ބޭލްއާ ދެކޮޅު ނުވުމަށް ރެއާލްގެ ސްޕޯޓަރުންގެ ކިބައިން ރޮނާލްޑޯ އެދެފި

ސްޕެއިން ލީގު ތާވަލްގެ އެންމެ ކުރިގައި މިހާރު އުޅޭ ރެއާލް މެޑްރިޑުގެ ފޯވާޑް ގެރެތު ބޭލްއާ ދެކޮޅު ނުވުމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ސަޕޯޓަރުންގެ ކިބައިން އެދެފިއެވެ.
ފަހަކަށް އައިސް ބޭލްގެ ކުޅުމާމެދު ހިތްހަމަ ނުޖެހިގެން ރެއާލްގެ ސަޕޯޓަރުން އޭނާއާ ދިމާކޮށްފައި ވާއިރު، ރޮނާލްޑޯ ބުނީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކަށްވެސް މިސްޓޭކް ހެދޭނެ ކަމަށާއި، ބޭލްގެ މިސްޓޭކަކީ މިހާރު ފަހަނަ އަޅާ ގޮސްފައިވާ ކަމެއް ކަމަށެވެ. އަދި ބޭލް އާމެދު ރަނގަޅަށް ކަންތައް ކުރުމަށް ރޮނާލްޑޯ ވަނީ ރެއާލްގެ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
"ހޮނިހިރު ދުވަހުގެ މެޗުގައި ހިނގާ ދިޔަ ކަންތަކަކީ މާޒީގެ ކަމެއް. އަހަންނަށްވެސް، އެހެން ކުޅުންތެރިންނަށްވެސް މިސްޓޭކްސް ހެދޭނެ. އެއީ ފުޓްބޯޅައިގެ ބައެއް. އަހަރެން ދެކޭ ގޮތުގައި އެންމެންވެސް ބޭލްއާ މެދު ކަންތައް ކުރަން ޖެހޭނީ ރަނގަޅަށް. އަދި އަހަރެން އުންމީދުވެސް ކުރަނީ އެގޮތަށް އެކަން ވާނެ ކަމަށް،" ރޮނާލްޑޯ ބުންޏެވެ.
ބޭލްއަށް ރެއާލްގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވީ މިދިޔަ ހޮނިހިރު ދުވަހު ރެއާލް އާއި އެސްޕެންޔޯލް ބައްދަލުކުރި މެޗުގައި ރެއާލް އުފެއްދި ހަމަލާއެއްގައި، ރޮނާލްޑޯ ގޯލެއް ކާމިޔާބު ކުރެވޭ ހިސާބުގައި ހުއްޓައި އޭނާއަށް ބޯޅަ ނުދީ ބޭލް އަމިލައަށް ގޯލަށް ޝޮޓު ނެގުމުންނެވެ.
އޭގެ ކުރިން ވެލެންސިޔާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗެއްގައިވެސް ރެއާލްގެ ކަރީމް ބެންޒެމާ ރަނގަޅު ޝޮޓެއް ފޮނުވާލެވޭ ހިސާބެއްގައި ހުއްޓައި އޭނާއަށް ބޯޅަ ނުދީ ބޭލް ވަނީ އަމިއްލައަށް ގޯލަށް ޝޫޓު ކޮށްފައެވެ. އެ ދެ ފަހަރުވެސް ބޭލްގެ ޝޮޓު ގޯލަށް އަމާޒު ވެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހުގެ މެޗުގައި ރޮނާލްޑޯއަށް ބޯޅަ ނުދީ އަމިއްލައަށް ޝޮޓު ހަދައި، ގޯލެއް ކާމިޔާބު ނުކުރެވުމުން އެ މެޗުގައި ސަޕޯޓް ކުރަން ތިބި ރެއާލްގެ ސަޕޯޓަރުން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ރޮނާލްޑޯ ބުނީ ރެއާލްގެ ސަޕޯޓަރުންނަކީ އެމީހުންގެ އިހުސާސްތައް ފާޅުކުރަން ފަސް ނުޖެހޭ ބައެއް ކަމަށެވެ.
"ރެއާލްގެ ސަޕޯޓަރުންނަކީ އަބަދުވެސް އެފަދަ ބައެއް. ރެއާލްގެ ސަޕޯޓަރުން އެ މީހުންގެ އިހުސާސްތައް ފާޅު ކުރާކަށް ފަހެއް ނުޖެހޭނެ. އަދި ރެއާލްގެ ސަޕޯޓަރުންނަކީ ދޮގު ހަދާ ބައެއްވެސް ނޫން. ނަމަވެސް ބޭލްއަކީ ރެއާލަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ސަޕޯޓަރުންނަށްވެސް އެކަން އެނގޭނެ،" ރޮނާލްޑޯ ބުންޏެވެ.
ރެއާލްގެ ސަޕޯޓަރުން ބޭލްއާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައި ވާއިރު، އެނާ ރެއާލްއަށް ކުޅެން އެހާ ހިތްހަމަ ނުޖެހޭ ކަމަށާއި، ޔުނައިޓެޑުން އޭނާއާމެދު ޝައުގުވެރުކަން ފާޅުކޮށްފައި ވާކަމަށް ބައެއް ފަރާތްތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ