ލިޔުންތައް އިރާލުމަށް ފަހު ނަޝީދު އުޅުއްވަނީ ޑްރާމައެއް ކުޅުއްވަން – އުމަރު

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވަން ޖެހޭ ލިޔުންތަކުގައި އެމަނިކުފާނު މިއަދު ސޮއި ކުރެއްވުމަށް ފަހު އެލިޔުންތައް އިރާލާފައިވާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ "އެލިޔުންތައް އިރާލުމަށް ފަހު ނަޝީދު މިހާރު އުޅުއްވަނީ ސިޔާސީ ޑްރާމާއެއް އަނެއްކާވެސް ކުޅުއްވަން" ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދަށް ޑްރާމާ ނުކުޅުއްވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިރޭ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްރީލަންކާގެ ފޮރިން މިނިސްޓަރާއި އެގައުމުގެ ފިނޭންސް މިނިސްޓަރ މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެން ސަރުކާރާއި އެކު ބޭއްވި މަޝްވަރާތަކުގައި މުއްދަތެއް ނެތް ގޮތައް ރައީސް ނަޝީދު ބޭސްފަރުވާއަށް ފޮނުވަން ސަރުކާރުން އެއްބަސްވި ކަމަށް ވިދާޅުވި ވިދާޅުވުން މިނިސްޓަރ އުމަރު ވަނީ ދޮގު ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ "އެއްވެސް ބޭފުޅަކު މެދުވެރިކޮށް ކުރި އެއްވެސް މަޝްވާރައެއްގައި މުއްދަތެއް ނެތް ގޮތަށް ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނަޝީދަށް ޔަގީން ކަމެއް ވެސް އަދި ހުއްދަ އެއްވެސް ދީފައި ނޯންނާނެ" ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ވެގެން މިފަހަރު އިޤުރާރުގައި އެމަނިކުފާނުގެ އާއިލާ ބޭފުޅަކު ސޮއި ކުރައްވަން ދެކޮޅު ހެއްދެވި ނަމަވެސް މީގެ ކުރިން ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރީ ވެސް އެއިޤުރާރުގައި އެމަނިކުފާނުގެ އަނބިކަބަލުން ލައިލާ ސޮއި ކުރެއްވުމުން ކަމަށެވެ.
"ނަޝީދު ގޭބަންދުގައި ހުއްނަވަނިކޮށް ލައިލާ ބޭރަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތުމުން ވެސް ލައިލާގެ ބަދަލުގައި އާއިލާގެ އެހެން ބޭފުޅަކު ސޮއި ކުރައްވާ ޒިންމާ ނެންގެވި" މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދަށް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ލިބިވަޑައިގަންނަވާނީ 30 ދުވަސް ކަމަށެވެ.
ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި ސޮއި ކުރައްވަން ޖެހޭ ލިޔުންތަކުގައި ރައީސް ނަޝީދު މިއަދު ސޮއި ކުރެއްވުމަށް ފަހު އިރާލެއްވި ކަމަށް ހޯމް މިނިސްޓަރ ވިދާޅުވި ނަމަވެސް ރައީސް ނަޝީދުގެ ވަކީލުން މިރޭ ވަނީ އެކަން ދޮގު ކުރައްވާފައެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ރައީސް ނަޝީދު ސޮއި ކުރެއްވި ލިޔުން ރައީސް ނަޝީދު ވީދާލިކަމަށް ސަރުކާރުން ބޭރު ގައުމުތަކަށް މައުލޫމާތު ދެމުންދާ ކަމަށެވެ.
"ރައީސް ނަޝީދު ލިޔުމުގައި ސޮއި ކުރެއްވީ 17:50 ހާއިރު އަޅުގަނޑުމެން ހަތަރު ވަކީލުންނާއި ކަރެކްޝަނަލް ސާވިސްގެ ދެބޭފުޅުންގެ ހާޒިރުގައި. މިހާރު ސަރުކާރު ފަރާތުން ބޭރު ގައުމުތަކަށް މައުލޫމާތު އެބަ ދެއްވާ ރައީސް ނަޝީދު އެލިޔުން ވީދާލީ ކަމަށް. އަޅުގަނޑުމެން އެންމެންގެ ހާޒިރުގައި އެލިޔުން ހަވާލު ކުރީ ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކާއި. ގެންދެވުމަށް ފަހު ވީގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ" ހިސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ