އަޅުގަނޑުމެން ކައިވެނިކުރީ ލޯބިވެގެން ދެއަހަރެއްހައި ދުވަހު އެކުގައި އުޅެފައެވެ. އެއިރު ލޯބިވެރިޔާ ކޮންމެ ދުވަހަކުހެން އަޅުގަނޑަށް ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރެއެވެ. އެކަމަކު ކަމަކު އެދެނީ ވަރަށް މަދުންނެވެ. ކިތަންމެ ކުޑަކުޑަ އެއްޗަކަށް ބޭނުންވެގެން ބުންޏަސް ގެނެސްދޭނީ އެންމެ ފެންވަރު ރަނގަޅު، އަގުބޮޑު އެއްޗެއްސެވެ.
ކައިވެނިކުރުމަށްފަހު އެކަން ބަދަލުވެއްޖެއެވެ. ބޭނުންވަނީ ކޮން އެއްޗެއްތޯ ސުވާލުނުކުރާ ތަނުގައި އެއްޗަކަށް ކޮންމެހެން ބޭނުންވެގެން ބުނެފިނަމަ ބުނާނީ އަތުގައި ފައިސާ ނެތްކަމަށެވެ. އެހެން އެވަނީ މިހާރު އަޅުގަނޑޫދެކެ ލޯބިނުވާތީ ނޫންތޯ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ތިއަ މައްސަލަ މެދުވެރިވާ ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. މިއީ ފިރިހެނުން ވިސްނުން ވަރަށް މުހިންމު މައްސަލައެކެވެ.
މައްސަލަ ފެށެނީ ތިމާގެ ކިބައިގައި ނެތް ފެންވަރު ހުރިކަމަށް ދައްކަން އުޅެވޭތީއެވެ. ތިމާގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރެވޭތީއެވެ. އާމްދަނީ ލިބޭވަރަށްވުރެ މާގިނައިން ލިބޭކަން ދައްކަން ކަންކަން ކުރެވޭތީއެވެ. މިފަދަ ހުރިހާ ކަމެއްވެސް މިއީ ދެއްކުންތެރިކަމުގެ ސިފަތަކެވެ. ދެއްކުންތެރިކަމަކީ މީހެއްގެ ކިބައިގައި ހުންނާނެ އެންމެ ނުބައި ސިފައެވެ.
ކައިވެނިކުރުމަށްފަހު ދިމާވާ މައްސަލަތަކަށް ބަލާށެވެ! ގިނަ އަނބިންގެ ޚަރަދުތައް ބޮޑުވެގެންދަނީ ލޯބިވެގެން އުޅޭއިރު ކަންކަން ކުރެވޭގޮތުންނެވެ. ލޯބިވެގެންއުޅޭ ދުވަސްވަރު ލޯބިވެރިޔާ ކިތަންމެ އަގު ބޮޑު އެއްޗަކަށް އެދުނަސް ހޯދައިދެއެވެ. އަދި ނުއެދުނަސް އަގުބޮޑު އެއްޗެތި ގަނެދެއެވެ. ރުއްސުމުގެ ބޭނުމުގައެވެ.
ކެއުންތަކަށް ގެންދަނީވެސް އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކަށެވެ. ތަނަކަށް ކާންދިއަ ނަމަވެސް ތަށި ޝެއާކޮށްލަން ބޭނުމެއް ނުވެއެވެ. ކިތަންމެ އަގުބޮޑު އެއްޗަކަށް ކިތަންމެ ގިނައިން އޯޑަރުކުރި ނަމަވެސް އަޅައެއް ނުލައެވެ.
މިހާރަކަށް ގިނައިން ކައިވެނިކުރަނީ މިގޮތަށް އެތައް ދުވަހެއް ވަންދެން އެކުގައި އުޅެފައެވެ. ކައިވެނިކުރާ ދުވަހުން ފެށިގެން ބަޖެޓުގެ މައްސަލަ ކުރިމަތިވެއެވެ. ތަނަކަށް ކާން ދިއަ ނަމަވެސް ދަނީ އެންމެ އަގުހެޔޮ ތަންތަނަށެވެ. ތަށި ޝެއާކުރަންވެސް އެބަބުނެއެވެ. އަގުބޮޑު އެއްޗެއް ހޯދައިދޭން އެދިއްޖެނަމަ ގަނެވޭނީ ފަހުން ކަމަށް އެބަބުނެއެވެ. އަނބިމީހާ އެތައް ފަހަރަކު ބުނުމުން އެއްޗެއް ހޯދައިދެވޭ ކަމަކަށްވެސް ނުވެއެވެ.
ފަހަރެއްގައި އެއީ ހަމަ މާލީ ޙާލަތު ހުންނަގޮތުން ކަމަށްވެދާނެއެވެ. މައްސަލައަކަށްވަނީ ކުރިން އެކަންކަން ބުނެފައި ނެތުމެވެ. ތިމާގެ ޙަޤީޤީ ފެންވަރު އޮޅުވާލާފައި އޮތުމެވެ.
ކައިވެންޏަށްފަހު ޚަރަދުކުރުމުގައި މިބުނާފަދަ ބަދަލުތައް ގެނައުމުން އަނބިމިހާއަށް ޤަބޫލުކުރެވެނީ ކައިވެންޏަށްފަހު ކުރިންވީވަރަށް ލޯބިނުވަނީކަމަށެވެ. ކަންކަން ކޮށްނުދެނީ ފޫހިވާން ފެށުމުން ކަމަށެވެ. ނުވަތަ ކައިވެނީގެ ސަބަބުން ފިރިމިހާއަށް މިލްކުވީކަމަށްބަލައި ބަދަލުތައް ގެންނަނީ ކަމަށެވެ. އެހިސާބުން އިތުރު މައްސަލަތައް އުފެދެންފަށައެވެ.
މިކަންކަމުގެ ޙައްލަކީ އަބަދުވެސް ތިމާގެ ފެންވަރު ބަޔާންކުރުމެވެ. ނެތް ފެންވަރު ނުދެއްކުމެވެ. ކައިވެނީގެ ކުރިން ނެތްފެންވަރު ދައްކައިގެން އުޅުނަސް ކައިވެނިކުރުމުން ޙަޤީޤީ ފެންވަރު އެނގޭނެކަން ޤަބޫލުކޮށްގެން ކަންކަން ކުރުމެވެ.
- އަލަފް / މިއަދުނޫސް
ލޯބިވެގެންއުޅޭއިރު ބުނެގެންނާ ނުބުނަނީސްވެސް ރުއްސަން ނެތްފެންވަރުން ޚަރަދުތައްކޮށްފަ ކައިވެންނަށްފަހު ޚަރަދުބޮޑުވެގެން ޝަކުވާކުރީމާ އަރާނީ ވަރިފަށަށް! އަނބިމީހާ ކުށްވެރި ނުކުރެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ