ޔާމީންގެ ފަރާތުން ފެނުނީ މައުމޫން ނިކަމެތިވާ ގޮތަށް އަމަލުކުރި މަންޒަރު - ގާސިމް

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ފެނިގެންދިޔައީ އެމަނިކުފާނު ނިކަމެތިވާ ގޮތަށް އަމަލުކުރައްވަމުންގެންދެވި މަންޒަރުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
" ޒާތީ ފިތުނަ ލެއްވީ އަޅުގަނޑަކަށެއް ނޫން. އަމިއްލަ ބޭބެ އަށް (ޔާމން) . އެކަމުގެ ސަބަބުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން މައުމޫން އެކަހެރިވެވަޑައިގަންނަވަން ޖެހުނީ. އަޅުގަނޑުމެން ކުރިކަމަކާ ހެދިއެއް ނޫން،" ޖުމްހޫރީ ޕާޓީން ރޭ ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައިވެސް ހުންނެވި އަބްދުﷲ ޔާމީންގެ އޯޑިއޯއެއްގައި ހަޤީގަތާއި ޚިލާފު ވާހަކަފުޅުތަކެއް ޤާސިމާއި ގުޅޭގޮތުން ޔާމީން ދައްކަވާފައިވާތީ ކަމުގެ ހަޤީގަތް ހާމަކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއްގައެވެ.
އަމިއްލަ ބޭބެ ބަދުނާމުކޮށް ޔާމީން ވާހަކަ ދެއްކެވިއިރު އޭނާ ކަންތައް ކުރެއްވި ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގެ ހެކިވެސް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އެއްވެސް އަހަރަކު ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ޔާމީން ވޯޓް ދެއްވާފައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ދައުލަތުގެ ބަޖެޓު ކުއްލިއަކަށް ބޮޑު ކުރެއްވުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާ ކަމަށް ޔާމީން ވިދާޅުވަމުންގެންދަވާއިރު، ދިވެހިންނަށް މިއަދު އާސަންދައިގެ ހިދުމަތް ލިބި ގެއަށް ގެންދަން ލިބޭ މުސާރަކޮޅު ބޮޑުވެފައިވަނީ ބަޖެޓް ބޮޑު ކުރުމުން ކަމަށެވެ.
ލީކްވެފައިވާ އޯޑިއޯގައި ގާސިމް ފިނޭންސް މިނިސްޓަރުކަމުގައި ބޮޑު ބަޖެޓެއް ހުށަހެޅި މައްސަލާގައި ވެސް ޔާމީން ހިތްހަމަޖެހިވަޑައިނުގެން ފާޑުވިދާޅުވެފައިވާއިރު، އެކަމަށް ރައްދުގައި ގާސިމް ވިދާޅުވީ އޭނާގެ ފިނޭންސް މިނިސްޓަރުކަމަށް ވަޑައިގެންނެވިއިރު، ފަސް ބިލިއަންގައި ހުރި ބަޖެޓް 10 ބިލިއަން އަށް ބޮޑުކޮށްފައިވާނީ އާމްދަނީ ވެސް އިތުރުކޮށްގެން ކަމަށެވެ.
"މިއަދު މާތާހިރެއް ނުވާނެ ބޭބެ ގައިގާ ކޮޅުފައިން ޖައްސަވާފައި އެދުވަހު ނިކަމެތި ހާލަށް މައުމޫން ވައްޓަވާލައްވާފައި ޔާމީން ނިކުމެވަޑައިގެން މިކަހަލަ ވާހަކަ މީސް މީހުންނާއި ދައްކަވައިގެން ޔޫޓިއުބާއި ތަންތަނަށް ލައްވާކަށެއް. އަޅުގަނޑު އެއްގޮތަކަށްވެސް ޤަބޫލުކުރައްވާ ވާހަކައެއް ނޫން އެއީ. އަމިއްލަ ބޭބޭފުޅު ބަނދުނާމުކޮށް ވާހަކަދެއްކެވިއިރު ތިމަންނަ އަމިއްލައަށް ކަންތައް ކުރެއްވިގޮތް އަޅުގަނޑުމެންނަށް އިނގޭ. އެންމެ އަހަރަކުވެސް އަޅުގަނޑު ފިނޭންސް މިނިސްޓަރު ކަމުގައި ހުރިއިރު ބަޖެޓަކަށް ވޯޓެއް ނުދެއްވާ." ގާސމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށްވެސް މިރޭގެ ޖަލްސާގައި ގާސިމް އިބްރާހިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ ނަޝީދު އަލުން ވެރިކަމަށް ގެނެސްފިނަމަ އިސްލާމް ދީން ފުނޑުފުނޑު ކޮށްލުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ޤައުމުގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށެވެ.
އަދި މީގެއިތުރުން ޖީއެމްއާރަށް އެއާޕޯޓް ވެސް ދިނީ އަދި ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލީ ގާނޫނާ ހިލާފަށް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދޭއިރު ރައްޔިތުން އެފަދަ ކަންކަމަށް ވިސްނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ