އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސް ކުރައްވައިފިއެވެ. 
މެޑަމް ސާޖިދާ މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ 'ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024' ޝަރަފުވެރިކޮށްދެެއްވައި، މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން މެޑަމް ސާޖިދާ ވަނީ  ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރުމަށް ބާރުއަޅުއްވާފައެވެ.
ހަމައެއާއިއެކު ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށް މެޑަމް ސާޖިދާ ބެލެނިވެރިންނަށް ބާރުއަޅުއްވާފައިވާއިރު، ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށާއި ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން އެކަމަނާ ވަނީ އެދިވަޑައިގަންނަވާފައެވެ.
މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިން ނުވަތަ މައިންބަފައިންކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކަށްޓަކައި އެކަމަނާ ވަނީ މުދައްރިސުންނަށް ޚާއްޞަ ޝުކުރެއް އަދާ ކުރައްވާފައެވެ.
 މިހާރު 117 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ޚާއްޞަ ކުރެހުމެއް މެޑަމް ސާޖިދާ އަށް އަރުވާފައިވާއިރު، އެކަމަނާ ވަނީ މި ޖަލްސާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ