ހެޔޮ ކަންކަމުގެ މަތީގައި ދެމިހުންނަން އެދޭނަމަ އެމީހެއްގެ ދިރިއުޅުމުގެ ތާވަލުގައި އެކަން ހިމަނާށެވެ!: ޑރ. ޢަލީ ޒާހިރު

"ހެޔޮ ކަންކަމުގެ މަތީގައި ދެމިހުންނަން އެދޭނަމަ އެމީހެއްގެ ދިރިއުޅުމުގެ ތާވަލުގައި އެކަން ހިމަނާށެވެ. ޤުރްއާން ކިޔެވުމަށާއި ސުންނަތްތައް ކުރުމަށް ވަކި ވަގުތެއް ހަމަޖައްސައި ކޮންމެދުވަހަކު ކުރާކަމަކަށް އެކަން ހެދިއްޖެ ނަމަ އެމީހަކަށް އެހުރެވެނީ ވަރަށް ބޮޑު ހެޔޮކަމެއްގެ މަތީގައެވެ." 
މިއީ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކުރައްވާފައިވާ ވަރަށް ރަނގަޅު އިލްތިމާސެކެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކޮންމެ ނަމާދެއްގެ ފަހުގައި ނުވަތަ ނަމާދުގެ ކުރިން އަޅުކަމުގައި ވަޤުތު ހޭދަކުރަން ފަސޭހަ ނުވެދާނެއެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާއިރު ކޮންމެ މީހަކަށްވެސް އެމީހަކަށް ފަސޭހަވާނެ ގޮތަށް އެކަން ތާވަލުކުރެވިދާނެއެވެ. 
ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކޮންމެ ދުވަހަކުވެސް އަޅުކަންކުރަން، ހެޔޮ ޢަމަލުކުރަން ވަޤުތުކޮޅެއް ހޭދަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަމައެކަނި ނަމާދުކޮށްލެވުމަކުން ނުފުދޭނެއެވެ. އާޚިރަތަށްދާން މަސައްކަތްކުރަންވީ ވީހާ ގިނަ ހެޔޮ ޢަމަލުތައް ހިފައިގެންނެވެ. 
ކޮންމެ މީހަކީވެސް ކޮންމެވެސް ފާފަތަކެއް ކުރެވޭނެ މީހެކެވެ. އެފާފަތަކުގެ ބުރަދަން ވަޒަނެއްވެސް ނުކުރެވޭނެއެވެ. ވީމާ ކުރެވޭ ފާފަތަކަށްވުރެ ގިނައިން ހެޔޮ ޢަމަލުތައްކޮށްގެން ނޫނީ ސަލާމަތެއް ނެތެވެ. 
މަޣްރިބް ނަމާދަށްފަހު މިސްކިތުގައި މަޑުކޮށްލައިގެން ތިބޭ މީހުން ފެނެއެވެ. އެއީވެސް ވަރަށް ރަނގަޅު ވަޤުތުކޮޅެކެވެ. އެވަޤުތުކޮޅު ރަނގަޅު ގޮތަކަށްވަނީ ސަބަބެއް އޮތުމުންނެވެ. ދެނަމާދު ޑޭތެރޭގައި ލިބޭނީ ގަޑިއެއްހައި އިރެވެ. އެވަޤުތުކޮޅު މަސައްކަތެއް ކުރަން އުޅުނަސް އޮންނާނީ ނުކުރެވިފައެވެ. މަސައްކަތް ފަށާތަނުން އޮންނާނީ ހުޓާލަންޖެހި ޢިޝާ ނަމާދަށްދާންޖެހިފައި ކަމަށްވާތީއެވެ. ވީމާ އެވަޤުތުކޮޅު ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ އަޅުކަމުގައި ހޭދަކުރުންކަން ފާހަގަކުރެވެއެވެ. 
ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދިވެސް ވިދާޅުވެފައިވެއެވެ. "އިސްލާމްދީން ކުރިއެރުވުމާއި އެދީން ދިފާޢު ކުރުމަކީ އަބަދުވެސް އުފަލެއް ކަމުގައި ދެކޭށެވެ. ތިބާގެ ފަރާތުން ދީނަށް މާބޮޑު ނަޞްރެއް ނުދެވުނަސް ތިބާގެ ފަރާތުން އެދީނަށް ގެއްލުމެއް ވިޔަ ނުދޭށެވެ!"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ