކުރާ ލޯނު، ޑޮލަރުން އަނބުރާ ދައްކާ ނަމަ އިންޓްރެސްޓު ލުއިކޮށްދޭން ވެސް ބޯޑުން ނިންމާފައިވާ ކަމަށް ޝަރީފް މިއަދު ވިދާޅުވި އެވެ.
"ނޯމަލް އިންޓްރެސްޓު ރޭޓުން ބަލާ ނަމަ %1.5 ކުޑަކޮށް އަދި އިކުއިޓީ ބަހައްޓަން ޖެހޭ ވަރު ވެސް %5އަށް ކުޑަކޮށް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ވެސް ރަނގަޅު އާމްދަނީ އެއް ލިބޭ މީހުން، ގެދޮރު ގަތުމަށް ވެސް މިގޮތަށް ލޯނު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އުމުރުން 75 އަހަރުން މަތިވި ނަމަވެސް، އާމްދަނީ ލިބޭ މީހެއް ނަމަ، ބޭންކުގެ ކްރެޑިޓް ކާޑު އެމީހަކަށް ދޫކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ