ކޯޓުތަކުގައި މައްސަލަތައް ލަަސްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެ

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ، އެކަން ބެލުމަށްފަހު، އެ މައްސަލައެއް ބަލައި ނިންމުން އެކަށީގެންވާ ވަރަށްވުރެ ލަސްވެފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެނަމަ، ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ ސާކިއުލާއެއްގައެވެ.
އެސާކިއުލާގައި ވިދާޅުވީ މައްސަލައެއްގައި ހިމެނޭ ޚަސްމަކު ސުޕްރީމް ކޯޓަށް މައްސަލައެއް ލަސްވާކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ، އެކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބެލުމަށްފަހު، އެ މައްސަލައެއް ބަލައި ނިންމުން އެކަށީގެންވާ ވަރަށްވުރެ ލަސްވެފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެނަމަ، އެކަމާގުޅިގެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.
މިގޮތުން މައިގަނޑު ދެފިޔަވަޅެއް ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވަނީ ބަޔާން ކުރައްވާފައެވެ. އެއީ މައްސަލަައެއް ހުށަހެޅިފައިވާ ކޯޓުގެ އެހެން ފަނޑިޔާރަކާ އެމައްސަލަ ބެލުމަށް ހަވާލުކުރުން ނުވަތަ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޝަރްޢީ ވަފުދަކާ މައްސަލަ ބެލުމަށް ހަވާލުކުރުން އަދި މައްސަލަ ބެލުން މަޤުބޫލު ސަބަބެއް ނެތި ކޯޓަކުން ލަސްކޮށްފައިވާކަމަށް ފެނިއްޖެނަމަ އެކަމާމެދު ޤަވައިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ މިގޮތައް ނިންމެވީ ޤާނޫނޫ އަސާސީގެ 42 ވަނަ މާއްދާއާ އެއްވާ ގޮތުގެ މަތިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންޞާފު ލިބިދިނުމުގެ ޙައްޤަކީ އެއްވެސް ތަފާތުކުރުމަކާ ނުލައި އެކަށީގެންވާ އަަވަސް މިނެއްގައި ފަސޭހަކަމާއެކު ލިބިދޭންޖެހޭ ޙައްޤަކަށް ވާތީ އިންސާފު ހޯދަން ބޭނުންވާ ފަރާތްތަކަށް އެޙައްޤު ކަށަވަރުކުރުމަށްޓަކައި އެވަގުތަކަށް އަޅަންޖެހޭ އެންމެ މުނާސަބު ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ މަސްއޫލިއްތަކަށް ވާތީ ކަމަށެވެ.
އަދި މިގޮތައް ނިންމެވީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަދުލު އިންސާފު ލިބިދިނުމުގެ ޚިދުމަތް ކަނޑައެޅިފައިވާ ޤާނޫނީ ޤާނޫނީ އިޖުރާއަތުގެ ތެރެއިން ފަސޭހައިން އަވަސްކަމާއެކު ލިބިދިނުމުގެ ފުރުޞަތު ފަހިކުރުމަށްޓަކައި ޤާނޫނު އަސާސީގެ 20 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި 145 ވަނަ މާއްދާގެ (ނ)ގެ މައްޗަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞްގެ މައްޗަށް ރިޢާޔަތްކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ