ޕެންޝަނުގައި ބައިވެރި ނުވާ ތަންތަނާއި މުވައްޒަފުން އަދިވެސް އެބަތިބި: ޕެންޝަން އޮފީސް

ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުމަކީ ވަޒީފާ ދޭ ކޮންމެ ފަރާތަކަށް ލާޒިމު ކަމެއް ނަމަވެސް، އެ ސްކީމުގައި ބައިވެރިނުވާ އަމިއްލަ ކުންފުނިތަކާއި މުވައްޒަފުން އަދިވެސް އެބަތިބި ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފި އެވެ.
"ފެންޝަނަކީ މުވައްޒަފުންނަށް ލިބިދޭން ޖެހޭ ހައްގެއް. އެހެން ނަމަވެސް ޕެންޝަނުގައި ބައިވެރިނުވާ ތަންތަނާއި މުވައްޒަފުން ބައިވެރި ނުކުރާ ތަންތަން އަދިވެސް އެބަހުރި،" ޑިރެކްޓަރު އިސްމާއިލް ޝުޖާއު ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި އަމިއްލަ ފަރާތްތަކުގެ ތެރެއިން ޕެންޝަންގައި މިހާތަނަށް ބައިވެރިކޮށްފައި ވަނީ 39،212 މީހުންނެވެ. އަމިއްލަ ފަރާތްތަކުގެ ތެރެއިން ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައި ވަނީ 3،334 ފަރާތަކުން ކަމަށާއި އޭގެ ތެރެއިން ޕެންޝަން ސްކީމްގައި މުވައްޒަފުން ބައިވެރިކޮށްފައި ވަނީ 1،180 ފަރާތަކުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށް، މުވައްފަޒުން ބައިވެރިނުކުރާ ތަންތަނުގެ ތެރޭގައި، 25 އަށްވުރެ ގިނަ މުވައްޒަފުން ގެންގުޅޭ 80 އަށްވުރެ ގިނަތަން އެބަހުރި ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނި ގޮތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު، އާދީއްތަ ދުވަހުގެ ނިޔަލަށް ޕެންޝަން ސްކީމްގައި ބައިވެރިކޮށްފައި ވަނީ ޖުމްލަ 72،240 މީހުންނެވެ.
"ފެންޝަންގައި ބައިވެރިނުވާ ފަރާތްތަކުގެ ތެރޭގައި 500 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ތަންތަން ވެސް އެބަހުރި. އަޅުގަނޑުމެން މިދަނީ ގިނަ މުވައްޒަފުން ތިބި ތަންތަނުން މުވައްޒަފުން ބައިވެރި ކުރުވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރަމުން. އެކަމަކު ވަޒީފާ ދޭ ހަމަ ކޮންމެ ފަރާތަކުން ވެސް މުވައްޒަފުން ޕެންޝަނުގައި ބައިވެރިކުރަން ޖެހޭނެ،" ޝުޖާއު ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކުގެ ވަޒީފާގައި ގެންގުޅޭ ދިވެހި މުވައްޒަފުންގެ ނަމުގައި މޭ މަހުގެ މުސާރަ އިން ފެށިގެން ޕެންޝަނަށް ފައިސާ ޖަމާކުރަން ޖެހެ އެވެ. މުވައްޒަފުންގެ އަސާސީ މުސާރަ އިން ކޮންމެ މަހަކު ކަނޑަން ނިންމާފައިވާ، ގިނަވެގެން ހަތް ޕަސެންޓާއި އަދި ވަޒީފާ ދޭ ފަރާތުން ކޮންމެ މުވައްޒަފެއްގެ ނަމުގައި މުސާރައިގެ މަދުވެގެން ހަތް ޕަސެންޓް ފައިސާ ކޮންމެ މީލާދީ މަހެއްގެ 15 ގެ ކުރިން ދައްކަން ޖެހެ އެވެ.
ޝުޖާއު ވިދާޅުވީ ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިނުކުރާ ފަރާތްތަކާއި މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ފަރާތްތަކުގެ ޖޫރިމަނާއަކީ، ޖޫރިމަނާވާ ދުވަހުން ފެށިގެން އިތުރުވަމުންދާ ގޮތަށް އޮންނަ އެއްޗަކަށް ވާއިރު، ވަޒީފާ ދޭ ހުރިހާ ފަރާތްތަކުން ވެސް ޕެންޝަން ސްކީމްގައި ވީހާ އަވަހަކަށް މުވައްޒަފުން ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކުން، އެ މީހުން ޕެންޝަންގައި ބައިވެރިކޮށްފައިވޭތޯ ބެލުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ވަޒީފާ އަދާކުރާ ފަރާތުގެ ޕެންޝަނާ ބެހޭ މައުލޫމާތު، އައިޑީ ކާޑުގައިވާ ނަމްބަރު ބޭނުންކޮށްގެން ސާފުވާނެ ގޮތެއް ހަމަޖެއްސުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭރުން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޕެންޝަނާ ބެހޭ މައުލޫމާތު ސާފުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ޕެންޝަން ސްކީމްގައި މުވައްޒަފުން ބައިވެރި ކުރުމަށް ވަރަށް ކުރިއާ ލައި ތައްޔާރުވެ، އެކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދާ ފަރާތްތަކެއް ވެސް އެބަ ތިބި ކަމަށެވެ. އެއީ ވަރަށް ފަސޭހަކޮށް ކުރެވެން އޮތް ކަމަކަށްވާއިރު، ޕެންޝަންގައި ބައިވެރިނުވެ މަޑުކުރުމަށްވުރެ ރަނގަޅު ގޮތަކީ އެކަން އަވަހަށް ކުރިއަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން ބުނީ ފެންޝަނަކީ ވަޒީފާ އަދާކުރާ ފަރާތުގެ ހައްގަކަށްވާއިރު، އެ ހައްގު އަދާނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ