ކަލާ ފެނިލުމުން... 28
ފަންއިސްތަށިގަނޑު ކުޑަކޮށް ރާޅުބާނީ ކޮށްލަމުން ދޫކޮށްލުމާއެކު، ތައްޔާރުވެލާ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. ހިތްހަމަ ޖެހޭ ވަރުވުމުން، ޑްރެސިންޓޭބަލް މަތީގައި ހުރި ސެންޓު ފުޅިން ގަޔަށް ސެންޓު ބުރުވާލުމަށްފަހު، އެނދުމަތީގައި އޮތް ކްލަޗް ހިފައިގެން އޭނާ ގޮސް ކޮޓަރިން ނުކުތެވެ. އޭރު ރާމިޒާއާއި ވަސީމާ ދެމީހުން ތިބީ ސިޓިން ރޫމު ސޯފާގައެވެ. މައުވާ ފެނުމާއެކު، ރާމިޒާ އިތުރު އެއްޗެއް ނުބުނީ މިއަދު މައުވާއާ އޭނާއާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރޭގައި މިރޭ މައުވާ އަފްނާންއާ ބައްދަލުކުރަން ދާ ވާހަކަ ބުނެފައިވާތީއެވެ. އަދި މައުވާގެ ވާހަކަތަކުން އަފްނާން އޭނާއާއެކު އުޅެން ބޭނުންވާކަން ރާމިޒާއަށް ދޭހަކުރެވުނީތީއެވެ. ސީދާ ސީދަލަށް މައުވާ ނުބުނި ނަމަވެސް، މިރޭގެ ޕާރޓީއަކީ އަފްނާން މައުވާއަށް ޚާއްސަކުރާ ޕާޓީއެއްކަން ވެސް ރާމިޒާގެ ސިކުނޑި އޭނާއަށް ބުނެދިނެވެ. މައުވާ އެހާ ރީތިވެގެން ނުކުތުމުން އެރޭގެ ޚާއްސަކަން ރާމިޒާއަށްވެސް ދޭހަވިއެވެ. ރާމިޒާގެ އިތުރު ސުވާލަކާ ކުރިމަތި ނުވިއެއްކަމަކު، ވަސީމް މައުވާއާ އޭނާ އެދާ ތަނަކާ ބެހޭގޮތުން ސުވާލުކުރިއެވެ. ވަސީމްގެ ސުވާލާއެކު މައުވާއަށް ރާމިޒާއަށް ބަލައިލެވުނީ ބައްޕައަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. "ކޮލެޖު ޕާޓީއަކަށް ދޯ ދަރިފުޅާ…" ރާމިޒާ ބުނެލުމުން މައުވާ ބޯ ޖަހާލަމުން ލުއިކޮށް ހިނިތުންވެލިއެވެ. އޭނާ ރާމިޒާމެން ކައިރިން ހުއްދަ ނަގައިގެން، ގޮސް އެޕާރޓްމެންޓުގެ ދޮރުން ނުކުމެލިއެވެ. ރާމިޒާ ވަސީމްއަށް މައުވާ އޭނާގެ ގާތުގައި ބުނެފައިވާ ވާހަކަތައް ހާމަކޮށްލީ ދެނެވެ. މައުވާ ތިރިއަށް ފޭބިތަނާ އޭނާއަށް ޒާޔާގެ ފޯނު ކޯލެއް ލިބުނެވެ. "ހަލޯ…" ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު މައުވާ ބުނެލިއެވެ. "ހަލޯ… ކޮންތާކު؟" ޒާޔާ ސުވާލުކޮށްލިއެވެ. "ދާންވެގެން މި ނުކުންނަނީ… ޒާ ކޮންތާކު؟" މައުވާ އަތުގައި އޮތް ގަޑިއަށް ބަލާލިއިރު އަށެއްޖަހަން ދިހަ މިނެޓަށް ވެއްޖެއެވެ. "އަހަރެންވެސް ހަމަ ނުކުތީ. ބަލާ ދާންވީތަ؟" ޒާޔާ ސުވާލުކޮށްލިއެވެ. "ނޫން. ޓެކްސީއެއްގަ ދާނީ…" މައުވާ މަގުމަތިން ދިޔަ ޓެކްސީއަކަށް އަތް ނަގަމުން ބުނެލިއެވެ. ކަންދިމާކުރި ގޮތުން އޭނާއަށް ޓެކްސީއެއްވެސް ލިބިއްޖެއެވެ. "މައު އަންނަންދެން އަހަރެން ނުވަދެ މަޑުކުރަންވީތަ؟" ފޯނު ބޭއްވުމުގެ ކުރިން ޒާޔާ މައުވާއާ ސުވާލުކޮށްލިއެވެ. ޒާޔާގެ އެ ސުވާލަށް މައުވާ ނިކަން އަވަސް އަވަހަށް އާއެކޭ ބުނެލިއެވެ. އެ ހިތުގައި ވިންދު ޖަހަމުން ދިޔަ އުފާވެރިކަމާއެކުވެސް، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިތުގައި ވިއެވެ. ޓެކްސީއަށް އަރާ އިށީންއިރުވެސް މައުވާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެއް ވެއެވެ. އަފްނާންއަށްޓަކައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކުގެ ކުރިމަތީގައި، މުސްތަޤްބަލު ކުރެހި ކުލަޖެހެމުން ދާފަދަ އިޙްސާސްއެއް މައުވާއަށް ކުރެވުނެވެ. އަފްނާންއާ މެދު އެހިތުގައި، ވި ލޯބި އެތަކެއް ގުނައެއް އިތުރުވެގެން ދިޔައެވެ. އަތުގައި އަޅާފައިވާ އަނގޮޓިއަށް ބަލައިލުމާއެކު އޭގައި ޖަހާފައިވާ އަލިމަހުގައި އަތް ޖައްސާލެވުނެވެ. އެއީ އަފްނާން އޭނާ ދެކެވާ ލޯބީގެ ނިޝާނެއްކަމުގައި މައުވާއަށް ޔަޤީންކުރެވުނެވެ. އަފްނާންއާ މެދު ހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާއެއް ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ. އަފްނާންގެ އެންމެ އަދާއަކުން، ހިތުގައި އުފެދޭ ޝަކުވާއާ ހިތްހަމަނުޖެހުން ފިލައިގެންދަނީ ޚުދު މައުވާވެސް ހައިރާންވާހާ ހަލުވިކޮށެވެ. އޭނާއަށް ވުރެ ވެސް ބޮޑަށް އެހިތަށް ބާރު ފޯރުވަނީ އަފްނާންއޭ މައުވާއަށް ހީވަނީ ވެސް އެހެންވެގެންނެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް، އަފްނާންގެ ލޯބިވެތި ބަސްތަކުން އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ރުޅިގަނޑު ފިލައިގެންގޮސް އިތުރު ފުރުސަތު އަފްނާންއަށް ދެވެނީ ވެސް އެހެންވެގެންނެވެ. ހިތުގެ އެދުމަކީ އަފްނާންގެ މީހަކަށް އޭނާ ވުމެވެ. މިރޭ މީ އެ އުންމީދު ހާސިލްކުރުމަށްޓަކައި އެޅޭ ފުރަތަަމަ ފިޔަވަޅުކަމުގައި މައުވާ ހުރީ ހީކޮށްގެންނެވެ. ޕާޓީ އޮތީ އަފްނާންގެ އާއިލީ ކުންފުނި "ފައުޒީ ގްރޫޕް އޮފް ކޮންޕެނީސް ޕްރައިވެޓް ލިިމިޓެޑް" ގެ ފަރާތުން މާލޭގައި އިމާރާތްކުރި، ގާރޑެންއިން ހޮޓެލްގެ ހޯލުގައެވެ. އެ ހިސާބަށް އާދެވުމުން، ޓެކްސީއަށް ފައިސާ ދީފައި މައުވާ ފޭބިއިރު، ޒާޔާއާއި ޔޫޝައުއާ ދެމީހުން އޭނާގެ އިންތިޒާރުގައި ތިބިތަން ފެނުނެވެ. ޒާޔާއަށް މައުވާ ފެނުމާއެކު އޭނާ އަތުން ހަނާއަޅާލި މަންޒަރު ފެނި ޔޫޝައުވެސް އެ ދިމާލަށް ބަލައިލިއެވެ. ފުރިހަމައަށް ޒީނަތްތެރިވެގެން ހުރި މައުވާ ފެނި އޭނާއަށް ކަޅިޖަހާ ނުލާ ހުރެވުނުއިރު، މައުވާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކުރެވެމުން ދިޔައެވެ. މީގެ ކުރިން މައުވާ އެފަދަ ގޮތަކަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އެހެން ހުއްޓާ މައުވާ އައިސް އެ ދެމީހުންގެ ކައިރީގައި މަޑުކޮށްލިއެވެ. "ޔޫ ލުކް ސޯ ޕްރިޓީ މައު…" ޒާޔާ މައުވާގެ ގައިގައި ބައްދާލިއެވެ. އޭނާ ލާފައިހުރީ ކަޅުކުލައިގެ ކަކުލުން ތިރިއަށް އަންނަ ވަރުގެ ހެދުމެކެވެ. ވިދާ ޒާތުގެ އެ ހެދުން ހުރީ ޒާޔާގެ ގަަޔަށް ހިފާލާފައެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ހުޅިއަކަށް ޖަހާލާފައިވާއިރު، ކަންފަތުލާ އެތީގެ އިތުރުން ކަރުގައި އަޅާފައިވާ ކަޅުލުލައިގެ ހާރުވެސް ރީއްޗަށް ފެނެއެވެ. އަރާފައިހުރި އުސް ފައިވާނުގެ ސަބަބުން އޭނާގެ އިސްކޮޅުވެސް އެހެންޏާ ހުންނަ ވަރަށް ވުރެ ދިގުކަމަށް ދައްކައެވެ. ކަޅިވެސް ޖަހާ ނުލާ މައުވާއަށް ބަލަހައްޓައިގެން ހުރި، ޔޫޝައުއަށް ސިހުން ގެނުވީ އޭނާގެ ފޯނު ރިންގުގެ އަޑާއެކުގައެވެ. ގުޅީ އަފްނާންއެވެ. "ކޮބާ؟ ނާންނަންތަ؟" ފޯނު ނެގުމާއެކު އަފްނާން ސުވާލުކޮށްލިއެވެ. "ނޫނޭ. މިދަނީ މައްޗަށް." އަފްނާންއަށް ޖަވާބު ދެމުން ފޯނު ބޭއްވި ޔޫޝައު މައުވާމެންނަށް ބަލައިލިއެވެ. މައުވާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި ހިތްހަމަޖައްސައިލަން އުޅުނު ނަމަވެސް، މިރޭ އަފްނާން، މައުވާއަށް ކައިވެނިކުރަން ހުށައަޅާނެކަން އެނގި އެހިތަށް ވަނީ ދިލަ ތަދެއްގެ އަސަރު ވެރިވާން ފަށާފައެވެ. އެހެން ނަމަވެސް، ޔޫޝައު އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރީ އޭނާއަކީ ލޯބީގައި އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫންކަމާއި، މައުވާގެ އުފާތައް ގުޅިފައިވަނީ އަފްނާންއާ ކަމެވެ. މައުވާގެ ހިނިތުންވުން ފެންނަނަމަ ދުރުންވެސް އެމޫނަށް ބަލާލައިގެން ހިތް ހަމަޖައްސާލެވިދާނެއެވެ. ހިތަށް ކިތަންމެ ތަދުވިޔަސް ވެސް މެއެވެ. އަމިއްލަ އުފާތައް މައުވާއަށްޓަކައި ޤުރުބާން ކުރާހާ މިންވަރަށް ވެސް އޭނާ މައުވާ ދެކެ ލޯބިވެއެވެ. ލޯބީގެ ދެވަނަ މާނައަކީ ޤުރުބާނީ އޭ މީހުން ބުނާ ބުނުމުގެ ތެދުކަން މިއަދު އެ ހިތަށްވެސް ފަހުމްވެއްޖެއެވެ. "ގާރޑަން އިން" އަށް ވަނުމަށްފަހު އެއްފަރާތުގައި ހުރި ލިފްޓުން އެމީހުން އެރީ ބާރަ ވަނަ ފަންގިފިލާއަށެވެ. ޕާޓީ އޮތް މާލަމަށް ވަނުމާއެކު ތަނުގެ ޝާހީކަމުން ބަސްހުއްޓޭ ގޮތް ވިއެވެ. ތަނުގެ ފުރިހަމަކާއި މުއްސަނދިކަމުން އާޝާހުވާވަރުވިއެވެ. އެތެރޭގެ ފަރުމާތަކުގެ ހިތްގައިމުކަމުގެ ހުރިހާ ތަޢުރީފެއް ހަމަ ގައިމުވެސް ހައްޤުވަނީ ތަނުގެ ފަރުމާވެރިންނަށެވެ. ރަނާ ރިހި ކުލައިއިން ޒީނަތްތެރިކޮށްލާފައިވާ އެ ކޮޓަރިތެރޭގައި ޖަހާފައިހުރި މަޑުމަޑު މިއުޒިކާއެކު ތަނަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައެވެ. ޔުނިވާސިޓީގެ ގިނަ ކުދިން އޭރުވަނީ އެތަނަށް ޖަމާވެފައެވެ. އެތަނުގައި ތިބި އެންމެނަށް ފެންނާނެހެން، ބަހައްޓާފައިވާ އެކި ކުލަކުލައިގެ މާތަކުން ޒީނަތްތެރިކޮށްފައިވާ މޭޒު ކައިރީގައި ހުރި އަފްނާންގެ ލޮލުގައި މައުވާމެން އަޅައިގަތެވެ. މައުވާއާއެކު ޒާޔާއާއި، ޔޫޝައު ވެސް ހުއްޓެވެ. އެހެންނަމަވެސް، އޭނާގެ ސަމާލުކަން ހަމަ އެކަނި ދަމައިގަތީ މައުވާއެވެ. އެ ހެދުމުގައި މައުވާ ފެންނަނީ ވަރަށް ވެސް ފުރިހަމައަށެވެ. އެ އަންހެންވަންތަކަން އެފަދަ ގޮތަކަށް ފެނިލުމުން އެވަގުތު ހަމަ ގައިމުވެސް އަފްނާންގެ ހުރިހާ ހިއްސުތަކެއް ހޭލައިފިއެވެ. ކަޅި ޖަހާނުލާ މައުވާއަށް ބަލަން ހުއްޓާ އޭނާއަށް ބަލާލާފައި މައުވާ އެދިމާލަށް ބަލައިލައިފިއެވެ. އެއާއެކު އަފްނާންއަށް ހީވީ ވަށައިގެންވީ ހުރިހާ މަންޒަރެއްވެސް ފުސްވިހެންނެވެ. ވަގުތު މަޑުޖެހިލިހެން ހީވިއެވެ. އެހެންޏާ ނުފެންނަ ފަދަ މޭކަޕެއްގައި މައުވާ ހުރިއިރު އެ ރީތކަން ވަނީ އޭގެ އިންތިހާގައެވެ. "ދޭބަލަ!" މައުވާ ހުއްޓި ހުންނަން ފެށުމުން ޒާޔާ މައުވާގެ އަތުގައި ހިފާ ކޮށްޕާލިއެވެ. އެއާއެކު ލަދުން ހުރެ މައުވާ އަފްނާންއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ކައިރިއަށް އައިސް މައުވާ ހުއްޓުނު އިރުވެސް އަފްނާންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މައުވާގެ ބޮލުން ފެށިގެން ފަޔާ ހިސާބަށް އަދިވެސް އެއްފަހަރު އަފްނާން ބަލައިލައިފިއެވެ. އޭރު މައުވާގެ ތުންފަތް މަތީގައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. އޭނާ އިސްޖަހާލީ އަފްނާންގެ އެ ތޫނު ނަޒަރުން އުނދަގޫވުމުންނެވެ. "ޔޫ ލުކް އެބްސުލޫޓްލީ ބިއުޓިފުލް." އަފްނާންގެ ދުލުން އެބަސްތައް ނުކުތީ ބޭއިޚްތިޔާރުގައި ނަމަވެސް، އެއީ އޭނާގެ ހިތުގެ އަޑެވެ. "ގޯޖަސް." ދެވަނަ ފަހަރަށްވެސް އަފްނާންގެ ދުލުން ބޭރުވިއެވެ. އޭނާއަށް މަޑުމަޑުން މަައުވާގެ އަތުގައި ހިފައްޓާލެވުނެވެ. މައުވާ އިސްއުފުލާލީ ދެނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެ ހިނދުކޮޅު އެކަކު އަނެކަކުގެ ދެލޮލުގެ ތެރެއަށް ގެއްލިފަައި ތިބެވުނެވެ. އަފްނާންއަށް މަައުވާގެ ދެލޮލުގެ ތެރެއިން އޭނާއަށްޓަކައި ލޯބި ނޫން އެއްޗެއް ނުފެނެއެވެ. އެ ކަޅުކަންގަދަ ބޮޑު ދެލޮލުން ހާމަކޮށްދެމުން ދިޔައީ އޭނާއާ މެދު އޮތް ޔަޤީންކަމެވެ. އެ ތުންފަތުގައިވި ހިނިތުންވުން ބުނެދެމުން ދިޔައީ އޭނާގެ ސަބަބުން އެހިތުގައިވާ އުފާވެރިކަމެވެ. މައުވާއަށް އަފްނާންގެ ދެލޮލުގައިވި ޖަޒުބާތުތަކުގެ ސަބަބުން އެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން ކުޅަދާނައެއް ނުވިއެވެ. އެންމެފަހުން ނަޒަރު ވަކިކޮށްލަމުން އޭނާ އިސްޖަހާލިއެވެ. މައުވާ އޭނާ ދިން ގަހަނާތައް ނާޅާކަން އަފްނާންއަށް ފާހަގަކުރެވުނީ ދެނެވެ. "ކީއްވެ ހެދުމާއެކު އަހަރެން ދިން އެއްޗެހި ބޭނުންނުކުރީ؟" އަފްނާން ސުވާލުކޮށްލިއެވެ. އެ ސުވާލަށް މައުވާ ޖަވާބު ދިނީވެސް އަފްނާންއާ ނަޒަރު ސީދާކޮށްލުމެެއް ނެތިއެވެ. އޭނާގެ އެ އަމަލުގެ ސަބަބުން، އަފްނާން ހިތްހަމަނުޖެހުނީ ނުވަތަ ދެރަވީ އޭ ހިތާއެވެ. "މައުއަށް ނުތަނަވަސްކަމެއް ދޭކަށް ނޫން އަހަރެން އެ އެއްޗެހި ދިނީ. އައި ވޯންޓެޑް ޓުނައިޓް ޓުބީ ސްޕެޝިއަލް. ދެޓްސް ވައި." އަފްނާންގެ އެ ޖުމްލައިން މައުވާ އިތުރަށް ދެރަވިއެވެ. "ސޮރީ... ފަހުން އަޅަން ހިފައިގެން ނުކުމެވުނު ނަމަ ދޯ." މައުވާ އެހެން ބުނެލިއިރު، އެ އަޑުގައި މަޑުމޮޅިކަމެއް ވިއެވެ. އޭނާ އަފްނާންއަށް ބަލައިލުމާއެކު އަފްނާން، ވާހަކަ ދެއްކިއެވެ. "އިޓްސް އޯކޭ. މައު މިތަނަށް އައުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު އުފާ. ދެން އެ ވާހަކަ ނުދައްކާ. ނައު ސްމައިލް." އުދާސްވެފަައި މައުވާ ހުންނަން ފެށުމުން އަފްނާން މަައުވާގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. އެ އަތުގެ ބީހުން އިޙްސާސްކުރެވުނު މައުވާގެ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. ހުރެވުނީ އަފްނާންއާ ކިހާ ގާތުގައިކަން އިޙްސާސްކުރެވުނީ ވެސް ދެނެވެ. މީގެ ކުރިން އަފްނާންއާ އެހާ ގާތުގައި އޭނާ ދުވަހަކުވެސް ހުރެފައެއް ނުވެއެވެ. އެހެންކަމުން އެހާ ގާތުގައި ހުންނަން ވުމުން އެތެރެ ހަށީގެ އިޙްސާސްތައް ވަނީ ހަލަބޮލިވެފައެވެ. މައުވާ ކުއްލިއަކަށް ދުރަށްޖެހިލިއެވެ. އެއާއެކު އަފްނާންގެ ތުންފަތަށް ސިއްރުވެރި އެހެންނަމަވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މައުވާގެ އަތުގައި ހިފާލަމުން ވަށައިގެން ބަލައިލިއެވެ. އޭރު އެއްފަރާތުގައި ޒާޔާއާއި ޔޫޝައުވެސް ތިބިއެވެ. އަފްނާންއާ މައުވާގެ ގާތްކަމުން އުނދަގޫވެ ހިތުގައި ރިއްސަމުން ދިޔަނަމަވެސް، ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ޔޫޝައުހުރީ އެ ހިތުގެ ޙާލު އެންމެންނަށް ސިއްރުކުރަމުންނެވެ. އެހެން ތިއްބާ ޝަހުމްއާއި ރިފާއާއިވެސް އެމީހުން ކައިރިއަށް އަތުވެއްޖެއެވެ. "ވަރަށް ވަރުގަދަ ޕްރޮޕޯސަލްްއަކަށް ވާނެ." ކައިރީގައި ތިބި ކުދިންތަކުގެ ތެރެއިން ފިރިހެންކުއްޖެއް ބުނެލި އަޑު އިވުނެވެ. އެއާއެކު ޔޫޝައުއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ހީވަނީ ހަށިގަނޑުގައި އުފެދިފައިހުރި ހުރިހާ އުދާސްކަމެއް ދޫކޮށްލަން ބޭނުންވެފައިވާހެންނެވެ. މޭޒުކައިރީގައި ހުރި އަފްނާން އެތަނުގައި ތިބި އެންމެންގެ ސަމާލުކަން ހޯދައިލިއެވެ. އެއާއެކު އެންމެންވެސް ކުރަން ތިބި ހުރިހާކަމެއް ހުއްޓާލާފައި، އަފްނާންމެންނާ ދިމާލަށް ބަލައިލިއެވެ. އެންމެންގެ ނަޒަރު އެމީހުންނަށް އަމާޒުވުމާއެކު، މައުވާ ލަދުގަންގަގޮތްވިއެވެ. އޭރުވެސް އަފްނާން ހުރީ މައުވާގެ އަތުގައި ހިފައްޓާލައިގެންނެވެ. އޭނާ އަފްނާންގެ އަތުތެރެއިން އެ އަތް ދަމައިގަންނަން އުޅުނު ނަމަވެސް، އަފްނާން އެ ފުރުސަތެއް ނުދިނެވެ. އޭނާ މައުވާއަށް ބަލައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު މައުވާ ހިމޭންވިއެވެ. "ވެލްކަމް އެވްރީވަން.. އާރ ޔޫ ގާއިސް ރެޑީ ފޯ ޓުނައިޓް؟" އަފްނާން ގެ އަޑާއެކު އެންމެންގެ ތަރުހީބުގެ އަޑުތައް ގުގުމާލިއެވެ. "މިރޭމީ ވަރަށް ޚާއްސަ ރެއެއް. އަދި މި ޚާއްސަ ރޭގެ މެހެމާނަކީ......" އެހެން ބުނެލާފައި އަފްނާން މަޑުޖެހިލިއެވެ. އެއާއެކު ހުރިހާ އެންމެން މައުވާގެ ނަން ކިޔަން ފެށިއެވެ. އެކަމުން މައުވާ އިތުރަށް ލަދު ގަންނަ ގޮތްވިއެވެ. "އަފޫ... މައުވާ އަފްނާންއަށް ގޮވާލަމުން އަތުގަައި ކޮއްޓާލިއެެވެ. އެއާއެކު އަފްނާން ކުޑަކޮށް ގުދުވެލާ ކަންފަތް ދިއްކޮށްލީ މައުވާގެ ވާހަކަ އަޑު އެހުމުގެ ގޮތުންނެވެ. އަހަރެން ވަރަށް ލަދުގަނޭ އެބަ." މައުވާ ބުނެލިއެވެ. އެ އެންމެންގެ ތެރޭގައި ހުންނަން ވުމުން، މައުވާ ހުރީ ޖެހިލުންވެފައެވެ. ކެތްކޮށްލައިގެން އޭނާ ހުރީ އަފްނާން ދެރަވެދާނެތީއެވެ. އަފްނާން ބޭނުން ގޮތަކަށް ކަންތައްތައް ކުރަން ދޫކޮށްލައިގެން ހުރި ސަބަބަކީވެސް އެއީއެވެ. އެހިތުގައި އަފްނާންއަށް ޓަކައި ވާ ލޯބި އެ ހުރިހާކަމަކަށް އިޖާބަދެނީއެވެ. "އެއާ އަވަހަށް؟ އަދި މި ފެށުނީ އޭ." އަފްނާން މައުވާއަށް ސިއްރުވެރި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މައުވާ އިސްޖަހާލަމުން އަފްނާން އަނެެއްކާވެސް ވާހަކަ ދެއްކިއެވެ. "ކިހިނެއްވީ؟ ޔޫ އޯކޭ؟" އަފްނާން ސުވާލުކޮށްލުމުން މައުވާ އަފްނާންއަށް ބަލާލިއެވެ. "ޔާ އައި އޭމް." މައުވާ ބުނެލިއެވެ. "ބިލީވް މީ. ޔޫ ގޮނަ ލަވް އިޓް." އަފްނާން ބުނެލިއެވެ. އެއާއެކު މައުވާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. މައުވާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއި އެ އަސަރުތަކުން އަފްނާންއަށްވެސް ކުޑަ ހިމޭންކަމެއް ވެރިވިއެވެ. މައުވާއަށް ބަލަހައްޓައިގެން ހިނދުކޮޅަކަށް އޭނާއަށް ހުރެވުނެވެ. ހިތަށް ކޮންމެވެސް ގޮތްތަކެއް ވާން ފެށި އެވެ. އެހެންނަމަވެސް، އެ ހުރިހާ އިޙްސާސްއެއް އެއްފަރާތް ކޮށްލާފައި، އޭނާ ކުރިމައްޗަށް ބަލައިލިއެވެ. "މިރޭ މިއުޅެނީ ތި އެންމެންނަށް އަރާފައިވާ އޮޅުމެއްގެ ހަޤީގަތް ކިޔައިދޭން." އަފްނާން ބުނެލިއެވެ. އެއާއެކު މައުވާ ކުޑަކޮށް ހައިރާންވީ އަފްނާން އެބުނި އެއްޗެއް ފަހުމް ނުވުމުންނެވެ. އަފްނާން މައުވާއަށް ބަލައިލީ އެ މޫނުމަތީގައިވި ކުލަވަރުތައް ދިރާސާ ކޮށްލުމުގެ ބޭނުމުގައެވެ. އެ އަސަރުތައް ފެނި ހަމަޖެހިލަމުން އެއްމިޔަކަށް އޭނާ ހީލިއެވެ. "ތީގެ ތެރެއިން ކިތަށް މީހުންނަށް ހީވީ އަފްނާން ނަޖީބު މިހިރަ މައުވާ ދެކެ ލޯބިވިޔޭ؟" އަފްނާންގެ ރާގު ހުރި ގޮތުން، މައުވާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަފްނާންގެ އެ ޖުމްލަތަކުގެ މާނަ ދޭހަކުރަންވެސް ހިނދުކޮޅެއް ނެގިއެވެ. "އަހަރެން މިހިރަ މައުވާ ވަސީމް ދެކެ ލޯތްބެއް ނުވަން... މީ އެކަން އަންގައިދޭން އަހަރެން ބޭއްވި ޕާރޓީއެއް." އަފްނާންގެ އެ ޖުމްލައާއެކު މައުވާގެ ހިތުގެ ވިންދުތައްވެސް ހީވީ ހުއްޓުނުހެންނެވެ. އަފްނާންގެ އަތް ތެރެއިން އަތް ދަމައިގަނެވުނީ އަފްނާންގެ ތުންފަތް މަތީގައިވި ވިހަ ހިނިތުންވުން ފެނިފައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ