ކޮންފަރެންސަކަށް ފުރާވަޑައިގަތުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް އެ ދަތުރުކުރުމަށް ފިނޭންސުން ހުއްދަ ނުދޭ ކަމަށް ބުނެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދަތުރު ކެންސަލްކޮށްފައިވާ ކަމަށް ވިދާޅުވެ އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާ ދެތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ޖުވެނައިލް ކޯޓްގެ ގާޒީ މުހައްމަދު ނައީމް އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ފިނޭންސާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ސުޕީރިއާ ކޯޓްތަކުގެ އިސް ގާޒީންނަށް ކޮޕީކޮށް އިއްޔެ ފޮނުއްވާފައިވާ ސިޓީގައި ނައީމް ވިދާޅުވެފައި ވަނީ "ކޮމަންވެލްތު ޖަޖަސް އެންޑް މެޖިސްޓްރޭޓްސް ކޮންފަރެންސް 2011" އޭނާ ބައިވެރިކުރާ ގޮތަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ފުރަންޖެހޭ ފްލައިޓްގެ މައުލޫމާތާ އެކު އަންގަވާފައިވާ ކަމަށެވެ. ނަމަވެސް މި ކޮންފަރެންސްގައި ބައިވެރިވުމަށް ފިނޭންސުން ހުއްދަ ނުދޭ ކަމަށް ބުނެ ދަތުރުކުރެވެން ނެތް ކަމަށް ފަހުން އަންގާފައިވާ ކަމަށް ނައީމްގެ ސިޓީގައިވެ އެވެ.
ނައީމް ވިދާޅުވެފައި ވަނީ ފިނޭންސުން ހުއްދަ ނުދިން ކަމަށް ބުނެ އޭނާ ކޮންފަރެންސަށް ވަޑައިގަތުން ކެންސަލްކުރި ނަމަވެސް މި ދަތުރުގެ ހަރަދު ހަމަޖައްސާފައި ވަނީ ފަނޑިޔާރުން ތަމްރީންކުރުމަށް ޖުޑީޝަރީ އަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭ ފައިސާއިން ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އެހެން ކަމަށްވާ ނަމަ މި ދަތުރުގެ ހަރަދު ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އިންކާރުކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ އެވެ." ނައީމް ލިޔުއްވާފައިވެ އެވެ.
ނައީމް ވިދާޅުވެފައި ވަނީ ކޮންފަރެންސަށް ވަޑައިގަތުމަށް އޭނާ އަށް ފުރުސަތު ނުދެއްވި ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މި ކޮންފަރެންސްގައި ބައިވެރި ވުމުގެ ފުރުސަތު ދެވިފައި، އަޅުގަނޑުމެންނަށް ބައިވެރި ނުވެވޭ ގޮތަށް ހެދުމަކީ ސުޕީރިއާ ކޯޓްތަކުގެ ގާޒީންނާއި މެޖިސްޓްރޭޓް ކޯޓްތަކުގެ މެޖިސްޓްރޭޓުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އަޅުގަނޑުމެންނަށް ލިބެންވާ ތަމްރީނު ލިބުމުން މަހްރޫމްކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ދެކޭތީ ފިނޭންސް މިނިސްޓަރާ މެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އަންގަވާ ދެއްވުން އެދެމެވެ." މަޖިލީހުގެ ރުހުން ނުލިބެނީސް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅުއްވާ މައްސަލަތައް ނުބައްލަވަން ނިންމެވި މައްސަލާގައި މިދިޔަ މާޗް މަހު ސިވިލް ކޯޓުން ޖުވެނައިލް ކޯޓަށް ބަދަލުކުރި ގާޒީ ވިދާޅުވެފައިވެ އެވެ.
ގާޒީ ނައީމް ވަނީ ކޮންފަރެންސްގައި ސުޕީރިއާ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުން ބައިވެރިވުމަށް ބޭނުންވާ ފައިސާ ވަގުތުން ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އުއްތަމަ ފަނޑިޔާރު އަރިހުން އެދިވަޑައިގެންފަ އެވެ.
ފިނޭންސް މިނިސްޓަރާ މެދު ފިޔަވަޅު އަޅައިދިނުމަށް ގާޒީ ނައީމް އުއްތަމަ ފަނޑިޔާރަށް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ