ސިއްހީ ދާއިރާގެ މައްސަލަތަކުގެ ހައްލު އޮތީ މާދުރަކު ނޫން: މިނިސްޓަރު

ރާއްޖޭގެ ސިއްހީ ނިޒާމްގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެ ހުރިހާ މައްސަލަތަކަށް ހައްލު ގެނެސް، ހައްލު ރައްޔިތުންނަށް ފެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ. ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ ނަތީޖާ އާ ހަމައަށް ވާސިލްވާނެ ކަމަށާއި އެކަމަށް ދުވަސް ނަގާނެ ކަމަށެވެ. ސިއްހީ ދާއިރާގައި ގިނަ މައްސަލަތަކެއް ހައްލުކުރަން ޖެހޭ ކަމަށާއި ޑޮކްޓަރުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ކުރީ ސަރުކާރުގައި ސިއްހީ ނިޒާމް ހުރީ އެންމެ ރަނގަޅު ގޮތެއްގައި ނޫން ކަމަށާއި އަތޮޅުތަކުގައި ސިއްހީ ނިޒާމް އޮތީ އޮޔާލާ ވަޔައި ގޮސްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މިދިޔަ ސެޕްޓެމްބަރު މަހު ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކޮށްފައި. އެކަން އެގޮތަށް ކުރީ ސަރުކާރުން ބަދަލުކުރިއިރު އެކަމަށް ބޭނުންވާނެ މީހުންނެއް ނެތް. އެކަށީގެންވާނެ ހިދުމަތެއް ނުދެވޭ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ ސިއްހީ ހިދުމަތްތައް ދޭ ތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތާ އިމާރާތުގެ ދަތިކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ. ހެދިފައި ހުރި މިންގަނޑުތަކަށް ބޭނުންވާ މިންވަރަށް މީހުން ނެތުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށް މަޝްވަރާކުރަމުންދާ ކަމަށްވެސް މިނިސްޓްރު ވިދާޅުވި އެވެ. "ހައްލު އޮތީ ދުރުގައެއް ނޫން. ހައްލު ފެންނާނެ،" އަމީން ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އަމާޒަކީ އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ފެންވަރުގެ ރަނގަޅު ތަންތަނަށް ހެދުން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ