ޗައިނާއާ ދެކޮޅަށް ހޮންގްކޮންގ ރައްޔިތުން އަނެއްކާވެސް މަގުތަކަށް

ހޮންގްކޮންގ ސަރުކާރާއި، ޗައިނާއާ ދެކޮޅަށް އަޑުއުފުލައި ހޮންގްކޮންގެ އެތައްހާސް ބަޔަކު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.
މިފަހަރު އެމީހުން މުޒާހަރާ ބޭއްވީ، ހައި ސްޕީޑް ރޭލުގައި ޗައިނާއިން އަންނަ ފަތުރުވެރިން ހޮންގްކޮންގއަށް ފައިބާ އަދި ހޮންގްކޮންގުން ފުރާ ޓާމިނަލް ކައިރީގައެވެ. މިއީ ޗައިނާ މީހުންނަށް، މުޒާހަރާ ކުރާ މީހުންގެ އަޑު އިއްވައި، މުޒާހަރާ ކުރަމުންދަނީ ކޮން ބޭނުމެއްގައިކަން އަންގަން ކުރި ކަމެއް ކަމަށްވެއެވެ.
އިއްޔެގެ އެއްވުމަކީ، މުޒާހަރާ ކުރާ މީހުން ހޮންގްކޮންގ ގާނޫނުހަދާ މަޖިލީސް މިދިޔަ ހަފްތަގައި ހިސާރުކޮށް، އެތަނުގެ އެތެރެއަށްވަދެ ގެއްލުންދިން ހާދިސާގެ ފަހުން ހޮންގްކޮންގެ އާންމުން މަގުތަކަށް ނުކުތް ފުރަތަމަ ފަހަރެވެ.
އިއްޔެ މަގުތަކަށް ނުކުތް މީހުންވަނީ، ހޮންގްކޮންގެ ވިޔަފާރީގެ ކާރޫބާރޫބޮޑު ސިމް ޝާ ސުއި ސަރަހައްދުން ފެށިގެން ހޮންގްކޮންގ ވެސްޓްކޯލޫން ސްޓޭޝަނާ ހަމައަށް ހިނގާލުމެއް ބާއްވާފައެވެ.
އެމީހުން ބޭނުންވީ، ޗައިނާގެ ފަތުރުވެރިން މެދުވެރިކޮށް، އެމީހުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށާއި، އެމީހުން ބޭނުންވެގެން އުޅެނީ ކޮން ކަމެއްކަން ޗައިނާގެ ފަތުރުވެރިން މެދުވެރިކޮށް ޗައިނާ ސަރުކާރަށް ފޯރުކޮށްދިނުމަށެވެ.
ހޮންގްކޮންގައި ވަރުގަދަ މުޒާހަރާތަކެއްކޮށް، މަސްރަހް ނުތަނަވަސްވެފައި ވާއިރު، އެ މުޒާހަރާތަކާ ގުޅޭ އެއްވެސް ޚަބަރެއް ޗައިނާ ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮންނަ ޗައިނާގެ އެއްވެސް މީޑިއާ ވަސީލަތަކުން ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ވީޑިއޯއެއްވެސް، ފޮޓޯއެއްވެސް ނުދައްކައެވެ.
ޚަބަރު ލިބޭގޮތުގައި، ރޭލު ސްޓޭޝަން ކައިރީގައި ބޭއްވި ހިނގާލުމާއި އެއްވުމުގައި 230،000 މީހުން ބައިވެރިވި ކަމަށް މިކަން އިންތިޒާމުކުރި ފަރާތުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެކަމުގައި ބައިވެރިވީ 56،000 މީހުން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި އެއްވުމުގެ ފަހުން، ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.
މިދިޔަ ޖޫންމަހުގެ 9 ވަނަ ދުވަހު ހޮންގްކޮންގެ މަގުތަކަށް މިލިއަނަކަށްވުރެ ގިނަމީހުން ނުކުތެވެ.
އާންމުން މުޒާހަރާ ކުރަމުން ގެންދަނީ، އެކި ކުށްކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ހޮންގްކޮންގ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި ޗައިނާއަށް ގެންދެވޭގޮތަށް ފާސްކުރަންއުޅޭ ގާނޫނާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެމީހުން ބުނަމުންގެންދަނީ، މިކަމަކީ ޒާތީ މިނިވަންކަމެއް އޮންނަ ހޮންގްކޮންގް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ޗައިނާއިން ހިންގާ އަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ