ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 18 އަހަރަށް ޖަލަށް
ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާ އެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހު، އާދިއްތަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި އެއް އަހަރާއި ހަތް މަހާއި ނުވަ ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި ހަތަރު މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ފަދަ ކުށްތަކުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ފުލުހުންގެ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ