ހުރިހާ ކެންޑިޑޭޓުންނާއިއެކު ރައީސް މުއިއްޒު ދިވެހީންގެ ހިނގާލުމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނާއިއެކުގައި، އެ ކޯލިޝަންގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހިނގާލުމެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ދައުވަތު އަރުވާ މި ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހު ހަވީރު 3:30 އިން 5:30 އަށެވެ. ރަސްފަންނުން ފަށާ ހިނގާލުން ނިންމާލަން ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
”ދިވެހީންގެ ހިނގާލުން“ މި ނަމުގައި ބާއްވާ މި ހިނގާލުމުގެ ބައިވެރިން ފިޔާތޮށި ނުވަތަ ވިލު ނޫ ކުލައިގެ ހެދުން ލުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެދެއެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާ އަކަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.
މި އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮއްވަވައިދިނުމަށާއި، ތަރައްގީ ގެނައުމުގައި ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ އަރިހުން އިލްތިމާސް ކުރައްވާފައެވެ.
ކެމްޕެއިން އިވެންޓެއްގައި ރައީސް ވަނީ، ސަރުކާރު ހިންގުމުގެ ބާރު ޕީޕީއެމް/ޕީއެންސީ އަށް ދިނުމަށް ފަހު، ސަރުކާރަށް ހުރަސް އެޅުމުގެ ފުރުސަތު އެހެން ބަޔަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ