ބިލްތައް "ކުރުގަޅުވާލައިގެން" ނުނިންމަވާނެކަމަށް ގާސިމް ވިދާޅުވެފައިވޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ހަމަ އެޖަލްސާގައި އެބިލަށް ބަހުސް ކުރުމުގެ އުސޫލު ކަމަށްވާ އެއްމަރުހަލާއާއި ވިދިގެން އަނެއް މަރުހަލާ (އަވަހަށް ބިލް ނިންމުމަށް ކުރުގަޅުވާލުން) ކުރިއަށް ނުގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ހަމަ މިއަދުގެ ޖަލްސާގައި އެބިލަށް ބަހުސް ކުރެއްވުމަށް އެޖެންޑާ ކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އޭރު ޕީޕީއެމް ކޯލިޝަނުގައި މަޖިލީހުގެ މެޖޯރިޓީ އޮތުމުން މަޖިލީހުގެ ގަވާއިދު ބަދަލުކޮށް، ބައެއް ބިލްތައް "ކުރުގަޅުވާލައިގެން" ނިންމުގެ އިސޫލަށް އޭރުވެސް އެމްޑީޕީން ދިޔައީ ފާޑު ކިޔަމުން ނެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާކަމުގެ ކަމުގެ މަގާމަށް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމާއެކު ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ލިބުމުން މަޖިލީހުގެ ރައީސް ކަމަށް ގެންނެވީ ގާސިމް އިބްރާހީމް އެވެ.
މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ އެއްމަރުހަލާއާ ވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދެވޭ އުސޫލަށް މީގެކުރިން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އަމަލު ކުރެއްވި ނަމަވެސް އެކަން ނިމުމަކަށް ގެނައުމަށްޓަކައި މިހާރު މަޖިލީހުގެ ރައީސް ގާސިމާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ އުސޫލަށް އަމަލު ކުރާނީ ކޮންމެހެން ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ބިލްތަކަށް އެކަނި ކަމަށް ބުނެ، މަޖިލީހުގެ ރައީސް ގާސިމް އިތުރުފުޅު ހައްދަވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިއަދު ހުށަހެޅިފައިމިވާ މައްސަލައާ އަދި މިމައްސަލަ ކުރިއަށް ގެންދަވަން އިއްޒަތްތެރި ރައީސް ތިޔަ ނިންމެވި ގޮތަށް އަޅުގަނޑު އިންކާރު ކުރަން. ފުރަތަމަ ސަބަބަކީ އެނގިވަޑައިގަންނަވާނެ އިއްޒަތްތެރި ރައީސް، މަޖިލީހުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި އެވާގޮތުގެ މަތިން ކޮންމެ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއެކު އިއްޒަތްތެރި ރައީސް ބައްދަލުވުންތަކެއް ބާއްވާ. އެބައްދަލުވުންތަކުގައި ފުރަތަމަ އަޅުގަނޑު ބައިވެރިވި ބައްދަލުވުމުގައި ވެސް އިއްޒަތްތެރި ރައީސަށް އަޅުގަނޑު ދެންނެވިން، މަޖިލީހުގެ މަސައްކަތް، ދެކިޔުން އެއްކޮށްގެން، މިހެން ކުއްލިޔަކަށް، އެޖެންޑާކޮށް، އެންމެފަހުވަގުތު، ރޭގަނޑު ދަންވަރުވާއިރު އެޖެންޑާ ލިބިގެން، އަނެއްދުވަހުގެ ހެނދުނު ޖަލްސާ ބާއްވައި، އެދުވަހުން އެދުވަހަށް އެބިލަށް ބަހުސްކުރަން ފެށީމައި، އެކަމަކަށް ތައްޔާރުވާންޖެހޭ މިންވަރަށް މެމްބަރުންނަށް ތައްޔާރެއްވެސް ނުވެވޭ، އަދި އެކަމުގައި ރަނގަޅަށް ބަހުސްކުރާނެ ޖާގައެއް ނުލިބޭ، އެކަން ހުއްޓުވާ ދެއްވުމަށް އެދުނިން، އަދި މަނިކުފާނު ވިދާޅުވި، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި ކޮންމެހެން ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ބިލެއް ނޫނިއްޔާ އެގޮތަށް ކުރިއަށް ނުގެންދަވާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން ވަރަށް އަވަހަށް ނިންމަން ބޭނުންވާ ދެ ބިލެއް ކަމަށްވާ ގޮތްނޭނގޭ މަރުތަކުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ހިދުމަތުގެ ބިލް މަޖިލީހުން ނިންމަވާދެއްވުމަށް ދާދިފަހުން ގާސިމާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނާ ގުޅުންހުރި އެފަދަ މުހިއްމު ބިލްތަކެއް މަޖިލީހުގައި "ޕާކު" ކޮށްފައި، ކުއްލިއަށް ވަކި ފަރުދަކަށް އިނާޔާތާއި ރައްކާތެރިކަމުގެ ބިލެއް އަވަސް އަރުވާލައިގެން ނިންމަން އުޅޭތީ އަސްލަމް ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމުމަކަށް މިދަނީ، ނިމެންދާއިރު، އެންމެ ބާރަށް މަޖިލިސް ތެރެއިން މިއިވެނީ، އިނާޔަތުގެ ވާހަކަ، ހިމާޔަތުގެ ވާހަކަ، އިމްތިޔާޒުގެ ވާހަކަ އަދި ރައްކާތެރިކަމުގެ ވާހަކަ. ވަރަށް މުހިއްމު ވާހަކަތަކެއް. އެކަމަކު މިދެންނެވި ހުރިހާކަމެއް އަޅުގަނޑުމެން ހޯދާދެވޭތޯ އެންމެ ފަހުވަގުތަށް ވެސް ބަލަންޖެހޭނީ މުޅި ދިވެހި ރައްޔިތުންނަށް. ވަކިމީކަށް، ވަކި ފަރުދަކަށް އަމާޒު ކުރެވިގެން މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންނުވާނެ. މަޖިލީހަކީ އެގޮތަށް މަސައްކަތްކުރާ މަޖިލީހެއް ކަމުގައި ދެކިގެންނުވާނެ. 18 ވަނަ މަޖިލީހުގެ އެންމެފަހުވަގުތާ ހަމައަށްވެސް އަޅުގަނޑު ދެކޭގޮތުގައި މަސައްކަތް ކުރަންޖެހޭނީ މުޅި ރައްޔިތުންގެ ހިމާޔަތުގައި،" އަސްލަމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އެބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިހާރު ހިނގަމުން 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެންދާއިރު، މިމަޖިލީހަކީ ރައްޔިތުން ބަލައިގަންނަ މަސައްކަތްކުރާ މަޖިލީހެއް ނޫންކަމަށް މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އީވާ ވިދާޅުވީ މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 70 ޕަސެންޓް މެމްބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވަނިކޮށް، މަޖިލިސް ނިމެން ކުޑަ ދުވަސްކޮޅަށް ވެފައިވާއިރު، އަވަސް އަރުވާލައިގެން ބިލްތަކަށް އިސްލާހު ގެނަޔަސް، 19 ވަނަ މަޖިލީހުން އެކަން ކޮށްފައިވަނީ ރަނގަޅަށް ބަލައި، ރަނގަޅު ނޫންކަމަށްވާނަމަ އަލުން ބަދަލު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ