ކޮންމެ ކުއްޖަކުންވެސް މަސައްކަތްކުރަންވީ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރާ ކުއްޖަކަށްވުމަށް: ޕްރިންސިޕަލް އަދުނާން

އަމިއްލައަށް ކުރާ މަސައްކަތުން ކެއިން ބުއިމާއި ދިރިއުޅުން ބިނާކުރާ ކުދިންތަކަކަށްވުމަށް އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ ދަރިވަރުންނަށް ނަސޭހަތްތެރިވެއްޖެ އެވެ.
ޕްރިންސިޕަލް އަދުނާން އަލީ ދަރިވަރުންނަށް މިފަދައިން ނަސޭހަތްތެރިވެފައިވަނީ ރޭ ސްކޫލުގައި ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޕްރިންސިޕަލް ވިދާޅުވީ ދަރިވަރުން މިއަދު އަޒުމު ކަނޑައަޅަންވީ ވަޒީފާގެ މައިދާނަށް ނުކުމެ ޒިންމާދާރުކަމާއި އެކީގައި މިނިވަންކަން ހިމާޔާތްކުރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތަކީވެސް އޭގެ ޒާތުގައި ރީތި މަސައްކަތެއް ކަމަށް ދެކިގެން ވަޒީފާ އަދާކުރުމަށް ކަމަށެވެ. އަދި އަމިއްލައަށް ކުރާ މަސައްކަތުން ކެއިން ބުއިމާއި ދިރިއުޅުން ބިނާ ކުރުމަށް ނަސޭހަތްތެރިވި އެވެ.
"ކާމިޔާބާއި ހުނަރުގެ ފެންވަރު ބިނާވެގެންދާނީ ތިޔަކުދިން ކުރާ މަސައްކަތެއްގެ މައްޗަށް، އެ މަސައްކަތުގެ ނިސްބަތަކަށް. ސްކޫލުގައި ކިޔަވަމުންދާއިރު ކުދިންނަށް ކޮންމެ ދުވަހަކު އެ ލިބޭ ފިލާވަޅުތައް ވަކި އުސޫލަކުން ދަސްކޮށް ފަރިތަކޮށް މުރާޖާ ކުރަމުން ގެންދާނަމަ އިންޝާﷲ ތިޔަކުދިންނަކީ ހަމަ ރަންތަރިތަކެއް ފަދައިން ފިޔަޖަހާ ތަރިތަކަކަށްވާނެ". ޕްރިންސިޕަލް އަދުނާން ވިދާޅުވި އެވެ.
އަޅުގަނޑުމެން މާދަމާ މި ފާހަގަކުރާ މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު ވިސްނާލަން ޖެހެނީ މިނިވަންކަން ދެމެހެއްޓުމަށް އިހުނަށްވުރެށް ބުރަމަސައްކަތެއް ކުރަން ޖެހޭކަމަށެވެ. އަދި ގޮންޖެހުންތައްވެސް ގިނަވެފައިވާކަމަށެވެ.
މިއަދިގެ އެކިއެކި މަސައްކަތްތަކާއި ވިޔަފާރިތަކުގައި ތަމްރީނު ނުވާ ގިނަ، ނުވަތަ ވަކި ފަންނަކަށް ނިސްބަތްނުވާ ބިދޭސީން ގިނަ އަދަދަކަށް ހަރަކާތްތެރިވާކަމެވެ. މީގެ ސަބަބުން ރާއްޖޭން ބޭރުވާ ފައިސާގެ ނިސްބަތް ބޮޑުތަނުން އިތުރުވުމާއެކު ނަތީޖާއަކަށްވެގެން ދަނީ ދިވެހިންގެ އިގުތިސޯދު ބަލިކަށިވެ، އެކަމުގެ ނޭދެވޭ އަސަރު އިޖުތިމާއީގޮތުން ކުރަމުން ދިއުންކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ