ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެވަޑައިގެންނެވި ދަތުރުފަތުރުގެ ވަޢުދާއި ގުޅިގެން، އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުދޭން ކޮށްފައިވާ ހުކުމްގެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.
ދީބާޖާ މައްސަލާގައި މި މަހުގެ 15 ވަނަ ދުވަހު ސިވިލް ކޯޓުގައި އަޑުއެހުމެއް ވެސް ތާވަލުކުރިއެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.
ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް އޭރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކުގައި އެކަން ކުރަން ބޭނުންވާ ކަމަށާއި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތައް ގެނެސް ދެއްވުމަށް އޭޖީ މަޖިލިސް މެންބަރުންގެ ކިބައިން އެދިލެއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓު ބެންޗު ބަދަލުވި ފަހުންވެސް އެކަން ސުޕްރީމް ކޯޓަށް ރިވިއު ކުރާކަށް ދައުލަތުގެ ފަރާތަކުން ހުށަހަޅާފައި ނުވެއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މިދިޔަ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ނުކުރީ އެއަށް އިތުރު ބަދަލެއް ސުޕްރީމް ކޯޓުން އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.
"އެޓާނީ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި މި އޮންނަނީ މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އޭ އެހެންވީމަ އެއީކީއެއް ރަނގަޅު ގޮތެއް ނޫނޭ އަދި އެއީ މަގުބޫލު ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ނުކުރާ ކަމަށް. އެހެންވީމަ ދެން ދަށު ކޯޓުން ކޮށްފައިވާ ހުރިހާ ކަމެއް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމަނީ. އެހެންވީމަ މައުޟޫއީ ގޮތުން މި މައްސަލާގައި ސުޕްރީމް ކޯޓަށް ދިޔަސް ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތަތީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަކަށް އޭގެ ޒާތުގައި،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
މި މައްސަލާގައި މަޖިލީހުން ވަނީ ދީބާޖާ އަށް ބަދަލު ދިނުން މަޑުޖައްސާލަގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރަން ފާސްވެސް ކޮށްފައެވެ. ނަމަވެސް އޭގެފަހުންވެސް މި މައްސަލާގައި އެއްވެސް ގޮތެއް ނުނިމެވެ.
އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.
ދީބާޖާ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ