ރާއްޖެއާއި އިންޑިޔާ އާ ވަރިއެއް ނުކުރެވޭނެ - ނަޝީދު

ރާއްޖެ އާއި އިންޑިއާ އޮންނަ ގާތް ގުޅުން ދުރު ނުކުރެވޭނެ ކަމަށާއި ދެ ގައުމު ވަރިވެސް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ނަޝީދު ވިދާޅުވީ މި ދެ ގައުމަކީ އެއް ފޮތަކުން ކިޔަވައިގެން، އެއް ސަގާފަތަކަށް އުޅޭ ގާތް ދެ ގައުމު ކަމަށާއި ދެގައުމުގެ ގުޅުން ވަކިނުވާނެ ކަމަށެވެ.
"އަހަރުމެން ކިޔަނީ އެއް ފޮތެއް. އަހަރުމެން ބަލަނީ އެއް ފިލްމެއް. އަހަރުމެން ކަނީ އެއް ކެއުމެއް. އަހަރެމެންގެ ޘަގާފަތް އެއްގޮތް. އަހަރުމެންނަނީ ވަރަށް އެއްބައިވަންތަ ބައެއް. އަހަރުމެންނަކީ އެއްބައެއް. އަހަރުމެންނާއި އިންޑިއާ އާއި ވަރިއެއް ނުކުރެވޭނެ. އަހަރުމެންނާއި އިންޑިއާ އާއި ދުރެއްވެސް ނުކުރެވޭނެ. " ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި ސަރުކާރުން ކިތަންމެ ވަރަކަށް އިންޑިއާ އާ ގުޅުން ބާއްވަން ބޭނުން ނުވިޔަސް އެ ގުޅުން ނުކެނޑޭނެ ކަމަށެވެ. ދެ ގައުމުގެ ގުޅުމަކީ އެއަށްވުރެ މާ ވަރުގަދަ އަދި ޑިޕްލޮމެޓިކް ގުޅުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ގިނަ ޑޮކްޓަރުންނާއި، ޓީޗަރުންނާއި، އެކައުންޓެންޓުންނަކީ ވެސް އިންޑިއާގެ ރައްޔިތުން ކަމަށާއި އިންޑިއާ އާ ދެކޮޅުވެގެން ދިވެހިންނަށް ސިޔާސީ ގޮތުންވެސް އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ގޮވަމުން ވެރިކަމަށް އައި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ކެމްޕެއިން ގަބޫލުނުކުރެއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިގެންވެސް ވާކަށް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރައީސް މުއިއްޒު ބޭނުންވެލައްވަނީ އެކަން އެހެން ގޮތަކަށް ކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެގޮތަށް ކޮށްގެން ވާނެ ކަމަކަށް. އެމަނިކުފާނު ބޭނުންފުޅުވަނީ ސިފައިންގެ ބަދަލުގައި ސިވިލިއަން އެކަން ކުރަން. މިކަން އެންމެ ފުރަތަަމަ ވެސް ކުރަން ނިންމާފައިވާ ގޮތަކީ، އެމީހުން ރާއްޖޭގެ ސިފައިން އެ މަސައްކަތްތައް ކުރަން ޓްރެއިން ކުރަން. އަދި ޓްރެއިނިން ނިމެންދެން އެމީހުން ރާއްޖޭގައި ތިބެން. އަޅުގަނޑު ގަބޫލު ކުރަނީ އެކަން އެގޮތަށް ވާން. އަޅުގަނޑު ގަބޫލު ކުރަނީ އެހެން އެކަން ވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ