2025ގެ އުސްއަލިތަކަށް ކަޅިއެއް

ނިމިގެން މިދާ 2025 ވަނަ އަހަރު ވެސް ގިނަ ކަންތައްތަކެއް ހިނގައިދިޔަ އެވެ. ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ ދާއިރާއިން ވެސް ބޮޑެތި އުސްއަލިތަކެއް ފާހަގަކުރެވެ އެވެ.
އަހަރު ނިމިގެންދާއިރު މި ބަލާލަނީ ފާއިތުވި 12 މަސް ތެރޭ ރާއްޖޭގައި ހިނގާފައިވާ، މައިގަނޑު ބައެއް ކަންކަމަށެވެ.
2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުން
ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ 'ޖެނެރޭޝަނަލް ބޭން'އަށް އަމަލު ކުރަން ފެށީ 1 ނޮވެމްބަރުގަ އެވެ.
ދުންފަތާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ދުންފަތުން ރައްކާތެރި ޖީލަކަށް މަގުފަހިކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގައި މުހިއްމު އަދި ތާރީހީ ލަނޑުދަނޑިއެއް ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
 ރާއްޖެއަކީ މުޅި ގައުމު ޝާމިލްވާހެން ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރާ ފުރަތަމަ ގައުމެވެ.
ގާނޫނުގައިވާ ގޮތުން:
1 ޖެނުއަރީ 2007ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް
ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ކުރިން އެ މީހަކީ ގާނޫނީ އުމުރު ހަމަވެފައިވާ މީހެއްތޯ ކަށަވަރުކުރަން ޖެހޭ
މީޑިއާ ކޮމިޝަންގެ ބިލު ފާސްކުރުން
ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމާ އެކު އެއާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ތެދުވި އެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދީ، މަޖިލީހުން ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ދޮށުގައި ނޫސްވެރިން މުޒާހަރާ ކުރަމުންދަނިކޮށް 16 ސެޕްޓެމްބަރުގަ އެވެ. އޭގެ ދެ ދުވަސް ފަހުން 18 ސެޕްޓެމްބަރުގައި ރައީސް އެ ބިލު ތަސްދީގު ކުރެއްވި އެވެ.
އައްޑޫގައި ވަކިން އޮންނަ ދެ ރަށް ސިޓީ ކައުންސިލުން ވަކިވުން
އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭ ގޮތުން 25 އޮކްޓޯބަރުގައި ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އެ ވޯޓުގެ ނަތީޖާ އަކީ އެ އަތޮޅުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ މީހުން ސިޓީ ކައުންސިލުން ވަކިވާން ނިންމުމެވެ. ދެން ވޯޓު ނެގި ފޭދޫ މީހުން ވޯޓު ދިނީ އެ ގޮތް ބޭނުންނުވާ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މި އަހަރު އެވެ.
ވީއައިއޭގެ އާ ޓާމިނަލާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުން
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވީ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް 26 ޖުލައިގަ އެވެ. މަސައްކަތް ފެށިތާ ނުވަ އަހަރު ފަހުން އާ ޓާމިނަލް ހުޅުވި އިރު ޒަމާނީ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެ ދަތުރު ކުރާ މައި އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
އުތުރުގެ މައި ވައިގެ ބަނދަރުގެ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވީ ވެސް މި އަހަރު އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނެއްގެ ދަށުން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖެނުއަރީ 2023ގަަ އެވެ. މަސައްކަތް ނިންމާ އެ އެއާޕޯޓު ހުޅުވީ 9 ނޮވެމްބަރުގަ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށް، ޓޫރިޒަމާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލުން
މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކުރީ މި އަހަރުގެ 28 ޖެނުއަރީގަ އެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރު ތޯރިގު އިބްރާހިމް އައްޔަނު ކުރީ 1 ފެބްރުއަރީގަ އެވެ.
ނަޝީދު އަނބުރާ އެމްޑީޕީއަށް
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މި އަހަރުގެ 23 ޖޫންގަ އެވެ. އެމްޑީޕީން 2023ގެ އިންތިހާބަށް ބޭއްވި ރިޔާސީ ޕްރައިމަރީގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 21 ޖުލައި 2023ގަ އެވެ.
ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް މެންބަރުން ވެސް އެމަނިކުފާނާ އެކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.
13 މިލިއަން ޑޮލަރުގެ ސިނގިރޭޓު ވައްކަން
ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން އަތުލައިގަތް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ހުއްޓާ ވަގަށް ނެގި މައްސަލަ ފެންމަތިވީ 9 އޮކްޓޯބަރުގަ އެވެ.
އެ މައްސަލައާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.
ސިނގިރޭޓު ވައްކަމުގައި ހިމެނޭ އިސް ތިން މީހުންނަކީ
މަޝްެހޫރޫ ދެ ވިޔަފާރިވެރިން ކަމުގައިވާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފް (އާއްޓޭ) 
އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ
ޖެމްކިޔު ސްކޭމް
ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގި ހިޔާނާތުގައި ގިނަ ދިވެހިންތަކެއް ޖެހުނެވެ. ޕޮންޒީ ސްކީމެއްގެ ހުރިހާ ސިފައެއް އެކުލެވޭ އެ ސްކޭމްއަށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބައްސާމް ޖަލަށް ލުން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 8 އޮކްޓޯބަރުގަ އެވެ. އޭގެ ފަހުން އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވެ އިތުރު ފަސް އަހަރު ދުވަހަށް ޖަލަށް ލާން 30 އޮކްޓޯބަރުގައި ހުކުމް ކުރި އެވެ.
ކޯޓަށް ގޮސްގެން ކަނޑައަޅާ ވަރުގެ ގޭންގެއް ނެތް ކަމަށް ރައީސް ވިދާޅުވުން
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސްގެން މިހާތަނަށް ގޭންގެއް ކަނޑައަޅަންޖެހިފައިނުވާ ކަމަށާއި އެ ވަރުގެ ގޭންގެއް މިހާރު ހަރަކާތްތެރިނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރުގަ އެވެ.
މިދިޔަ 25 އޮގަސްޓުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުގެ ދަށުން ވަކި ބަޔަކީ "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" ނުވަތަ ގޭންގެއްކަން ކަނޑައަޅަން ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައިވަނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށެވެ. ގޭންގެއްގެ ލޭބަލް ޖެހުމާ މެދު ގޮތެއް ނިންމާނީ ކޯޓުންނެވެ.
ޔުމްނު ވެއްޓުން
މާލޭ ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލްގަ އެވެ. އެ ހާދިސާ ހިނގި ގޮތާ މެދު އުފެދުނު ޝައްކުތަކާއި ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، އެކަން ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވި އެވެ. 
ޔުމްނު ވެއްޓުނު ހާދިސާއިން ޒުވާނުން 'ކައްކުވާލި' އެވެ. ގިނަ ޒުވާނުންތަކެއް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރި އެވެ. އެ ހާދިސާއާ ގުޅުން ހުރި މީހުން ހައްޔަރު ކުރަން ގޮވާލި އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކުރީ އެ ހާދިސާ ހިނގި އިރު އޭނާއާއެކު އެންމެ ފަހުން ހުރި ރައުދު ޒިލާލު އެވެ. ރައުދުގެ މައްޗަށް މިދިޔަ ޖޫން މަހު ދައުލަތުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ މުއްދަތަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަވެފައިވާތީ ރައުދު ވަނީ މިނިވަންވެފަ އެވެ.
މޯލްޑިވިއަންއަށް ވައިޑް ބޮޑީ ބޯޓެއް
ގައުމީ އެއާލައިން މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް، އޮޕަރޭޝަންތައް ފެށީ 6 ޖެނުއަރީގަ އެވެ. ފަސްޓް ކްލާހާއި ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ 264 ގޮނޑީގެ ބޯޓުގެ އުދުހުންތައް ފެށީ ޗައިނާ މާކެޓަށް އަމާޒުކޮށްގެންނެވެ. 
ބީއެމްއެލްގެ އޭޓީއެމްތައް ރާއްޖޭގެ ހުރިހާ ރަށަކަށް
ގައުމީ ބޭންކް ބީއެމްއެލް އިން ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ކުރިއަށް ގެންދިޔަ މަޝްރޫއު ނިންމާލީ ވެސް މި އަހަރު އެވެ. ނުވަ މަސްދުވަސް ތެރޭ ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފަ އެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މިހާރު ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުން
ރާއްޖޭގެ މިނިވަން ދުވަހާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށާއި އޭރުގެ ސަރުކާރުން އިންޑިއާ އިން އަސްކަރީ އެހީ ހޯދުމަށް ގެންގުޅުނު ސިޔާސަތާ ދެކޮޅަށް 'އިންޑިއާ އައުޓް'ގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ގުޅުން ގޯސްވި އެވެ.
މީގެ އިތުރުން މި ސަރުކާރުގެ ކުރީކޮޅު، ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުންތަކެއް މޯދީއަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކެވުމުން ވެސް ދެ ގައުމުގެ ގުޅުން ގޯސްވި އެވެ. އޭގެ ސަބަބުން، އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ވެސް ނޭދެވޭ އަސަރު ކުރި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުން
ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އިޒުރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރީ 15 އޭޕްރީލްގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހަކުންނެވެ. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން
ލަންކާއަށް ދިވެހިންގެ ދީލަތި އެހީއެއް
ލަންކާ އަށް ކުރިމަތިވި ވިއްސާރާގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ދީލަތިކަމާ އެކު ބޮޑު އެހީއެއް ލަންކާ އަށް ދިނެވެ. މީގެ ތެރޭގައި އާންމުންނާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކުން ދިން އެހީ ހިމެެނެ އެވެ. ދިވެހިންގެ އެހީ ލަންކާ އިން ބަލައިގަތީ ޝުކުރުވެރިކަމާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ