ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަލް އިވެންޓްސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ”ސައްބީސް ކާނިވަލް“ ނަމުގައި ޚާއްސަ ކާނިވަލެއް ފަށައިފިއެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި، 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާ ގޮތަށެވެ. އަދި މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޖުލައިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އަށް ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި ހުރިހާ އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނެއެވެ. އެގޮތުން، ކާނިވަލް ގޭމްސް، ހޮރޯރ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، އަދި ލައިވް މިއުޒިކްއާއެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކޮށް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަދަ ގައުމީ މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމެވެ.
ހުޅުމާލޭގައި ”ސައްބީސް ކާނިވަލް“ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ