އެމްޑީޕީ އަށް އަގުލަބިއްޔަތު ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން: ގާސިމް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް އަގުލަބިއްޔަތު ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތިން ވަނަ ދައުރަކަށް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ކެމްޕެއިން ފެށުމަށް އެ ދާއިރާގައި ހިމެނޭ އދ. ފެންފުށީގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، ވަކި ޕާޓީއަކަށް އަގުލަބިއްޔަތު ލިބުމަށް ވުރެ ވެރިކަން ކުރާ ކޯލިޝަނަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ރަނގަޅު ކަމަށެވެ.
"ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން. އެކަމަކު ހަމައެކަނި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެން ދިއުމަކީ އަޅުގަނޑު ދަންނަވާނީ އެއީ ހެޔޮވާވަރު ކަމެއް ނޫނޭ ކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއަދު ރާއްޖޭގައި ކޯލިޝަން ވެރިކަމެއް ކުރަމުން އަންނަ އިރު ވަކި ޕާޓީއަކަށް ނިސްބަތްވާ މިނިސްޓަރަކު ހުރުމުން، ސަރުކާރުން ބޭނުންވާ ކަމެއް ނުކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ވެސް ކޯލިޝަނަށް މެޖޯރިޓީ ލިބިގެން ސަރުކާރުން ބޭނުންވާ ކަންކަން ހާސިލް ނުވާނެ ކަމަށް ދައްކާ ވާހަކަތައް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަނުގެ މެމްބަރުންގެ އިތުރުން، ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން ތިބެންޖެހޭނެ ކަމަށާއި، އެހެންކަމުން ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން މަޖިލީހަށް އިންތިހާބު ކޮށްދިނުމަށް ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
ގާސިމް އެހެން ވިދާޅުވި އިރު، އާންމު އިންތިހާބުގައި ރައީސް ޔާމީނުގެ ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން ޖުމްހޫރީ ޕާޓީން ކުރިއަށްދާން އެއްބަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް ކެންޑިޑޭޓުން ކެމްޕޭން ކުރަމުން ދަނިކޮށް، އެ މީހުންގެ ޓިކެޓް ބާތިލްކޮށް އެ ދާއިރާތަކަށް ޖުމްހުރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ