ފޮނަދޫ ދާއިރާގެ ޖޭޕީ ކެނޑިޑޭޓް ގާސިމަށް: ހުންނާނީ އެއްޗެއް ވިސްނިފައި

ފޮނަދޫ ދާއިރާއަށް ޖޭޕީ ޓިކެޓްގައި ވާދަކުރި ފާތުމަތު ޒައީމާ، ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި ޒައީމާ، ޖޭޕީ ޓިކެޓްގައި އެދާއީރާއަށް ނުކުތް ނަމަވެސް، ގާސިމް އިބްރާހީމްގެ އިތުރުން ޕާޓީގެ އެހެން އިސް ބޭފުޅަކުވެސް އެކަމަނާއަށް ކެމްޕޭން ކޮށްދެއްވުމަށް ވަޑައިގެންނެވިތަނެއް ނުފެނެއެވެ. އަދި ވަކިން ހާއްސަކޮށް، ގާސިމްވެސް ލ. އަތޮޅަށް ވަޑައިގެން ޒައީމާގެ ކެމްޕޭނުގައި ކެމްޕޭނު ކޮށްދެއްވާފައެއް ނުވެއެވެ.
ގާސިމް އިބްރާހީމް ގަމު ދާއިރާގެ އާދަމް އާސިފަށް ކެމްޕޭނު ކޮށްދެއްވުމަށް ވަޑައިގެންނެވި އިރު، އެއާޕޯޓުން ގަމަށް ވަޑައިގެންނެވީ ފޮނަދޫ ދާއިރާއަށް ވާދަކުރި އެންމެފަހުންވެސް އެދާއީރާގެ މެމްބަރު ކަމުގައި ހުރި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)އާއެކު، އެއް ކާރެއްގައެވެ. ނައިބު ރައީސް ފައިސަލް ނަސީމްވެސް އެދާއިރާއަށް ވަޑައިގެން، ކެމްޕޭން ކުރެއްވީ އެމްޑީޕީ ކެނޑިޑޭޓް މޫސާ ސިރާޖަށެވެ.
އެދާއިރާގެ އިންތިހާބު، މޫސާ ސިރާޖު ހަނި ތަފާތަކުން ކާމިޔާބުކުރި އިރު، އަދުރޭއަށް ވަނީ ނާކާމިޔާބީއާ ކުރިމަލާން ޖެހިފައެވެ. ޒައީމާގެ ފޭސްބުކްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "ގާސިމް އަދުރޭއަށް ތާއީދު ކުރީމާ ފޮނަދޫ ދާއިރާގެ ގޮނޑި ލިބުނީ އަދުރޭއަށްތޯ؟ ގާސިމް ވެގެން އަދުރޭއަށް ސުޕަ މެޖޯރިޓީ ހޯދަން ވޯޓު ދިނީ ކިތައް މީހުންތޯ؟" މިހެންނެވެ.
އޭގެ އިތުރުން އަދުރޭއާއި ދަރިފުޅު ފައިސަލް ނާކާމިޔާބުވި ހަބަރު ޝެއާކޮށް ބުނެފައި ވަނީ ޒައީމާއަށް ދެރަދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އަދުރޭ ކަމަށާއި، ﷲ ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާނެ ކަމަށެވެ. އަދި އަދުރޭ ނުހޮވުމުން އުފާވި ކަމަށްވެސް ޒައީމާ ވަނީ ބުނެފައެވެ.
އޭގެ އިތުރުން އިންތިހާބުގައި ޖޭޕީ ނާކާމިޔާބުވީ ވަގެއްގެ އަތުގައި ހިފުމުން ކަމަށް އަލީ ސޯލިހް ވިދާޅުވި ވިދާޅުވުމަށް އަމާޒުކޮށް ޒައީމާ ބުނެފައި ވަނީ އެއީ ވަރަށް ބޮޑު ތެދެއް ކަމަށާއި، ގާސިމަށް ހުންނާނީ އެއްޗެއް ވިސްނިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ