ހިތުގައި ތިނަން ވާތީ... 17

އާކިލްއަށް ގޮނޑީގައި ނީނދެވުނެވެ. ކައުންޓަރުގެ ކައިރިއަށް ދިޔައެވެ. ކުރުނބާ ހަދާފައި އެނބުރުނު މިރާހަށް ކުރިމަތީގައި ހުރި އާކިލް ފެނި، ކުޑަކޮށް ސިހޭގޮތްވިއެވެ. "ގެއަށް ދިޔައީ ކީއްކުރަން؟..." އާކިލް ހަރުކަށި އަޑަކުން ސުވާލުކުރިއެވެ. ******** މިރާހް ޖަވާބެއް ނުދީ ކުރުނބަލުގެ ތެރެއަށް ހޮޅިއެއް ލާފައި އާކިލްއަށް ދިއްކޮށްލިއެވެ. އާކިލް ހުރީ ސީދާ މިރާހުގެ ދެލޮލަށް ބަލާށެވެ. ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު، މިރާހް ކަމެއް ސިއްރުކުރަން މަސައްކަތް ކުރާކަން އާކިލްއަށް އެނގުނެވެ. އާކިލް ކުރުނބަލުގައި ނުހިފުމުން، މިރާހް ކުރުނބާ ހިފައިގެން ބަދިގެ އާއި ދިމާއަށް ހިނގައިގަތެވެ. "ކީއްކުރަންހޭ ގެއަށް ދިޔައީ؟.." ހަރުކަށި އެހެނަސް، މަޑުމައިތިރި ރާގަކަށް އާކިލް ސުވާލު ކުރިއެވެ. މިރާހް ހުއްޓުނެވެ. ދެފިކުރެއްގައި ހުރެފައި ކަހަލަ ގޮތަކަށް ފަސްއެނބުރުނެވެ. ކުރުނބާ މޭޒުމަތީގައި ބައިންދާފައި އެނބުރި އައިސް އާކިލްގެ ކުރިމަތީގައި ހުއްޓުނެވެ. "އަހަރެންގެ ޕްރައިވެޓް ކަންކަމާ ބެހޭގޮތުން ކުރާ ސުވާލަށް ޖަވާބުދޭންޖެހޭ ކަމެއް ނޭނގޭ..." މިރާހް ބަލައިލީ އާކިލްގެ ދެލޮލަށެވެ. އޭގެ ފަހުގައި އޭނާގެ ކުރިމަތީގައި ތިބި ރަތުނާއަށާއި އަޔާމަށް އަވަސް ނަޒަރެއް ދިނެވެ. "މިތާ އެންމެންގެ ތެރޭ ތިކަހަލަ ޕްރައިވެޓް ސުވާލު ނުކޮށް، ތި ވާހަކަ ދައްކަން އެހެން ތަނެއް ހަމަޖެއްސުން ރަނގަޅު..." ޝައްކު ނޫން އެއްޗެއް އާކިލްގެ ދެލޮލުން ފެންނާކަށް ނެތެވެ. ހުރިހާ ހެއްކެއް ގުޅިފައިވީ މިރާހަށެވެ. މިރާހުގެ ރާގު ހުރިގޮތުންވެސް އާކިލްއަށް އެކަން ކަށަވަރު ވިއެވެ. "މީ ކީއްވެ ހަލާކުވެފަ؟.... ކޮންތާކުން ވެފަ ހުރި ކަމެއް ތީ؟... ޓީޝާޓުގަ ޖެހިފަ ތިހުރީ ކޯއްޗެއް؟..." މިރާހުގެ އަތުގައި ހިފަމުން އާކިލް ސުވާލުކުރިއެވެ. މިރާހް ކުޑަކޮށް ސިހުނެވެ. ހުރި ތަނަށް ގަނޑުވިއެވެ. އާކިލްގެ އަތްދަށުން އަތް ދަމައިގަންނަން އުޅުނެވެ. އާކިލް ހިފައިގެން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. "ދިސް އިޒް ނަތިންގް..." އެހެން މީހެއްގެ ސަމާލުކަމަށް އައުމުގެ ކުރިން މިރާހް މަސައްކަތްކުރީ އާކިލްގެ އަތްދަށުން މިނިވަންވާށެވެ. އާކިލް ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. "ނަތިންގްވިއްޔާ ތި މާކް ތަކެއްވެސް ނުހުންނާނެ، އެހެންނު؟.." އާކިލްގެ މޫނުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. "އަހަރެން ޖަވާބު ބޭނުންވަނީ މިހާރު..." މޭޒު ކައިރީގައި އިން އަޔާމް ދުވަމުން ކަހަލަ ގޮތަކަށް ކައުންޓަރުގެ ކައިރިއަށް ދިޔައެވެ. "އާކިލް ހަމަޖެހިބަލަ، ކިހިނެއް ވެގެން މިއުޅެނީ؟..." އަޔާމް މަސައްކަތްކުރީ އާކިލްގެ އަތް ނައްޓުވައިލާށެވެ. "މިރާހް ދިޔައީ ގެއަށޭ... އަހަރެން ދެކުނީމޭ އޭނަ ގެއަށް ވަންތަންވެސް..." "އެންމެ ރަނގަޅު... ދެން ކީއްވެ އޭނަގެ އަތުގަ މިހިރަ ޒަހަމްތައް އެހާ ތާޒާކޮށް މިހުރީ؟..." އަޔާމަށް ބަލައިލަމުން އާކިލް ސުވާލު ކުރިއެވެ. މިރާހުގެ އަތުގައި ހުރި ޒަހަމުތައް ފެނި އަޔާމަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ތަނެއްގައި އަޅައިގަނެ، ލޭ ހިލިފައި ހުރި ތާޒާ ޒަހަމުތައް މިރާހުގެ އަތުގައި ހުއްޓެވެ. "ބުނެބަލަ ތީ އަތިރިމަތީގަ ހުރި ހަޓުން ލިބިފަ ހުރި ގެއްލުމެއް ނޫނޭ..." އާކިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ބުނެބަލަ، އެގަޑީ އެތާ ނުހުންނަމޭ..." ބަދިގެއިން ނުކުތް އިވްލީނަށް އިވުނު އަޑުން ހުއްޓުން އެރިއެވެ. އޭނާއަށް އާކިލްގެ އަޑު ސާފުކޮށް އިވުނެވެ. އިވްލީން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މިރާހުގެ އަތުގައި ހިފިއެވެ. ޓީޝާޓުގެ އަތްކުރި މައްޗަށް އުފުލައިލައިފައި، އަތުގައިވާ ޒަހަމުތައް ބެލިއެވެ. ދަގަނޑު ކަހަލަ އެއްޗެއްގައި އަޅައިގަތުމުން، ހަލާކުވެފައި ހުންނަ ކަހަލަ ނިޝާންތަކަކާއި، ތަނެއްގައި ގޭނިފައި ހުރި ކަހަލަ ޒަހަމުތަކެއް މިރާހުގެ ދެއަތުގައިވެސް ހުއްޓެވެ. ޒަހަމުތައް ތާޒާއެވެ. މިރާހުގެ މޫނަށް ބަލައިލިއިރު، އިވްލީންގެ ނަޒަރު ތަފާތުވެއްޖެއެވެ. "އީވް!..." އިވްލީން ދުރަށްޖެހިލިގޮތުން މިރާހުގެ ހިތުގައި ރިއްސައިލިއެވެ. އިވްލީން އިސްޖަހައިލީ މޭގައި ދިލަ ރިހުމެއް އުފެދުމުންނެވެ. އޭނާ އެހެން މީހަކަށް އިތުބާރު ނުކުރާވަރަށް މިރާހަށް އިތުބާރު ކުރިއެވެ. "އަހަރެން އެއްވެސް ކަމެއް ނުކުރަން... އަހަންނަށް ޓްރަސްޓް ކުރޭ އީވް..." މިރާހްގެ އަޑުގައި އެތައް ހާސް ރިހުމެއް އެކުލެވިފައިވިއެވެ. "އެހެންވިއްޔާ ތި ޒަހަމްތައް ލިބުނީ ކިހިނެއްކަންވެސް ބުނެދީބަލަ..." އާކިލް ބުނެލިއެވެ. "ގިނަ ފަހަރަށް ތިކަހަލަ ކަންކަން ކުރާނީ އެންމެ ކައިރީގަ އުޅޭ މީހާ..." ރަތުނާވެސް މިރާހަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. މިރާހް ޖަވާބެއް ނުދެއެވެ. އިސްޖަހާލައިގެން ހުރީ ކުށްވެރިއަކު ފަދައިންނެވެ. އެތެރެއިން މިރާހްގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އެންމެ ބޭނުންވި ފަރާތްވެސް މިރާހަށް އިތުބާރެއް ނުކުރިއެވެ. އެންމެން ބޭރަށް ނުކުތްއިރުވެސް ޖެހި ބުދެއްހެން މިރާހް ހުއްޓެވެ. އަޔާމް ފިޔަވައެވެ. "ސިއްރު ކުރުމުގެ މާނައެއް ދެން ނެތް... ހަނު ހުރެގެން އެއްވެސް މޮޅެއް ނުލިބޭނެ... ތެދަށް ހުރިހާ ވާހަކައެއް ކިޔާދީފަ މާފަށް އެދުން އެންމެ ބުއްދިވެރީ...." ވިސްނައިދޭ ރާގަކަށް އަޔާމް ބުނެލިއެވެ. "އައި ކާންޓް..." އަޔާމް ހިނގައިގަތުމުން، މިރާހް މަޑުމަޑުން ބުނެލިއެވެ. ބޭރަށް ނުކުތް އިވްލީނަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. އޭރުވެސް އިވްލީންގެ މޭގައި އުފެދިފައިވި ދިލަ ރިހުމަށް ލުޔެއް ނުލިބެއެވެ. ބޭރަށް ނުކުތް ނަމަވެސް، ޖެހެމުންދިޔަ ތާޒާ ވައިރޯޅިތަކުން އޭނާގެ ހަށިގަނޑަށް އަރާމެއް ނުވިއެވެ. އިސްޖެހިފައި ހުރި މިރާހަށް ބަލަން އިވްލީނަށް އެތައް އިރަކު ހުރެވުނެވެ. މިރާހުގެ މޫނުން ފެންނަން ހުރީ މައުސޫމު ކަމެވެ. އިވްލީނަށް އެފަދަ ދެރައެއް ދޭން މިރާހް ހިތަށްވެސް ނާރުވާނެކަން އޭނާއަށް ޔަގީނެވެ. އެކަމަކު، ހެކި ފެންނަން ހުރީ މިރާހާއި ދެކޮޅަށެވެ. އޭގެ ޖަވާބު މިރާހަށް ނުދެވުންވެސް އެއީ އެކަމުގައި މިރާހުގެ އަތެއް ވާކަން ސާބިތުކޮށްދޭނެ ސަބަބެކެވެ. އިވްލީންގެ ދެލޯ ފުރިގެން އައި ކަރުނަތަކުން މަންޒަރު ފުސްވިއެވެ. އާކިލް އައިސް ކައިރީގައި ހުއްޓިލުމުން، އިވްލީން އަވަސް އަވަހަށް އިސްޖަހައިލިއެވެ. ދެލޯ ފުރިގެން ބަންޑުންވި ކަރުނަތައް ފޮހެލިއެވެ. "ސޮރީ..." އާކިލް މައާފަށް އެދުނެވެ. "ކީއްވެ؟..." އިސްޖަހާލައިގެން އިނދެ، އިވްލީން ސުވާލުކުރިއެވެ. "ހުރިހާ ކަމަކަށް..." އާކިލްއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. މާޒީގައި އިވްލީން ދޫކޮށްފައި ނުދެވުނުނަމަ، މިއަދު އެއިން އެއްވެސް ކަމެއް ދިމާނުވާނެއޭ އޭނާގެ ހިތް ބުންޏެވެ. "ހީވޭތަ އެއީ މިރާހް ކުރި ކަމެއްހެން؟..." ހަމަޖެހިލަން މަސައްކަތް ކުރަމުން އިވްލީން އަހައިލިއެވެ. އޭނާ ބޭނުންވީ އާކިލް ވާހަކަ ދައްކަމުންދިޔަ މައުޟޫޢު ބަދަލުކޮށްލާށެވެ. "މިހާރު އަހަންނަކަށްވެސް ނޭނގެ ވިސްނަންވީ ގޮތެއް..." އާކިލް ދޫކޮށްލީ ފުން ނޭވާއެކެވެ. މިރާހަށް ބަލަން އޭނާ ކުޑައިރުކޮޅަކު ހުއްޓެވެ. އިވްލީން މަޑުމަޑުން ހިނގަމުން ގޮސް ރާޅުފަށުގައި ހުއްޓިލިއެވެ. މޫދު ފެނުމުންވެސް އޭނާގެ ހިތަށް ލުޔެއް ލިބުނެވެ. އިވްލީންގެ ފަހަތުން އައި އާކިލް، އިވްލީނާއި ދާދި ކައިރީގައި ހުއްޓުނެވެ. "ރޭގަ އަހަރެން ހީކުރީ... އަހަރެން ހީކުރީ، ދެން ދުވަހަކުވެސް އާކް ނުފެންނާނެ...ކަމަށް..." ހުއްޓަމުން ކަހަލަ ގޮތަކަށް އިވްލީން ބުނެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވީ ދުރުން ނަގަމުންދިޔަ ރާޅުތަކަށެވެ. އާކިލްގެ ނަޒަރު އިވްލީނަށް ހުއްޓުނެވެ. އެ އަޑުގައިވި ރިހުން އޭނާއަށް ސިއްރެއް ނުވިއެވެ. އާކިލްގެ ހިތް އެދުނީ އިވްލީންގެ އަތްތިލައިގައި ހިފައިލުމަށެވެ. އެކަމަކު، އެ ހިތްވަރެއް ނުލިބުނެވެ. "އަހަރެމެން އެކަކު އަނެކަކަށް ކުރާ އިތުބާރު ގެއްލުވާލަން މީހަކު ވަރަށް އެބަ މަސައްކަތް ކުރޭ!... މާޒީގަވެސް، މިއަދުވެސް...." އާކިލް ދެޖީބަށް އަތް ޖަހައިލިއެވެ. "އަހަރެންގެ ހިތް ބުނަނީ މާޒީގަވެސް އަހަރެމެން ދުރުވީ، އެމީހެއްގެ ރޭވުމެއްގެ ތެރެއިން ކުރި ކަމަކުންނޭ..." "ތިބުނީ؟..." އިވްލީން ހައިރާންވެފައި އާކިލްގެ މޫނަށް ބަލައިލިއެވެ. "އަހަރެން އީވް ކައިރީ ބުނަން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އެބަ އޮތް..." އާކިލް މަސައްކަތްކުރީ އޭނާގެ ހިތް ހުޅުވައިލާށެވެ. "އީވް!..." ރިމްޝާގެ އަޑަށް އިވްލީން ދިޔައީ ސިއްސައިގެންނެވެ. "މިތާތަ ތިހުރީ؟..." ރިމްޝާ ދުވެފައި ގޮސް އިވްލީންގެ ގައިގައި ބައްދައިލިއެވެ. އިވްލީނަށް އެއްވެސް ކަމެއް ވެފައި ހުރިތޯ ބެލިއެވެ. ކަންބޮޑުވެގެން ރިމްޝާގެ ދެލޮލުން ކަރުނަ ހިލިފައި ހުއްޓެވެ. "ކީއްވެ ނުގުޅީ؟... ކީއްވެ އެކަނި ދިޔައީ؟... އީވްއަށް ކަމެއް ދިމާވިނަމަޔޯ..." ރިމްޝާގެ އަޑު ވަނީ ކުރެހިފައެވެ. "އަހަންނަށް އެނގުނީ ދޮންބޭބެ ގުޅާފަ ބުނީމަ...." "އަހަރެން އޯކޭއޭ ރިމޫ..." އިވްލީން ބުނެލިއެވެ. "އީވް އަބަދުވެސް ބުނާނީ ތިހެން..." ތުން ފިއްތައިލައިގެން ހުރެ ރިމްޝާ ބުނެލިއެވެ. "ޔޫ އޯކޭ؟..." އާކިލްއަށް ބަލައިލަމުން ރިމްޝާ ވަރަށް ނޫންގޮތަކަށް އަހައިލިއެވެ. "ކޮންއިރަކުތަ އަހަންނާ ތިހާ ދުރުވީ؟..." އާކިލް އުޅުނީ ސަމާސާ ކުރާށެވެ. "އީވް ދޫކޮށްލާފަ ދިޔަ ދުވަހުން ފެށިގެން..." ރިމްޝާ ފޮރުވާކަން ނޫޅުނެވެ. "ތިހާ ޑައިރެކްޓްވާކަށް ނުވާނެ..." އާކިލް ހިތި ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރެމެން ކަހަލަ މީހުންވެސް ދުނިޔޭގަ އުޅެގެން ބައެއް ޗީޓާސްއަށް އެއްޗެއް ވިސްނޭނީ..." ރިމްޝާ ކުޑަ ގައުކޮޅެއް ނަގައި މޫދަށް ހޫރައިލިއެވެ. "ތިބުނީ އަހަރެން ޗީޓްކުރީއޭތަ؟..." އާކިލް އަހައިލިއެވެ. "އަހަންނާ ދިމާއަށް އެއްލި ގާގަނޑެއް ދޯ؟..." "ދެން ތިބުނީ ޗީޓްކުރީ އީވްއޭތަ؟..." އާކިލް ސުވާލުކުރި ރާގުގައި ރިމްޝާވެސް އަހައިލިއެވެ. "ގާގަނޑެއް ނޫން، ހިލަގަނޑެއްވެސް އެއްލަންވީ..." "އެއްކަލަ ދެ ކުޑަކުދިން ފެއްޓުނީދޯ..." އިވްލީން އެއްގަމާއި ދިމާއަށް ހިނގައިގަތެވެ. "އަބަދުވެސް ކޫސަނި ޒުވާބެއްގައޭ އުޅެނީ..." "ދެމީހުން ދޭތެރޭ އޮތް މިސްއަންޑަސްޓޭންޑިންގް ހައްލުވާން އެބަ ޖެހެއްނު.... އީވް، މަޑުކޮށްބަލަ.." ރިމްޝާ އިވްލީންގެ ފަހަތުން ހިނގައިގަތެވެ. ********* ފާހާނާގެ ބިތުގައި ލެނގިލައިގެން މިރާހު ހުރީ ދެލޯ މަރާލައިގެންނެވެ. ކަންތައް ވީ މިރާހު އުއްމީދުކުރި ގޮތަށެވެ. އެކަމަކު، އޭނާއަށް ކުރެވޭނޭ ކަމެއް ނެތެވެ. ސިއްރު އަބަދަށް ސިއްރެއްގެ ގޮތުގައި ދެމިއެއް ނޯންނާނެއެވެ. ކޮންމެވެސް ދުވަހަކުން ފަޅާއަރާނެއެވެ. "އީވް!... އައި އޭމް ސޮރީ... ސޯ ސޮރީ..." މިރާހަށް މަޑުމަޑުން ބުނެލެވުނެވެ. މިރާހުގެ ފޯނު ވައިބްރޭޓް ވިއެވެ. ފޯނަށް އައިސްފައި އޮތީ މެސެޖެކެވެ. މެސެޖު ހުޅުވުމުގެ ބަދަލުގައި މިރާހު ވަގުތުން އެ މެސެޖު ފޮހެލިއެވެ. "އަހަރެން އެއްޗެއް ބުނެފިއްޔާ..... ހުރިހާ ކަމެއް ބަދަލުވާނެ..." މިރާހަށް ހިތާއިހިތުން ބުނެވުނެވެ. މިރާހުގެ ދެއަތް މުށްކެވުނެވެ. ވަގުތުން މޫނުމަތީގެ އަސަރުތައް ބަދަލުވިއެވެ. ހިތާމައިގެ މައްޗަށް ކުރި ހޯދި ރުޅި، އޭނާގެ މުޅި ނަފުސުގެ މައްޗަށް ގަދަވެގަތެވެ. މިރާހު ގޮށްމުށުން ވަރަށް ބާރަށް ފާރުގައި ޖެހިއެވެ. ******* ކެފޭގެ ލައިޓްތައް ނިވުނު މަންޒަރު ބަލަން ދުރުގައި ހުރި މީހާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާގެ މަގުސަދު ހާސިލުވީއެވެ. "މިއަދުވެސް ކަންތައް ވަމުން މިދަނީ ކުރިންވެސް ވީހެން ހަމަ އަހަރެން ބޭނުންވި ގޮތަށް... ރައިޓް ޕާރސަން... ބަޓް ރޯންގް ރީޒަން..." އެމީހާ ހީގަތެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ