އަބުރުގެ ބިލް ފާސްވެއްޖެނަމަ އެއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް: ގާސިމް

ޚިޔާލުފާޅުކުރުން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އެގޮތަށް ފާސްވެއްޖެނަމަ އެއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ސަރުކާރަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށައަޅުއްވާފައިވާ އެބިލާގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައި ގާސިމް ވިދާޅުވީ އެބިލަކީ ގާނޫނު އަސާސީއާއި ތައާރަޒުވާ ބިލެ ކަމަށާއި އެބިލް ފާސްވެއްޖެނަމަ ރައްޔިތުންނަށް ބޮޑު ނިކަމެތިކަމެއްލިބި ކޮރަޕްޝަނަށް ދޮރު ހުޅުވިގެންދާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން އެބިލަށް ތާއީދު ނުކުރާކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެބިލް މަޖިލީހަށް ބަލައިގަތުމަށްވެސް ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުން ވޯޓު ނުދެއްވައެވެ. އެބިލަށް ތާއީދު ކުރައްވާ އެޕާޓީން ވާހަކަދައްކަވަނީ ދަނގެތީދާއިރާގެ މެމްބަރުން އިލްހާމް އަހުމަދެވެ. އެޕާޓީގެ އެހެން އިސް މެމްބަރުން އެބިލަށް ދެކޮޅެވެ. ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ. ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ