ރަމަޟާންމަހާ ބައްދަލުވެ ހެޔޮކަމުގެ މޫސުން ފެށުމުން "ހިފާ ރޯދަ އެތައް ގުނައަކަށް ގިނަކޮށްލުމުގެ ފުރުޞަތުވެސް އެބައޮތް!"

الشَّيْخ شَفِيْعُ عَبْدُ الله
ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ގިނަގުނަ ސަވާބާއި ދަރުމަޔައިގެންނެވެ. އެ ސަވާބާއި ދަރުމަ ލިބިގަތުމަކީ އަޅުގަނޑުމެންގެ ކިބައިގައިވާ ކަމެކެވެ. އަޅުގަނޑުމެންގެ މައްޗަށް މާތް ﷲ ރަމަޟާންމަހުގައި ހިފުމަށް ފަރުޟުކުރައްވައިފައިވަނީ އެންމެ ގިނަވެގެން ވެސް ތިރީސް ރޯދައެވެ. އެ ރޯދަތަކަށް ސަވާބާއި ދަރުމަ ދެއްވަނީ އެއްވެސް ހިސާބެއް ނެތް ގޮތުގައި ކަމަށް ވެސް އެ އިލާހުވަނީޤުދުސީ ޙަދީޘްޘެއްގައި ވަޙީކުރައްވައިފައެވެ.
އެންމެ ދީލަތިވަންތަ އިލާހު، އަޅަކަށް އެއްވެސް ހިސާބެއް ނެތް ގޮތުގައި ސަވާބާއި ދަރުމަ ދެއްވުމަކީ ވަރަށް މަތިވެރި ކަމެކެވެ. ހަމަ ޔަގީނުން ވެސް އެ އިލާހުގެ ދެއްވުމުގައި އެއްވެސް އުނިކަމެއް ނުވާނެއެވެ. އެ އިލާހުގެ ދެއްވުމުގައި އަޅާ ހިތްފުރިގެން ބަންޑުންވާ ވަރަށް ދެއްވާނެ ކަމާ މެދަކު ވެސް ޝައްކެއް ނެތެވެ. ޚުދު އެ އަޅާ ދަންނަވާނެއެވެ. ޔާ ރައްބެވެ! ދެން މި އަޅާއަށް ތިޔަވަރުން ފުދޭނެއެވެ. ނަމަވެސް އެކަލާނގެ މިންވަރުފުޅުން އެއަށްވުރެ އެތައް ގުނައެއް އިތުރުކޮށްދެއްވާނެއެވެ.
މި މަތިވެރި ރަމަޟާންމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލައްވަވާ ވާހަކަ ޙަދީޘްތަކުގައި ވާރިދުވެފައި ވަނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. މި މަހުގެ މަތިވެރިކަން އެ ކަމުން ދޭހަކޮށްދެއެވެ. ހަމަ އެޔާ އެކު، މި މަހުގައި ހުޅުވިފައިވާ ހެޔޮ ކަންކަމުގެ ދޮރުތައް ގިނަގުނަކަން ވެސް އެ ކަމުން ދޭހަކޮށްދެއެވެ. މުއުމިނު އަޅާއަށް އޮތީ އެ ދޮރުތަކުން ވަނުމެވެ. އަދި ހެޔޮކަމުގެ ސަވާބާއި ދަރުމަ ޣަނީމާ ކުރުމެވެ. ސަވާބާއި ދަރުމަ ހުހެއް ނުވާނެއެވެ. އޮތީ މުއުމިނު އަޅާއަށް ކުރެވުނު ހިތްވަރެކެވެ. ހޯދުނު މިންވަރަކަށް ސަވާބާއި ދަރުމަ ހޯދުމެވެ. އިލާހީ ރަޙުމަތުގެ ދޮރުކޮޅުތައް ވަނީ ހުޅުވައިލެވިފައެވެ. ނަރަކައިގެ ދޮރުކޮޅުތައް ވަނީ ބަންދުކުރެވިފައެވެ. މާރިދު ޖިންނި ޝައިޠާނުންތައް ވަނީ ކަސްތަޅު އެޅުވިފައެވެ.
ތިރީސް ރޯދަ އެތައް ރޯދައަކަށް ބަދަލު ކުރެވޭނޭ ގޮތް ވެސް، މާތް ނަބިއްޔާ صَلَّى اللهٌ عَلَيْهِ وَسَلَّم ވަނީ އުންމަތަށް ބަޔާންކޮށްދެއްވައިފައެވެ. އެއީ، ރޯދަވީއްލުން މީސްތަކުންނަށް ދިނުމެވެ. އޭނާ ދޭ ރޯދަވީއްލުމަކުން ރޯދަވީއްލާ މީހާގެ ސަވާބާއި ދަރުމަ ވެސް އެ މީހަކަށް އުނިވުމެއް ނެތި، އެ ރޯދަވީއްލުން ދިން މީހަކަށް ވެސް ލިބޭނެ ކަމަށް ޙަދީޘްގައި ވަނީ ވާރިދުވެފައެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލަން މިއަށް ވުރެ ފަހި ފުރުޞަތެއް އޮންނާނެތޯއެވެ؟ ތިރީސް ރޯދައިން ފުއްދައިލުމުގެ ބަދަލުގައި އެތައް ސަތޭކަ، ނުވަތަ އެތައް ހާސް ރޯދައެއް ހާސިލުކުރުމުގެ ފުރުޞަތު މި ވަނީ ހުޅުވައިލެވިފައި ނޫންތޯއެވެ؟
ހަމަ އެފަދައިން މި މަހުގެ މަތިވެރިކަމާއި ދަރުމަ އިތުރަށް ހާސިލުކުރުމުގެ ގޮތުން، މީސްތަކުންނަށް އެހީ ފޯރުކޮށްދިނުމާއި ދީލަތިވުމަކީ ވެސް ނަބިއްޔާ صَلَّى اللهٌ عَلَيْهِ وَسَلَّم އުންމަތަށް ދަސްކޮށްދެއްވައިފައިވާ ކަމެކެވެ. އިންސާނުންގެ ތެރެއިންވާ އެންމެ ދީލަތި ބޭކަލަކީ އެކަލޭގެފާނު ކަމާ މެދަކު ޝައްކެއް ނެތެވެ. މިއީ އާންމު ހާލަތުގައި ވެސް މެއެވެ. ނަމަވެސް ރޯދަމަސް އައިސް ވަނުމުން އެކަލޭގެފާނުގެ ދީލަތިކަން އިތުރަށް އިތުރުކުރައްވައެވެ. ޞަޙާބީ ބޭކަލުން ސިފަކުރައްވަނީ ޖެހޭ ވައިރޯޅިއަކަށް ވުރެ އެކަލޭގެފާނުގެ ދީލަތިކަން ހަލުވިވެގެންވާކަމުގައެވެ.
އަދި ކޮބައިތޯއެވެ. ފަރުޟު ފަސް ނަމާދު ކުރުމާއި، މައިންބަފައިންނަށް އޯގާތެރިވެ، އެ މީހުންގެ ޙާޖަތުތައް ފުއްދައިދިނުމުގެ މަތިވެރިކަން އެހާމެ ބޮޑެވެ. ޤިޔާމުއްލައިލްގެ އަޅުކަމާއި، ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގެ ދަރުމައެހައި ބޮޑެވެ. ތަރާވީޙު ނަމާދާއި އެހެނިހެން ސުންނަތް ނަމާދުތައް ކޮބައިތޯއެވެ. މި ހުރީ ހައްތާ ވެސް ހެޔޮކަމުގެ މަގެވެ. ރޯދައިގެ ސަވާބާއި ދަރުމަ އިތުރުކޮށްލާނެ މަގުމަގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ