ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން ވޯޓަށް އެހި ގަޑީ ޖާބިރު ޖަލްސާ ބޮއިކޮޓު ކުރައްވައިފި

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް، ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުން މަޖިލީހުގައި މިއަދު ނެގިގެން ދިޔަ ވޯޓު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބޮއިކޮޓް ކުރައްވައިފިއެވެ. މިއީ 19ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ނަގަމުން ދިޔަ ވޯޓެއް ބޮއިކޮޓު ކުރެއްވި ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ދެ ނަމެކެވެ. އޭގެތެރެއިން އެއް ނަމަކީ ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައިީދެވެ. ދިޔާނާއަކީ ޖާބިރުގެ އަނބިކަނބަލުންނެވެ.
މަހާޒަހަށް މަޖިލީހުން ރުހުން މިއަދު ދީފައިވާއިރު އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.
ރައްޔިތުން މަޖިލީހުން މަހާޒުގެ ނަން ފާސްކުރިއިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެ ދެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރެއްވިއެވެ. އަދި ނިންމެވީ ދެ ނަންފުޅުގެ ތެރެއިން ނަމެއް މަޖިލީހުގެ ތަޅުމުން ފާސް ކުރުމަށެވެ.
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުން ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީން އެ މައްސަލަ ދިރާސާ ނުކޮން މައްސަލަ އޮތް ގޮތަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެއީ ގަވާއިދާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާއަށް ޖުޑިޝަރީ ކޮމެޓީން އަމަލުކޮށްފައި އޮތީ ގަވާއިދާއި ހިލާފަށްކަން އެނގިލައްވާނެ ކަމަށެވެ.
"އަޅުގަނޑު އިއުތިރާޒު ކުރަން އެ ރިޕޯޓަށް. އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާ، އެ މައްސަލަ ދިރާސާ ކުރުމަށް އަޅުގަނޑު ހުށަހަޅަން. ކޮމެޓީގެ އިޖުރާއަތްތަކާއި އެކުގައި އެކަން ކުރުމަށް އަޅުގަނޑު މި އެދެނީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރާނެ ކަމުގެ ވައުދާ އެކުގައި އެމްޑީޕީން ވެރިކަމަށް އައިއިރު، އެ ޕާޓީން މިހާރު އަމަލު ކުރަމުން ދަނީ ކުރިން ވެސް އަމަލު ކުރި ގޮތަށް ކަމަށެވެ. އަދި އެ މަސައްކަތަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަށް އަތްބޭނުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ޖާބިރު ވަނީ ސިފަކޮށްފައެވެ.
"އަޅުގަނޑު ނުދަންނަވަން ވަކި މީހަކު ހޮވާކަށަށް ވެސް. ރާއްޖޭގެ ޖުޑިޝަރީ ކޮމެޓީއޭ ކިޔައިގެން އަލުން ކޮމެޓީއެއް އުފައްދައިގެން ރައީސް ނަޝީދު، އެމްޑީޕީގެ ރައީސް އެތާ އިންނަވައިގެން ރައްޔިތުންގެ މަޖިލިސް އެމްޑީޕީގެ ހަރުގެއެއްހެން އޮޕަރޭޓުކުރާ އޮޕަރޭޓު ކުރުމަށް އަޅުގަނޑު އިއުތިރާޒު ކުރަމޭ، ތިޔަ ރިޕޯޓު އަލުން އައި މަގަށް ފޮނުވަން މި މައްސަލާގައި މިތަނުގައި ވޯޓަކަށް ނޭހޭނޭ، ގާނޫނު އަސާސީއާ ހިލާފަށް އަހާ ވޯޓެއްގައި އަޅުގަނޑު ބައިވެރިއެއް ނުވާނަމޭ، އަޅުގަނޑު ބޮއިކޮޓު ކުރާނަމޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީން މަސައްކަތް ކުރަން ވާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ