ޑޮލަރުގެ އަގު އުފުލިގެން އުޅޭ މަންޒަރެއް ދެން ނުފެންނާނެ: ރައީސް މުޢިއްޒު

ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެންދާތަން ދެން ނުފެންނާނެ ކަމަށާ، އޭގެ ބަދަލުގައި ދެން ފެންނާނީ ޑޮލަރުގެ އަގު ތިރިއަށްދާ މަންޒަރުކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކާއި އެކު ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓި، ދިވެހި ފައިސާގެ އަގުވެސް އުފުލެމުން އަންނަކަމަށެވެ.
“ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް. ހިފެހެއްޓިފައި ހުންނާނީ. ކުރިއަށްވުރެ ދަށަށް ދާނީ. ފައިސާގެ އަގުދަނީ މައޗަށް. އަޅުގަނޑުމެންގެ އިޤްތިޞަދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން. ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން.”
ރައީސް ޑރ މުހައްމަދު މުޢިއްޒު
މިއާއެކު ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވާ ލައްވާފައެވެ. އެގޮތުން ވިދާޅުވީ، ބޭރުގެ ލޯނުތައް ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށާއި، ނަމަވެސް މިހާރު އެ ފަންޑަށް 35 މިލިއަން ޑޮލަރު ޖަމާވެފައިވާކަމަށެވެ.
ހަމައެހެންމެ ކުރީ ސަރުކާރުން މިވީ 40 އަހަރު ދުވަހު ފައިސާ ޗާޕު ނުކުރާ ވަރަށް ޗާޕުކޮށްފައިވާ ކަމަށާ، އެގޮތުން 8000 މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ޗާޕުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު އައިސް ފައިސާ ޗާޕުކުރުންވެސް ހުއްޓާލާފައިވާ ކަން ފާހަގަކުރެއްވިއެވެ.
މިއާއެކު ރައީސް ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް ފެށޭނެކަން އިއުލާން ކުރައްވާފައެވެ. 
“ފެށިގެން ދިއުމުން އެ މަސައްކަތްތަކަށް ހޭދަކުރާ ފައިސާ ހޭދަކުރާނީ އެ މަސައްކަތްތަކުގެ އެކިކަހަލަ ސަބް ކޮންޓެރކްތައް ނަގައި ދިވެހި ކުންފުނިތަކަށް. މުއްސަނދިވާނީ ދިވެހިން. މިދިޔަ ފަސްއަހަރު ބޭރު ޤައުމުތަކުން ލޯން ނަގަމުން ދިޔައީ. އެ ލޯންތަކުގެ ޓާމްސްތައް ހުރީ 70% އަދި 80% ހުރީ އެ ޤައުމުތަކުގެ ކުންފުނިތަކަށް ވަންނަގޮތަށް. އެހެންވުމުން ދިވެހި ކުންފުނިތަކަށް ވަން ފައިސާއެއް ނެތް.”
ރައީސް ޑރ މުޢިއްޒު
މީގެ އިތުރުން ރައީސް ވަނީ ސަރުކާރުން ރާވާފައުވާ އެފަދަ ހުރިހާ ތަރައްގީގެ މަޝްރޫއެއްވެސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަން ފާހަގަކުރައްވައި، ތަރައްޤީއަށް އެހީތެރިކަން ދޭނެ މަޖިލީހެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ